MDP office ah Higher Education Minister gendhiun dhifaaukohfi
image
އެމްޑީޕީ އޮފީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން.
2 ކޮމެންޓް
 

އެމްޑީޕީ އޮފީހަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ގެންދިއުން ދިފާއުކޮށްފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އެ ޕާޓީގެ އޮފީހުގައި ބައްދަލު ކުރެއްވުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސަރުކާރުން މިއަދު އެކަން ދިފާއު ކޮށްފި އެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް ބައްދަލު ކޮށް، ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އެ ބައްދަލުވުން އެމްޑީޕީ އޮފީހުގައި ބޭއްވީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވުމުން އެކަމުގައި މައްސަލައެއް ނެތް ކަމަސް ވިދާޅުވުމުން ކަމަށެވެ. އެމްޑީޕީ އޮފީހުގައި އެ ބައްދަލުވުން ބޭއްވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވި ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

"އެއީ ދެން އެހާބޮޑަށް މަޖިލީސް ތެރެއަށް ވައްދައިގެން އޭތި ފޯމަލައިޒް [ރަސްމީ] ކުރުމުގެ ކުރިން އެ ބޭފުޅުންގެ ހުރި ބައެއް ކޮންސާންސް [ކަންބޮޑުވުންތައް] އަޑުއަހާލަންވެގެން ކުރި ކަމެއް އެއީ. އެއަކީ އެހާ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފައްދަވާފައިވާ އެމްއާރްއެމްގެ ސްލޮޓެއްގައި ހުންނަވާ މިނިސްޓަރު ޑރ. ހަސަން އާއި އެކު އެމްޑީޕީގެ ބައެއް މެމްބަރުން އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން ހޫދު ވިދާޅުވި އެވެ.

ހޫދު ވިދާޅުވީ އެ ކަމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ނުވަތަ ގޯހުން ހިނގި ކަމެއްގެ ގޮތުގައި ވެސް ސަރުކާރުން ނުދެކޭ ކަމަށެވެ. އަދި އެމްޑީޕީ އޮފީހުގައި އެ ޕާޓީގެ މަޖިލީސް މެމްބަރުންނާއެކު ހަޔާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލު ކުރެއްވީ "ކާޓަސީ މީޓިން"އެއްގެ ގޮތުގައި ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

މަތީ ތައުލީމަށް ލޯނަށް ކުރިމަތިލީ މީހުންގެ ތެރެއިން މަދު ބަޔަކަށް ލޯނު ލިބުމާ ގުޅިގެން މިނިސްޓަރު ޑރ. ހަސަން އެމްޑީޕީ އޮފީހަށް ގެންދެވީ ކަމަށް ބުނެ އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން އެ ފަރާތްތަކުން ވަނީ މަޖިލީހުގައި އެމްޑީޕީގެ ސްޕަ މެޖޯރިޓީއެއް އޮތް ނަމަވެސް، ޕާޓީ އޮފީހަށް މިނިސްޓަރުން ހާޒިރުކޮށްގެން މަޖިލީހުގެ މަސައްކަތްތައް ކުރަނީ ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެ ޖަލްސާގައި ބައިވެރިވި މެމްބަރުން ވަނީ އެ ބައްދަލުވުމަކީ މަތީ ތައުލީމުގެ ލޯނާ ގުޅޭގޮތުން ހުރި ޝަކުވާތައް މިނިސްޓަރާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ކުރިން ވެސް ބުނެފަ އެވެ.
ހިޔާލު

މަގޭ ބުނީ

އެބުނާހެން ހޮޅުއަށްޓަށް ގެންގޮސް ގެން ވެސް ތިކަން ހައްލު ވުން ބޭނުމަކީ... އެމްޑީޕީއެއް ޕީޕީއެމްއެމެއް ނޯންނާނެ ކުދިން ގެ ކިޔުވުމުގެ ކަމެއްގަ ...

ގގގ

ކޮންމެ ތަނަކަށް ގެންދިޔަސް ޒިންމާދާރު ކުރުވުން މުހިއްމީ. ރައްޔިތު މީހާ އަށް މުހިއްމެއް ނޫން ގެންދާތަނެއް.