Vaahaka: Dhin Ufaa Loabin
image
ފުނަމާ
2 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

(13 ވަނަ ބައި)
މުސްކާން ބުނެފާނެ ކަމަށް ހީވެސް ނުކުރާކަމެއްގެ އަޑު، ޔަނާލްގެ ކަންފަތުގައި ހަރުލައިފިއެވެ. ޖެހިލުންވިއެވެ. ވިސްނާލަން ޖެހުނު ވަގުތުކޮޅެކެވެ. އެކަންކުރާން ޔަނާލްއަށް ފަސޭހައެއްނުވާނެއެވެ. ކުއްލިޔަކަށް ހަނދާންވީ ޝަރީފުގެ މަތީންނެވެ. ސުވާލު މާކެއް އެދެމެދަށް ފެއްތިއްޖެއެވެ. ޝަރީފުއަށް ހިލަމެއްވެސް ނުވެ، އޭނާގެ ލޯބިވެރިޔާގެ ކިބައިން މިފަދަ ކަމެއް ޔަނާލް އެދޭނީ ކިހިނެއް ހެއްޔެވެ؟ އެސްފިޔަތަކުގެ ހަރަކާތް ފާޅުވެގެންދިޔަވަގުތު ލޮލުގެ ކަޅި ދެކޮޅަށް ހަރަކާތްކޮށްލިއެވެ. ޔަގީންނުވާކަމެއް ސިކުނޑީގައި އެނބުރެލައިފިކަމުގެ ނިޝާނެކެވެ. ހާސްކަމުގެ ކުލަތައް ޔަނާލްގެ މޫނުގައި ގަދަކޮށްލިއެވެ.

"ދަރިފުޅާ..!" ޔަގީންކަން ކުޑަ ގޮވާލުމެކެވެ. ކުރަން ފަސޭހަކަމެއްނޫންކަމުގެ ނިޝާންތައް މުސްކާންއަށްވެސް ފާހަގަކުރެވުނެވެ.

"ޕްލީޒް ބައްޕާ" ދެއަތް ޖޯޑުކޮށްލަމުން މުސްކާން ބުނެލިއެވެ. އާދޭހުގެ ތޫނު ދޯދިތައް ބައްޕަގެ ލޮލާއި ހަމައަށް ފޮނުވާލިއެވެ.

ދަރިފުޅުގެ އާދޭހުގެ އެންމެ ލަފްޒަކަށްވެސްޔަނާލްގެ ކަންފަތް ފަރިތައެއްނޫނެވެ. މުސްކާންގެ ހަށިގަނޑުގައި ބައްދާލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކުއެވެ. ދުނިޔޭގެ ހުރިހައި އުފަލެއް އެދަރިފުޅަށް ލިބުން އިންތިހާއަށް އެދޭ ބައްޕައެކެވެ. ނަމަވެސް އުމުރުން ސަތާރަ އަހަރުވެގެން ދިޔައިރުވެސް މަންމަގެ ކުލަ ތަސްވީރެއް، މުސްކާންއަށް ދައްކާލުމަށް ޔަނާލްވަނީ ނުކުޅެދިފައެވެ.

ދުވަހަކުވެސް ނިމާ ގެ ހަނދާންތަކުން އުނދަގޫނުވާ ވަރަށް ޔަނާލްއަށް އުނދަގޫވެއްޖެއެވެ. މުޅި ދުނިޔޭގައި އަތްފުނާއަޅައިގެންވެސް އެކަން ކުރަން ޔަނާލް އެހުރީ ތައްޔާރަށެވެ.

"ތިކަމަށް ކުޑަ ވަގުތުކޮޅެއް ބައްޕައަށް ދީފާނަންތަ؟" މަޑުމައިތިރިކަމާއެކު މުސްކާންއަށް ޔަނާލް ބުނެލިއެވެ.

"ބައްޕަ ބޭނުންވަގުތެއްގައި، ބޭނުން ދުވަހަކު.. އެކަމަކު އެހައި ގިނަދުވަސް ނުކުރާނަން ދޯ؟" ވަރަށް ލޯބިން މުސްކާން ބުނެލިއެވެ. ކޮންމެކަމެއްގައިވެސް ބައްޕައަށް އިޙްތިރާމްކުރުމަކީ މުސްކާންއަށް ލިބޭ ހިތްހަމަޖެހުމެކެވެ.

