Adeeb beyrah furuvaalaathee kamaabehey idhaaraathakuge verin committee ah haaziru kuranee
image
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން--
0 ކޮމެންޓް
 

އަދީބު ބޭރަށް ފުރުވާލާތީ ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރު ކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ހުއްދަ ދިނުމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުމުން ބާއްވާފައި ވަނީ ބޮޑެތި ޖިނާއީ ތުހުމަތު ތަކެއް ކުރެވިފައިވާ އަދީބު ބޭސް ފަރުވާ އަށް ފުރުވާލުމަށް ކަރެކްޝަނުން ހުއްދަ ދިނުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ މިއަދުގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ކުއްލި މައްސަލަ ހުށަހެޅުމާއި ގުޅިގެން މަޖިލީހުގެ އެއްވެސް މެމްބަރަކު އަދީބަށް ބޭސް ފަރުވާ ދިނުމަށް ދެކޮޅެއް ނުހައްދަވަ އެވެ. ނަމަވެސް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ގިނަ މެމްބަރުން ދެކޮޅު ހައްދަވާފައި ވަނީ އަދީބުގެ މައްޗަށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އުފައްދަވާފައިވާ ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނާއި ދައުލަތުގެ ފައިސާ އަށް ހިޔާނާތްވި މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްޓަކަ އެވެ.

އެ ދެ ކޮމިޝަނަށް ގާނޫނީ ބާރު ދޭން ރިޔާސީ ކޮމިޝަން ބިލް، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ އިން ވަނީ ފާސްކޮށްފަ އެވެ.

މަޖިލީހުގެ ހެނދުނު ދަންފަޅި ކުރިއަށް ގެންދަމުން ދިޔައިރު، ކުއްލި ގޮތަކަށް ވަނީ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމަށް ގޮވާލައްވާފަ އެވެ. އެކޮމިޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްގެ އިސް ނެންގެވުމުގެ މަތިން، އެކަމަށް ގޮވާ ލެއްވީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެވެ.

އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.

ކަމާބެހޭ އިދާރާތަކުގެ ވެރިންނާއެކު ބާއްވާ ބައްދަލުވުން މިއަދު ހަވީރު ހަތަރެއް ޖަހާ އިރު، ބޭއްވުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މީކާއިލް ވިދާޅުވީ އަދީބު ފުރައިގެން ދިޔުމަށް ހުއްދަ ދިން އިރު، އޭނާ ފުރައިގެން ނުދާނެކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތައް ސާފު ކުރަން ޕްރިޒަންސް ކޮމިޝަނަރު ހާޒިރު ކުރަން ޖެހޭ ކަމަށެވެ.

އެ ކުއްލި މައްސަލަ ފާސް ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 56 މެމްބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެމްބަރުންނެވެ. މަޖިލިހަށް ހާޒިރުވެ ތިއްބެވީ 58 މެމްބަރުންނެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.
ހިޔާލު