Saudi ah Houthi hanguraamaverin dhin hamalaa Raajje in kuhveri kohfi
image
ރައީސް ސޯލިހު ސައުދީ ރަސްގެފާނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސައުދީ އަށް ހޫތީން ދިން ހަމަލާ ރާއްޖޭން ކުށްވެރި ކޮށްފި

ސައުދީ އަރަބިއްޔާގެ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް، ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދިން ހަމަލާ ރާއްޖޭން މިއަދު ކުއްވެރި ކޮށްފި އެވެ.
އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫތީން އިއްޔެ ދިން މިސައިލް ހަމަލާގައި އެ އެއާޕޯޓުގެ އެރައިވަލް ހޯލަށް ވަނީ ގެއްލުން ވެފަ އެވެ. އަދި އެ ހަމަލާގައި 26 މީހަކު ޒަހަމްވެފައިވާ ކަމަށް ސައުދީން ބުނެ އެވެ. އޭގެ ތެރެއިން 18 މީހަކަށް ކުދި އަނިޔާތައް ވެފައި ވުމުން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު، އަށް މީހަކަށް އަދިވެސް އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހަމަލާ ކުއްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ހަމަނުޖެހުން ނިމުމަކަށް ގެނެސް، ސުލްހަ ގާއިމް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭ ކަމަށެވެ. އަދި ދިވެހިން ތިބީ ސައުދީ އަރަބިއްޔާ އާ އެކުގައި ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެ ވެއެވެ.

ސައުދީން އިސްވެ، އަރަބި ބައެއް ގައުމުތަކާ ގުޅިގެން ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ އިރު، ހޫތީންގެ ހަމަލާތައް ފަހަކަށް އައިސް ސައުދީ އަށް އަމާޒުވާ މިންވަރު ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެފަދަ ހަމަލާތައް ކާމިޔާބު ވަނީ ވަރަށް މަދު ފަހަރަކު އެވެ. ގިނަ ހަމަލާތައް ސައުދީގެ އެއާ ޑިފެންސް ސިސްޓަމުން ހުއްޓުވަ އެވެ.

ޔަމަނުގެ ހޫތީންނާ ދެކޮޅަށް ސައުދީން 2015 ވަނަ އަހަރު ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްހަ ގާއިމް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މިހާތަނަށް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނުވެ އެވެ. އަދި އދ. އިން ވަނީ އެ ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް މިލިޔަން ރައްޔިތުން ހާލުގައި ޖެހިފައިވާ ކަމަށް ބުނެފަ އެވެ.
ހިޔާލު