ދެބަފައިންގެ އަގުހުރި ވަގުތުކޮޅުގެ ނިމުންއައީ ނުހަނު އިތުބާރާއި ލޯބި އެދެމެދުގައި ވަރުގަދަކުރެވިގެންނެވެ. އިހުނަށް ވުރެން އެތައް ގުނައެއް ޔަނާލްގެ ހިތުގައި ޔަގީންކަން ބޮޑުވިއެވެ. ދިރިއުޅުމުގެ ސިލްސިލާއިން މުޅިން އާ ބާބެއް ފަށަން ތައްޔާރުވީއެވެ. ދަރިފުޅަށް ޓަކައެވެ. އުމުރުގައި ހޭދަކުރި އެކަނިވެރި ދުވަސްތަކުގެ ހައްގުގައެވެ.

***

މަންޒިލެއް ނެތް މުސާފިރެއްފަދައިން މަގުތަކުގައި އެތައް އިރަކު ދުއްވާފައި ޝަރީފު ގެއަށް އެއައީ ޝެނީންގެ ގާތަށްދާނެ މަގު ހަނދާންނެތިގެން ނޫނެވެ. މިވަގުތު ޝެނީންގެ ކުރިމައްޗަށް އަރަން ޝަރީފުއަށް ފަސޭހައެއްނޫނެވެ. ޔަނާލްއާއިއެކު ދެކެވުނު ވާހަކަތައް ސިއްރުކުރީތީއެވެ. ޔަނާލްއާއި ހަމައަށް ވާސިލްވެވޭނެ ފާލަމެއްގެ ގޮތުގައި ޝަރީފު ބޭނުންކުރީތީއެވެ.

ފެށުމުގައި ލޯބި އެކުލެވިފައި ނުވިޔަސް، ޝަރީފުގެ ހިތާއި ފުރާނައިން ޝެނީންއަށް އެދެވެންފެށިތާ ކިތަންމެ ދުވަހެކެވެ. އެފަދަ ގުޅުމެއްގައި ބަނދެވި، މީހެއްގެ މަޅީގައި ޝަރީފުގެ ނަފުސު ގައިދުކުރެވިދާނެކަމަށް އޭނާއަށް ވިސްނިފައިވެސް ނެތް މިންވަރަށް، ޝެނީންދެކެ ލޯބިވެވިއްޖެއެވެ.

ޖީބުގައި އޮތް ތަޅުދަނޑިން، ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަން އުޅުނުވަގުތު ދޮރުދޭތެރޭގައި ޝަރީފު ތާށިވިއެވެ. ފެންނާން އޮތް ހަނި ދޭތެރެއިން ބޯ ދިއްކޮށްލާފައި ގޭތެރެ ބަލާލިއެވެ. ކުދިން ކުޅެން ގެންގުޅުނު ހުރިހައި އެއްޗެއް އެތަންމިތަނަށް އުކާލާފައި އޮތްތަން ފެނުމުން ދެބުމަ ގޮއްޖަހާލާފައި އަތް މުށްކަވާލެވުނެވެ. ދޮރުނުހުޅުވުނު ސަބަބާއިމެދު ކިތަންމެ ހިތްހަމަނުޖެހުނަސް، އެހެންމީހެއްގެ އެހީއެއް މިވަގުތު ބޭނުންވާތީ ނަފުސުގެ މައްޗަށް ބާރުފޯރުވަން މަޖުބޫރުވިއެވެ. ނިޝާނާއަށް ގުޅާލަން ހިތް ބުނެލިއެވެ. ނިދާފައި އޮއްވައި ގޮވައިފިނަމަ، ވާނެގޮތްވެސް ޝަރީފުއަށް އިނގެއެވެ.

ފޯނު ނެގީވެސް ހަތަރު ފަސްހަފަރު ގުޅިފަހުންނެވެ.

