Aamdhaneege gothugai 9.4 billion, haradhu kuree 9.8 billion
image
ފިނޭންސް މިނިސްޓްރީ.
0 ކޮމެންޓް
 

އާމްދަނީގެ ގޮތުގައި 9.4 ބިލިޔަން، ހަރަދު ކުރީ 9.8 ބިލިޔަން

މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިހާތަނަށް 9.8 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރާ ހަފްތާގެ ތަފާސްހިސާބުތަކުގައި ބުނެފައިވާ ގޮތުން މި އަހަރުގެ މިހާތަނަށް، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.4 ބިލިޔަން ރުފިޔާގެ ކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދާއި އަޅާ ބަލާއިރު އާމްދަނީ އުޅެނީ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަރުކާރު ހިންގުމުގެ ހަރަދާއި މުވައްޒަފުންގެ މުސާރައިގެ ގޮތުގަ އެވެ. އެގޮތުން ސަރުކާރުން ހިންގުމާއި މުވައްޒަފުންގެ މުސާރަ އަށް މިހާތަނަށް 7.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

އޭގެ އިތުރުން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް މި އަހަރުގެ ބަޖެޓުގައި ހަތް ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް ހަރަދުކޮށްފައި ވަނީ 1.1 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 687 މިލިޔަން ރުފިޔާ އެއާޕޯޓް ޕްރޮޖެކްޓާއި މަގު ހެދުމުގެ ޕްރޮޖެކްޓްތަކަށް ހަރަދު ކޮށްފައި ވެއެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތަށް 175 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން ބަނދަރު ހެދުމަށް 67 މިލިޔަން ރުފިޔާ ހޭދަކުރި އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުގެ ގޮތުގަ އެވެ. އެގޮތުން ޓެކުހުގެ ގޮތުގައި މިހާތަނަށް 7.3 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ބޭރުގެ ހިލޭ އެހީ އާއި ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބިފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 30 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 16.5 ބިލިޔަން ރުފިޔާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ވެސް އަންދާޒާ ކޮށްފައި ވެއެވެ.
ހިޔާލު