Adeeb raajjein beyrah furumugai Gasim ge bas magu thafaathu!?
image
މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް--
3 ކޮމެންޓް
 

އަދީބު ރާއްޖެއިން ބޭރަށް ފުރުމާއި ގުޅޭ ގޮތުން ގާސިމްގެ ބަސްމަގު ތަފާތު!؟

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމާއި އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލާއިރު އެނބުރި ގައުމަށް ނާންނާނެ ކަމުގެ ބިރު އޮތުމާއެކު، އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަމުންދާއިރު އޭނާ ރާއްޖެއިން ބޭރަށް ފޮނުވާލުމުން އެއްވެސް މައްސަލައެއް ނޫޅޭނެ ކަމަށް ބުނާ މެންބަރުން ވެސް މަޖިލީހުގައި އެބަ ތިއްބެވި އެވެ.
މިއަދު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ އެކަމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ގޮވާލައިފަ އެވެ. އަދި މިއަދު ކަމާ ގުޅުންހުރި އިދާރާތަކުގެ ބޭފުޅުންނާއި ވެރިން މަޖިލީހަށް ހާޒިރު ކުރުމަށް ވެސް ގައުމީ ސަލާމަތާއި ހާރިޖީ ކަންކަން ބަލާ ކޮމެޓީން ވަނީ ނިންމާފަ އެވެ.

މިކަމުގައި ގިނަ މެންބަރުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު ރައްޔިތުން މަޖިލީހުގައި ކުރިން ރައީސްކަން ކުރައްވާފައިވާ އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ރާގު އެހެން މެންބަރުންނާއި މުޅިން ތަފާތުކަން ފާހަގަވެ އެވެ. އެމަނިކުފާނު ވިދާޅުވީ އަދީބު ރާއްޖެ އިން ބޭރަށް ބޭސް ފަރުވާ އަށް ފޮނުވަން ޖެހޭ ކަމަށެވެ.

ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ލަންޑަނަށް ވަޑައިގަތީ ބޭސް ފަރުވާ އަށް ކަމަށާއި ނަމަވެސް އެމަނިކުފާނު ވެސް ފިއްލެވީ ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރި ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވެސް ފޮނުވަން ޖެހޭ މެޑިކަލް ރިޕޯޓުތައް ބަރާބަރަށް ކަމާ ގުޅުން ހުރި އިދާރާތަކަށް ފޮނުވަމުން ދިޔަ ކަމަށާއި އެކަން ބަލަން ޖެހޭ އިދާރާތަކުން އެކަން ނުބަލައި ނުވަތަ ގަބޫލު ނުކުރުމަކީ ބަޔަކު މީހުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

"އެހެންވީމަ މިއަދު އަހްމަދު އަދީބަށް އިންސާނީ ހައްގުތަކާއި ގުޅޭ ގޮތުން ދޭން ޖެހޭ އެއްޗެއް އޭނާ ފިލައިވަޑައިގަތަސް ނުވަތަ ނޫނަސް. މެޑިކަލް ރިޕޯޓު ފޮނުވީމަ އެކަން ގަބޫލު ނުކޮށް ހުރުމަކީ އެއީ އަދި ވަކި މައްސަލައެއް. އެހެންވީމަ އެ މައްސަލަ މިއަދު އެހާ ހިސާބަށް ދާނީވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކަންތައްތަކެއް ހުރެގެން. އެހެންވީމަ ސަރުކާރުން އެކަން އެގޮތަށް ކުރައްވާކަށް ހޯމް މިނިސްޓަރު ވެސް އެހެން ވިދާޅުވެ އެގޮތަކަށް އެ އާއްމެއް ނުކުރައްވާނެ،" ގާސިމް ވިދާޅުވި އެވެ.

އެކިއެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އަދީބުގެ ހުކުމްތައް ބާތިލް ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއްޔެ ވަނީ ދީފަ އެވެ.

މިކަމާއި ގުޅޭގޮތުން މިއަދުގެ މަޖިލީހުގައި ގިނަ މެންބަރުން ވާހަކަފުޅު ދެއްކެވީ އަދީބުގެ އެ މައްސަލަ އަށް ކަންބޮޑުވުން ފާޅުކޮށެވެ. އަދި އަދީބު ރާއްޖެ އިން ބޭރަށް ކުއްލި ގޮތަކަށް ފޮނުވާލާތީ އެއީ ރޭވުމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނައިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އޭނާ އެނބުރި ރާއްޖެ އަންނާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކުގެ ގިނަ ތުހުމަތުތަކެއް އަދީބުގެ މައްޗަށް ކުރެވޭއިރު އެ މަރުތަކުގެ ހަގީގަތް ހޯދުމަށް އެކަމުގެ ސަބަބުން ހުރަސްތަކެއް އެޅިގެން ދާނެ ކަމަށެވެ.

ކުއްލި މައްސަލަ މަޖިލީހަށް ވެއްދި މީކާއިލް ވިދާޅުވީ އެމްއެމްޕީއާރްސީން ގެއްލިގެން ދިޔަ ފައިސާތައް ދައުލަތަށް ކޮންމެވެސް ދުވަހަކުން ހޯދި ދާނެ ކަމަށެވެ. ނަމަވެސް ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަށް އެކަމުގެ ސަބަބުން ދައުލަތަށް އެތައް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.
ހިޔާލު

ޝާމިން

މައްސަލައެއް ނޫން ވީމަތާ ފޮނުވާލީ

Aamiraa Moosa

ގާސިމުުުުުުުުުުވެސްފިލީ އައްނިވެސްފިލީ އަދީބުފިލީމަކޮބާމައްސަލަޔަކީ؟

ޚީރާް

ނަޝީދު ރާއްޖެއިން ބޭރަށް ފުނުވީ އެމަނިކުފާނާއިއެކު ހަށިފާރަވެރިޔަކާ އެކުގައެއް ނޫން. . އަދީބު މުޅިންތަފާތު. އެއީ ގޮތް ނޭންގެ މަރުތަކާ ފައިސާ ގެ ތުހުމަތު ކުރެވިފައިވާ މިހެއް