"ނިދާފައި އޮއްވައި އުނދަގޫ ނުކުރާށޭ ބުނެފައި އޮންނާނީ..! އެހެންނޫނަސް އަހަރެން ނުދެނަހުރިން، މިގޭގައި އިތުރުމީހަކު ނިދަން ޖާގައެއް އޮންނަކަމެއް" ވަރަށް ނުރުހިފައި ނިޝާނާ ބުނެލިއެވެ. ފައިންޖަހާފައި ކުޅޭއެއްޗެއްހިތައް އެކިދިމަދިމާއަށް ބުރުވާލީ އޭނާ ހިނގާނެ، ހުސްޖާގައެއްވެސް ނެތީމައެވެ.

"މިވަރު ތަންފުކެއް ބޮޑު! މިވެސް އިންސާނުން ދިރިއުޅޭ ތަނެއްވިއްޔަ!" ގޭތެރެއަށް ވަދެވުމާއެކު ޝަރީފުގެ ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. ނިޝާނާ ބުނި އެއްޗެއް އަޑުއިވުނުކަމަށްވެސް ނުހެދިއެވެ. ކައިފައި ނުދޮވެހުރި ތަށިތައް ސިންކްތެރޭގައި ބަރިޖަހާލާފައި ހުއްޓެވެ. ޕިއްޒާ ގެނެސްފައިވާ ފޮށިތަކާއި ކޮތަޅުތައްވެސް ތަރުތީބެއްނެތި ކާމޭޒުމަތީގައި އޮތެވެ.

"މަށަކަށްވެސް ދުނިޔޭގައި ލެއްވި ހުރިހައި މަސައްކަތެއް ނުކުރެވޭނެ.. ރޭންސުރެން އާލާ އެއޮތީ ހުމާ! ކިތައް ފަހަރު ހޮޑުލައިފި.. އެހުރިހައި ކަމެއްވެސް ކުރަންވީ މަގޭ މިއަތުން" ނިޝާނާގެ އަތް ދައްކާލާފައި ބުނެލިއެވެ.

"ބަލިވާނެ މިވަރުވީމައި.. ގޭގައި އަބަދުވެސް ފައިސާހުންނާނެ.. ކީއްވެ އާލާ ޑޮކްޓަރަށް ނުދެއްކީ؟" ޝަރީފުގެ ސުވާލާއެކު ނިޝާނާގެ ތުންއަނބުރާލިއެވެ.

"ރަށްފުށުގެ ގޮނޑެއްވެސް މިވަރުނުވާނެ" ދުލަށް އައި ޖުމުލަ ޝަރީފު ބުނެލިއެވެ.

"އެހެންވެދޯ ރަށްފުށުގެ ގޮނޑަކުން އުނބުގަނޑެއް ހޯދައިގެން އޭތި އޮމާންކުރަން ތި އޮންނަނީ" ވަރަށް ރުޅިއައިސްފައި ނިޝާނާ ބުނެލިއެވެ.

ނިދަން އޮވެފައި ތެދުވެ ހުރުމުން، ބޮލުގެ އިސްތަށިގަނޑުވަނީ ތަރުތީބެއްނެތި ހޭވިފައެވެ. ފެންނަ ފެނުމަށް، ނިޝާނާގެ ބުޅި އިސްތަށިގަނޑުން ގޮށްފިލުވި ދުވަހެއް އަންދާޒާކުރުން ފަސޭހައެއްނޫނެވެ. ރުޅިއައިސް ދެލޯ ވައްކޮށްލުމުން ނިޝާނާގެ ސިފަ ދެކެން، ޝަރީފުއަށް އުނދަގޫވިއެވެ.

"މާ މޮޅު ވާހަކަދައްކަން އުޅޭނެކަމެއްނެތް.. އަމިއްލަ ބޮލުގައި ޝޭމްޕޫލައިގެން ދޮވެގެން ތެޔޮލާފައި ގޮއްފިލުވަން ދަސްކޮށްބަލަ" ގަސްތުގައި އަނބިމީހާއަށް މަލާމާތްކޮށްލިއެވެ. ފިރިމީހާ އެދޭގޮތް ނިޝާނާއަށް އެނގެންޖެހޭވަރަށް، އެކަމަށް ޝަރީފުވަނީ އެދެފިއެވެ. ހިތްހަމަނުޖެހުމުން ތަންކޮޅެއް ހަޑިކޮށް ބުނެވެނީއެވެ.

