Thaareehuge thereinn thimaaveshi vazeerunge jalsaa baavvaifi
image
ތާރީހުގެ ތެރެއިން ތިމާވެށި ވަޒީރުންގެ ޖަލްސާ މިއަދު ކުރިއަށް ދަނީ-- ފޮޓޯ: ޓްވިޓާ/ ރައީސް އޮފީސް
0 ކޮމެންޓް
 

ތާރީހުގެ ތެރެއިން ތިމާވެށި ވަޒީރުންގެ ޖަލްސާ ބާއްވައިފި

ސިންގަލް ޔޫޒް ޕްލާސްޓިކް ނުވަތަ އެއް ފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކުގެ ބާވަތްތަކާއި މެދު އަމަލު ކުރާނެ ގޮތުގެ ސިޔާސަތެއް ޖުލައި މަހުގެ ތެރޭގައި އިއުލާން ކުރެވޭނެ ކަމަށް އެންވާރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ނޭޝަނަލް އާޓް ގެލަރީގައި އޮތް "ތާރީހުގެ ތެރެއިން ތިމާވެށީގެ ވަޒީރުންގެ ޖަލްސާ" ގައި ވާހަކަދައްކަވަމުން ޑރ. ހުސެން ވިދާޅުވީ ސިންގަލް ޔޫޒް ޕްލާސްޓިކާ މެދު އަމަލު ކުރާނެ ގޮތުގެ ޑްރާފްޓް ލިޔުމެއް ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެގޮތުން ޖުލައި މަހުގެ ތެރޭގައި އެ ޑްރާފްޓް ފައިނަލްކޮށް، ކެބިނެޓު އިގްތިސާދީ ކޮމިޓީ އަށް ހިޔާލު ހޯދުމަށް ފޮނުއްވާނެ ކަމަށް ހުސެން ވިދާޅުވި އެވެ. އުއްމީދަކީ ޖުލައި މަސް ތެރޭގައި ކެބިނެޓުން އެ ކަރުދާސް ފާސްކޮށް، އަމަލު ކުރަން ފެށުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ރާއްޖެ އަށް ދިމާވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މިނިސްޓަރު ވާހަކަދެއްކެވި އެވެ. ރުއް ގަސް މަދުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީއާ ގުޅިގެން ނާސަރީ އެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހުސެން ވިދާޅުވި އެވެ.

އެ މަސައްކަތް ކުރަން ޖެހެނީ ތިމާވެށީގެ ގާނޫނުގެ ދަށުން ކަމަށާއި، އިތުރު ކަމެއްގެ ގޮތުގެ "ކޮކޮނަޓް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް" ހިންގޭނެ ގޮތްތައް ބަލަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަންކަމަށް ހަރަދު ކުރާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ގްރީން ފަންޑުންނެވެ.

މާލެ އަށް ދިމާވެފައިވާ ތޮއް ޖެހުމުގެ މައްސަލަ އާއި ވައި ތަގައްޔަރުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބެޓެރި އުޅަނދަށް އިސްކަންދޭން ޖެހޭ ކަމަށާއި، އިތުރު ފިޔަވަޅެއްގެ ގޮތުން ބައިސްކަލުން ނަގާ 15 އިންސައްތަ ޑިއުޓީ ކަނޑާލަން ކެބިނެޓަށް ހުށަހަޅުއްވާނެކަން މިނިސްޓަރު އިއުލާން ކުރެއްވި އެވެ.

ދައުލަތުގެ ބަޖެޓުގައިވާ 30 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހޭދަ ކުރަނީ ކަރަންޓު ސަބްސިޑީއަށްކަން ފާހަގަކުރައްވާ ހުސެން ވިދާޅުވީ ޑީސެލް ބޭނުން ކުރާ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވެގެން ނޫނީ ކަރަންޓު އަގު ހެޔޮ ނުވާނެ ކަމަށެވެ.

އެގޮތުން ރަށްރަށުގެ ކަރަންޓު ރަނގަޅު ކުރުމަށް ނެޓްވޯކު ނުވަތަ ގްރިޑް ބަދަލު ކުރުމަށް ބޭނުން ދިރާސާކޮށް ނިމިފައިވާ ކަމަށާއި، އެކަމަށް އެކަނި ވެސް ފަސް ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ ރަށްރަށުގެ ކަރަންޓުގެ 70 އިންސައްތަ އަކީ އަވި އެންމެ ގަދަ އަށް ލިބޭ ވަގުތު ނުވަތަ ސޯލާ ޕީކު ލޯޑުގައި 70 އިންސައްތަ އަވިން އުފެއްދުން ކަމަށް ހުސެން ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ ގޭބިސީއެއްގައި ވެސް އެއާ ކޮންޑިޝަނަރު އަދި އެހެން ކަރަންޓު ސާމާނު ބޭނުން ކުރާއިރު، އެނާޖީ އެފިޝަންޓު ނުވަތަ ކަރަންޓު ހަރަދު ކުޑަ ތަކެއްޗަށް އިސްކަން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. ދެން މިނިސްޓަރު ފާހަގަކުރެއްވީ ކުނީގެ މައްސަލަ އެވެ.

ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުނީގެ މައްސަލައަށްވާއިރު، އެކަމުގެ ދިރާސާ ވެސް ވަނީ ނިމިފަ އެވެ. މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ކުނި އުފައްދާ މިންވަރާއި، ބާވަތާއި، އެ ނައްތާލަން ދާނެ ކަމަށް ލަފާ ކުރެވޭ ހަރަދު މިހާރު ދެނެގަނެވިފައިވާ ކަމަށެވެ. އެކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ގްރީން ފަންޑު ބޭނުން ކުރެވޭނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ކުރިން ތިމާވެށީގެ ވަޒީރުކަން ކުރެއްވި ފަރާތްތަކުގެ އެ މަޝްވަރާ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ ތިމާވެށީގެ ސިޔާސަތަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ.
ހިޔާލު