Supreme Courtun JSC ah nufoozu foaruvaa: Bandaara naibu
image
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖޭއެސްސީގެ މެމްބަރުން ހާޒިރު ކޮށްފައި.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ނުފޫޒު ފޯރުވާ: ބަންޑާރަ ނައިބު

ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަސައްކަތްތަކަށް ނޫފޫޒު ފޯރުވާ ކަމަށާއި، ލިޔެކިޔުންތަކުން ވެސް އެކަން ފެންނަން ހުރި ކަމަށް އެ ކޮމިޝަނުގެ މެމްބަރު އަދި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖޭއެސްސީގެ މެމްބަރުން ހާޒިރު ކުރުމުން ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވީ، ޖޭއެސްސީގެ މައްސޫލިއްޔަތުތަކާއި ބާރުތަކަށް އެކި ސިފަސިފާގައި ސްޕްރީމް ކޯޓުން ނޭދެވޭ އަސަރުތައް ފޯރުވާފައި ހުރި ކަމަށެވެ. އެގޮތުން ފާއިތުވި ހަ މަސް ދުވަހަށް ބެލި ކަމުގައި ވީނަމަވެސް، އެކަން ލިޔެކިޔުމުން ފެންނަން ހުރި ކަމަށް ރިއްފަތު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އެބަހުރި ސިޓީބިޓީ ބަދަލުކޮށްފަ، ކަންތައްތައް ކުރުމަށް އަންގަވައިފަ. އެއީ ކީއެއް އެކަން ކުރެވިގެން ވާނެ ގޮތެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ ގާނޫނު އަސާސީން ޖޭއެސްސީ އަށް ލިބިދޭ އިހްތިސާސްތައް، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހާ މީހުންގެ މައްޗަށް ހިނގާނެ ކަމަށް މުތުލަގަށް، ގާނޫނު އަސާސީގެ 159 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި އޮތް އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިސްތިސްނާ ކޮށްފައި ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީގެ އެ މާއްދާގައި ފަނޑިޔާރުންނާ ގުޅޭ ގޮތުން އުފުލޭ ޝަކުވާތައް ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށް ބަޔާންކޮށްފައި އޮންނަކަން ބަންޑާރަ ނައިބު ރިއްފަތު ފާހަގަ ކުރެއްވި އެވެ.

"އެހެންވީމާ އެގޮތުގެ މަތިން އެ މަސްއޫލިއްޔަތާ ބާރު ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ފަރާތުން އެކްސަސައިޒް ކުރަމުން ދާއިރުގައި އެއަށް އެއްވެސް ސިފައެއްގައި އަސަރެއް ފޯރުވުމަކީ، އެއީ ކީއެއް އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތުގެ ހައިސިއްޔަތުން [ސުޕްރީމް ކޯޓުން] ކޮށްގެން ވާނެ ކަމެއް ނޫން،" ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ ސުޕްރީމް ކޯޓުން ޖޭއެސްސީ އަށް ނުފޫޒު ފޯރުވުމަކީ ޗެކް އެންޑް ބެލެންސްގެ މަހްފޫމަށް ގޮންޖެހުން ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުން އެކަމާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ވެސް ބަންޑާރަ ނައިބު މިރޭ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

އޭގެ އިތުރުން ސްޕްރީމް ކޯޓުން، ޖޭއެސްސީން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން އިއްޔެ ނިންމި ނިންމުން ތަންފީޒު ކުރުން ފަސްކުރަން މިއަދު ނެރުނު އަމުރާ ގުޅޭ ގޮތުން ވެސް ރިއްފަތު ވަނީ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީ އާއި ކަމާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި އުސޫލުތަކުގެ އަލީގައި ޖުޑިޝަލް ސާވިސް ކޮމިޝަނުން އެއްވެސް މިންވަރަކަށް، އެއްވެސް އިޖުރާއަތަކާ ހިލާފަށް ނިންމާފައި އޮތް ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

"ކުޑަކޮށް މި މައްސަލަ އަށް ބަލާލާ ކަމަށް ވަނީވިއްޔާ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލާގައި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގަވާއިދާ އެއް ގޮތަށް އެޖެންޑާ ކުރެވިގެން އެ މައްސަލަ ކުރިއަށް ދިޔަ އިރު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން 12 ޖޫން 2019 ގައި އަޅުގަނޑުމެންނަށް ސިއްރު ސިޓީއެއްގެ ގޮތުގައި ސިޓީއެއް ފޮނުއްވި، އެ ސިޓީގަ ވަރަށް ތަފްސީލުކޮށް ވިދާޅުވެފަ އޮތް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ދީދީއާ ބެހޭ ގޮތުން އެ ބޭފުޅުން ޖިނާއީ ކުށުގެ ތުހުމަތުގެ މައްސަލަތަކެއް ބައްލަވަމުން ގެންދަވާ ވާހަކަ،" ރިއްފަތު ވިދާޅުވި އެވެ.

ޖޭއެސްސީ އަށް ފުލުހުން ފޮނުވި ސިޓީގައި އޮތް މައުލޫމާތުތަކަށް ބަލާއިރު، ޖޭއެސްސީގެ ގަވާއިދުގެ 42 ވަނަ މާއްދާގައި އޮންނަ ގޮތަށް އަމަލު ކުރަން ލާޒިމްވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ. އެގޮތުން އެ މާއްދާގައި އޮންނަނީ ދައުލަތުގެ އިދާރާއަކުން އެއްވެސް ފަނޑިޔާރަކާ ގުޅިގެން ޖިނާއީ ތަބިއްޔަތުގެ ނުވަތަ ޖިނާއީ ތުހުމަތުގެ ކުށަކާއި ގުޅޭ ތަހުގީގެއް ހިނގާކަމުގައި ވަނީވިއްޔާ 48 ގަޑިއިރުގެ ތެރޭގައި ޖުޑިޝަލް ސާވިސަސް ކޮމިޝަނުން އެ ފަނޑިޔާރަކާއި ގުޅޭ ގޮތުން ގޮތެއް ނިންމަން ލާޒިމްވާ ކަމަށެވެ.