"އަހަރެންގެ ބޮލާއި އެހެންތަންތަން ފުނާނާޅާތީ، އެތަންތަން އޮމާންކޮށްގެން އޮންނަ މީހެއްގާތުގައި ނޫންތަ ކޮންމެ ރެއަކު ވަދެ ތިއޮންނަނީ؟ ކީއްކުރަން މިތަނަށް ތިއައީ؟ މިރޭ ކައިރީގައި ނުބޭއްވީތަ؟" މަލާމާތުގެ ބަސްތަކުން ނިޝާނާވެސް ޒުވާބު ފެށިއެވެ.

"ހެޔޮނުވާނެ.. އަމިއްލަ ސޫރަ އަމިއްލަ ލޮލުން ދެކިލަން، ލޯގަނޑުކުރިމަތީގައި ހުއްޓިލާބަލަ! ފިރިމީހާ ގެއަށް ނުވަންނަ ވާހަކަތިދައްކަނީ، މިތަނަށް އަހަންނަށް ވަދެވެން އޮވޭތަ؟ ޒުވާބުކުރުމާއި އަރާރުންވުން ނޫންކަމެއް މިތާގަ އޮވޭތަ؟ ކިތަންމެ ބޯ ހާސްވެގެން އައިސްވަދެލިޔަސް، ގޭތެރެއެކޭ ގޮނޑެކޭ އެއްފަދަވާނެ.. ދެން ކިހިނެއް މިތާގައި ކެތްކުރާނީ؟" ހިތްހަމަނުޖެހޭ ކަންކަން ޝަރީފުގެ ފަރާތުން އަޑުއިވުމަކީ ނިޝާނާއަށް އާކަމެއްނޫނެވެ.

އަމިއްލަ ކުށް ތިމާ ކުރިމަތީގައި ފާޅުވާއިރުވެސް އެކަންކަން ރަގަޅުކުރުމަށް ނިޝާނާ މަސައްކަތެއް ނުކުރެއެވެ. ފިރިމީހާއަށް އިޙްތިރާމްކުރުމަކީ ނިޝާނާ ދަންނަ ސިފައަކަށްނުވެއެވެ. އޯގާތެރިކަމާއެކު އަނގައިންބުނެލުމަކީ ބޭނުންތެރި ކަމަކަށްވެސް ނުވެއެވެ. ގެއަށް އައުމުން ކާއެއްޗެއް ހަދައިދީ، ފިރިމީހާއަށް ޚިދުމަތްކޮށްދިނުމަކީ ނިޝާނާގެ ނަޒަރުގައި މުހިއްމުކަމެއްނޫނެވެ.

"އަހަރެން ވަރަށް ބަނޑުހައިވެގެން މިއައީ.. ކޮންމެވެސް އެއްޗެއް ގޭގައި ހުންނާނެކަމަށް ހީކުރީ.. އިއްޔެވެސް، އެއްޗެހިގަނެގެން ގެނެސް ކަބަޑުތަކަށް ލާއިދިފަ ދިޔައީ.. ބުނިން އާންމުކޮށް ބޭނުންވާނެ ހުރިހައި އެއްޗެއް އެހެރީ ގެއަށް ހަމަކޮށްފައޭ.. ގޭގައި އެއްޗެއް ހަދާފައި، ދަރިންނަށް ކާންދޭނެ ދުވަހަކަށް، އިރުއަރާނެބާ؟ ކުކުޅާއި ތަރުކާރީއާއި މޭވާއަށް ދާންދެންވެސް ހުންނާނީ ގެނެސްފައި" އަމިއްލަ ދިރިއުޅުމާއިމެދު ޝަރީފު މާޔޫސްވެފައިވާ މިންވަރު ނިޝާނާއަށް އިހުސާސްނުކުރެވެއެވެ.

"ކައްކާނެ އެއްޗެހި ގެއަށް ގެނެސްފައިހުރިއްޔާ.. އަމިއްލައަށް އެއްޗެއް ހަދާލަބަލަ! އެއީ މައްސަލައެއް ނޫނޭ.. ދިރިއުޅުމުގައި ދެމީހުންވެސް ހަމަހަމަ.. އަހަރެން ދަރިންބަލަނީ..ދެން ޝަރީފުއައިސް އަހަރުމެން ދެމީހުން ކާލާވަރަށް އެއްޗެއް ހަދާލުމަކީ މައްސަލައެއްނޫނެއްނުން" ނިޝާނާ ބޭނުންވާގޮތް ބުނެލި ރާގު ތަފާތެވެ. ހަމަހިމޭންކަމާއެކު އަނގައިންބުނީ، އޭނާވެސް ބަނޑުހައިވެފައި އިނުމުންނެވެ.

