ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް، ރާއްޖޭގައި ފަހުގެ ތާރީހުގައި ހިނގި ބޮޑެތި އެތައް މައްސަލަ ތަކެއްގައި ތުހުމަތު ކުރެވެ އެވެ. އޭގެ ތެރެއިން ތިން މައްސަލައެއްގައި ކުށް ސާބިތުވެ، އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް ވެސް އައެވެ. ނަމަވެސް ކުއްލިއަކަށް، މަތީ ކޯޓުތަކުން މި ވަނީ އެ ހުކުމްތައް ބާތިލް ކޮށްފަ އެވެ.
އެގޮތުން ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރި ނަމަވެސް، ހައި ކޯޓުން އެ ހުކުމް ބާތިލް ކޮށްލި އެވެ. އަދި އެއަށް ފަހު، ފިސްތޯލައެއް ގެންގުޅު މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ.
އޭގެ އިތުރުން ޅ. މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ހިޔާނާތްތެރިވިކަން ސާބިތުވުމުން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ އަށް އަހަރުގެ ޖަލު ހުކުމް ވެސް ހައި ކޯޓުން ވަނީ ސުވާލު އުފެދޭ ގޮތަކަށް ބާތިލް ކޮށްފަ އެވެ.
މާބިންހުރާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލާގައި އަދީބުގެ އިތުރުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ވަނީ އަށް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އަދި ހަމަ އެ މައްސަލާގައި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށް ލުމަށް ވެސް ހުކުމް ކުރި އެވެ.
އެ މައްސަލާގައި އަދީބާއި، ޒިޔަތު އަދި ހާމިދު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރި އެވެ. ނަމަވެސް އެ މައްސަލާގައި އަދީބުގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ގޯސްކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމެވި އިރު، ހަމަ އެ މައްސަލާގައި ދަށު ކޯޓުން ޒިޔަތާއި ހާމިދުގެ މައްޗަށް ކުރި ހުކުމް ރަނގަޅު ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ.
އޭގެ އިތުރުން އަދީބުގެ މައްޗަށް އެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ހުކުމް ގޯސްކަމަށް ހައި ކޯޓުން ކަނޑައެޅީ، އެ ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުންނެވެ. އިސް ފަނޑިޔާރު ޝުޖާއު އަދީބުގެ މައްސަލަ ބައްލަވަން ވަޑައިގެންނެވީ ޗުއްޓީގައި ހުންނަވައި، ސީދާ އެ މައްސަލަ އަށް އެކަނި ކަމުން އެ ކަމުގައި އެހެން ކަންތައްތަކެއް ނުވަތަ ގޯސްތަކެއް އުޅޭ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އަދީބުގެ މައްސަލަ އަށް ކޯޓަށް ވަޑައިގެން، އަދީބު މިނިވަން ކުރުމަށް އަގުލަބިއްޔަތު ހޯއްދަވައި ދެއްވުމަށް ފަހު، އެނބުރި ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް، ފަހުން ޗުއްޓީ އެއްކޮށް ނުނިމި އުޅެނިކޮށް ރަސްމީ މަސައްކަތަށް އެނބުރި ވަޑައިގެންނެވި ކަން އެނގިފައި ވެއެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔު ވަނީ ތަފާތުވެފަ އެވެ. އެގޮތުން އެ މައްސަލާގައި ހުށަހެޅުނު ހެކިތަކަށް ބަލާއިރު އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން އެ މައްސަލާގައި އަދީބާ އެކު ޒިޔަތަށް ވެސް އަށް އަހަރަށް އަދި ހާމިދު ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވާކަން ފަނޑިޔާރު ޝުއައިބު ވެސް ފާހަގަ ކުރެއްވި އެވެ.
އެ މައްސަލާގައި އަދީބު ދޫކޮށްލީ ރަނގަޅަށް ކަމަށް ވާނަމަ، ހައި ކޯޓުން އެ މައްސަލާގައި ހިމެނޭ އަނެއް ދެ ބޭފުޅުންގެ ހުކުމް ރަނގަޅު ކަމަށް ނިންމީ ކޮން ހަމައަކުން ކަން ހާމަކުރަން ޖެހެ އެވެ. ނުވަތަ ކުރިން އެ ދެ ބޭފުޅުންގެ ހުކުމް ރަނގަޅު ކަމަށް ނިންމީ ކޮންމެވެސް މައްސަލައެއް ދިމާވެގެން ހެދުނު ގޯހަކުން ކަމަށް ވާނަމަ، އެ ދެ ބޭފުޅުންނަށް ވެސް "އިންސާފު" ލިބެން ޖެހޭނެ ނޫންތޯ؟