"ދެން ކޮންމެސް އެއްޗެއް ހަދާލަބަލަ.. އޯކޭވާނެ، ނޫޑްލްސް ވިޔަސް.. އަހަރެންގެ ފައިގައި ރިއްސާތީ މިއުޅެނީ" ދެފައި ދަމާލާފައި އިގިލިތައް ހަރަކާތްކުރުވަމުން ނިޝާނާ ބުނެލިއެވެ. ބުމަ ހިއްލާލަމުން، ދެފަރާތަށް ޝަރީފް ބޯ ހޫރާލިއެވެ.
އާދައިގެމަތީން، ގަމީސް ބާލާފައި ޝަރީފު އެވަނީ ބަދިގެއަށެވެ.

***

އަތޮޅުތެރެއަށް ކުރަމުންދިޔަ ވިއްސާރައިގެ އަސަރު މާލެއާއި ހަމަޔަށް ފޯރައިފިއެވެ. ދުވާލުގެ ވަގުތުތަކުގައި ކެރިގަނޑު ތުނިކޮށްލިޔަސް، އިރުއޮއްސުމާއެކު ކަޅު އަނދިރިކަން ދުނިޔެ ބައްދާލަނީ އެތައް ބައެއްގެ މިނިވަންކަން ގައިދުކުރުވަމުންނެވެ. ޝެނީންގެ ނުތަނަވަސްކަން ބޮޑުވަމުންދިޔައީ ޝަރީފުގެ ހަމަހިމޭންކަމުގެ ސަބަބެއް ނޭގުނީތީއެވެ. އޮފީސްވަގުތުގައި ނޫނީ ފޯނަށް ނުގުޅެއެވެ. ޝެނީންއާއި ބައްދަލުކުރުމަށް ގެއަށް ނާންނަތާ، ހަފްތާއެއް ވެއްޖެއެވެ. ދުވާލު ވެއްޖެނަމަ 'ބިޒީ'އެވެ. މެސެޖެއް ކުރިއަސް، ޖަވާބެއް ނުދެއެވެ. ޔަނާލްގެ ފަރާތުންވެސް ޝަރީފުގެ މައުލޫމާތެއް ޝެނީންއަށް ނުލިބެއެވެ. ފޯނު ހިފައިގެން އަތުގައި މަޑުމަޑުން ޖަހާލަމުން، އަމިއްލަ ނަފުސާ ސުވާލުކުރަމުން ޖަވާބުދެވޭތޯވެސް ޝެނީން މަސައްކަތްކުރިއެވެ.

***

ވެހެމުންދިޔަ ބޯ ކެރިގަނޑުގެ ތިކިތަކަށް ބަލަހައްޓައިގެން މުރުޝިދާހުރީ ނުހަނު ކަންތައްބޮޑުވެފައެވެ.
ޝަކުވާގެ ބަރުކަން ސިކުނޑި އުފުލަމުން ދިޔައެވެ. ހޯދޭނެ ހައްލެއް ނުވަތަ ލިބޭނެ ލުޔެއްވެސް ނެތްކަން އެނގިހުރެ، ލޮލުން ކަރުނަ ފޭދެނީއެވެ. އަމިއްލަ ނަފުސަށް ބާރެއް ފޯރުވޭނެނަމަ، ދަރީންގެ ނުތަނަވަސްކަމުން މުރުޝިދާ، އެކުދިން މިންޖުކުރީހެވެ.

"ރެއާއި ދުވާލު ރޮއެ، ހިތާމަކުރިޔަސް ތިކަމަށް ނިމުމެއް ނެތްކަން މުރުޝިދާ ގަބޫލެއް ނުކުރަންތަ؟" ޒަމީލްގެ ސުވާލަކީވެސް މާޔޫސްކަމެކެވެ. ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެއެވެ. އެކަންކުރާނެ ގޮތެއް އެއީ ސިކުނޑިތަކަށް ވިސްނައިގަނެވޭވަރަށްވުރެން ސިއްރުވެރި ކަންކަމެވެ.

"އަހަރެންގެވެސް ސިކުނޑި ބުނަނީ ތިޔަހެން.. އެކަމަކު ހިތެއް އެގޮތަކަށް ނުރުހޭ.. މިކަމުގައިވެސް ﷲ ކޮންމެވެސް މަގެއް ދައްކަވާނެ.. ޔަނާލް ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެހެން" މުރުޝިދާ ބުންޏެވެ. ރޮވެން ފެށުމުން، ކުޑަދޮރު ހުޅުވާލާފައި ވިއްސާރައިގެ ތެތްކަން އިހްސާސްކޮށްލަން، ބޭރަށް އަތް ދިއްކޮށްލިއެވެ.

"ރަގަޅު ކުއްޖެއް ހޯދާފައި ކައިވެނި ކުރުވަން މަސައްކަތް ފަށަންވީނުން.. ފުރަތަމަ އެކަމާއި އަޅާނުލިޔަސް، ފަހުން އޭގެނަތީޖާ ރަގަޅުވާދެނެ" ޒަމީލްއަށް ވިސްނޭ ގޮތް ބުނެލިއެވެ. ނަމަވެސް އެކަމާ މުރުޝިދާގެ ޚިޔާލު މުޅިން ތަފާތެވެ. ދަރިންގެ އުފަލަށްޓަކައި ކުރެވިދާނެ ކަންތައްތަކާމެދު ދެމަފިރިން ވާހަކަދެއްކިއެވެ.

***

ގަޑިން މެންދަމުން އަލިވެ ތިނެއްޖެހީއެވެ. ސިކުންތު ކަށީގެ އުނދަގޫ ޔަނާލްގެ ނިންޖާއި ހަމައަށް ފޯރައިފިއެވެ. ކަރުނައިގެ ސަބަބުން އެސްފިޔަތައްވަނީ ބަރުވެފައެވެ. ލޯ މަރާލުމުގެ އިޒުނައެއް ނުލިބުނެވެ. ފުރޮޅިފުރޮޅި ހަށިގަނޑު ވަރުބަލިވެއްޖެއެވެ.

ހަފްތާއެއްކުރީން ޝެނީން ކިޔައިދީފައިހުރި ވާހަކަތަކުން ޔަނާލްގެ ހިތް ފުނޑުފުނޑު ވެފައިވާކަން ދަންނާނެ އިންސާނަކު ނޫޅޭނެއެވެ. އެއިންކަމެއް މުސްކާންއަށް އެނގިއްޖެނަމަ އެދަރިފުޅުގެ ހިތް ކުދިކުދިވާނެއެވެ. އަމިއްލަ ނަސީބާއިމެދު ޔަނާލްގެ ހިތުގައި އެތައް ޝަކުވާއެއް ވެއެވެ. ނިމާގެ ރަށުން އެނބުރި އައިއިރު، ނިމާ ނުގެނެވުނުކަމުގެ ހިތްދަތިކަން އެންމެ ހިނދުކޮޅަކަށްވެސް ޔަނާލްގެ އިޙްސާސްތަކާއި ދުރައް ނުދިޔައެވެ. ޚިޔާލްތަކުގެތެރޭގައި ވަނިކޮށް، ފޯނުގެ ރިންގްއަޑާއެކު ލޮލުގެ ކަޅި ހުއްޓުނެވެ. ސިއްސައިގެންގޮސް ކަންފަތުގައި ފޯނު ޖައްސާލެވުނީ ސްކްރީންގައި އޮތް ނަންވެސް ބަލައިނުލައެވެ.

"ނުވެސް ނިދަން ދޯ" އިވުނު އަޑާއެކު ޔަނާލްއަށް ބަލައިލެވުނީ ގަޑީގެ ކަށި އިން ހިސާބެކެވެ.

(ނުނިމޭ)
ހިޔާލު

އަހަރެން

ކީއްވެއަޅުގަނޑުފޮނުވި ކޮމެންޓްރިވިއުސް ނުކުރަށވަނީ

ދިޔެ

ޝުކުރިއްޔާ ފުނަމާ😘