"އެހެންވީމަ އެ އުސޫލަށް ރިއާޔަތްކޮށްފަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ސަސްޕެންޑް ކުރުމަށް، އެ މައްސަލަ ބަލާ ނިމެންދެން. އެހެންވީމާ އެއަކު އިޖުރާއީ ގޮތުން ބެލިކަމުގައި ވިޔަސް، ގާނޫނީ ގޮތުން ބެލިކަމުގައި ވިޔަސް ޖުޑިޝަލް ސާވިސް ކޮމިޝަނަކުންނެއް ނެތް ގޯހެއް ހަދާފައެއް. އަދި އެއާ އެކުއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އަޅުގަނޑު މި އިޝާރާތް ކުރި ގޮތަށް ގާނޫނު އަސާސީގެ 157 ވަނަ މާއްދާ އާއި 159 ވަނަ މާއްދާ އާ އެއް ގޮތްވާ ގޮތުގެ މަތިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިދީފައިވާ ދުސްތޫރީ ބާރުތަކެއް ހަގީގަތުގަ [ޖޭއެސްސީން] ބޭނުން ކުރީ،" ރިއްފަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަމުގައި ވިޔަސް ގާނޫނު އަސާސީން އުފައްދާފައި އޮންނަ މިނިވަން މުސްތަގިއްލު ކޮމިޝަނަކަށް، ހާއްސަކޮށް ފަނޑިޔާރުންގެ ކަންތައްތައް ބެލުމަށްޓަކައި، ފާރަވެރިވުމަށްޓަކައި ސުލޫކީ މައްސަލަތައް ބަލަން ޖެހޭ މުއައްސަސާގެ ގޮތުގައި އޮންނަ ތަނަކަށް، އެ ތަނުން އެ ކަމެއް ކުރީ ގޯސްކޮށް ކަމަށް ނޭންގޭނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވި އެވެ. އަދި އެކަން އެ މޭރުމުން ކުރާ ކަމަށް ވަނީވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ ސުލޫކީ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަނަށް އެ އޮންނަ ފުރުސަތު ގެއްލުވާލުން ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

ރާއްޖޭގެ އަދުލުގެ ނިޒާމު ބިނާވެފައި އޮންނަނީ ތިން ކޯޓް މަރުހަލާ އަށް ބިނާކޮށް، ކަމަށާއި އެގޮތުން ކޮންމެ ރައްޔިތަކަށް ވެސް ދަށު ކޯޓުން ނިންމާ ނިންމުމަކާއި މެދު ހިތްހަމަ ނުޖެހޭ ކަމަށް ވާނަމަ، މަތީ މަރުހަލާގެ ކޯޓަކަށް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮންނަކަން ފާހަގަ ކުރައްވައި ބަންޑާރަ ނައިބު ވިދާޅުވީ، އެހެން ނަމަވެސް މިއަދު ފެނިގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅިގެން، އަމުރެއް ނެރެވިގެން ދިޔަތަން ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން އެ މައްސަލަ ދުސްތޫރީ މައްސަލައެއް ގޮތަށް ބެލުމަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ދީދީއާ ބެހޭ ގޮތުން ހުށަހެޅިފަ އޮތް މައްސަލަ ނުބެލޭނެ ގޮތަށް ސްޕްރީމް ކޯޓުން އަމަލު ކުރެއްވުން. ހަގީގަތުގަ ސުލޫކީ މައްސަލައެއް ނޫން ވިއްޔާ ތައުދީބީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އަޅަން ޖެހޭ މައްސަލައެއް ބެލުމުގެ ފުރުސަތު ގެއްލޭ ގޮތަކަށެއް ކޯޓަކުން އަމަލު ކޮށްގެނެއް ނުވާނެ. އަޅުގަނޑުމެން އެ މައްސަލަ ބަލާ އަދި ނިމުނީކީއެއް ނޫން، އެ މައްސަލަ ބަލާ އެއަށް ފައިސަލާ ކުރަނިވި ގޮތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމުމެއް ނިންމީމަ ދެން އެ ނިންމުމާއި ގުޅޭ ގޮތުން ހިތްހަމަ ނުޖެހޭނަމަ ކޯޓަކަށް ދާން ޖެހޭނީ. އެކަމަކު އެ ފުރުސަތު ގެއްލޭ ގޮތަށް ސްޕްރީމް ކޯޓުގެ އަމިއްލަ މަސްލަހަތު އޮތް ކަމެއްގައި ސްޕްރީމް ކޯޓުން އެފަދަ ގޮތަކަށް، ކުއްލި ގޮތަކަށް މައްސަލަ ހިންގުމަކީ، އަމުރެއް ނެރުއްވުމަކީ ސްޕްރީމް ކޯޓުން ކޮށްގެން ވާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރިއްފަތު ވިދާޅުވި އެވެ.

ގާނޫނު އަސާސީގައި އޮންނަ ގޮތުން، ދައުލަތުގެ އެއްވެސް ބާރަކީ ގާނޫނު އަސާސީގެ ބެލެނިވެރިއެއް ނޫން ކަމަށާއި، ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި އޮންނަ ގޮތުން ދިވެހި ރައްޔިތުންނަކީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތަކެއް ލިބިދީފައިވާ ފަރާތް ކަން ވެސް ރިއްފަތު ފާހަގަ ކުރެއްވި އެވެ. އަދި އެހެންކަމުން ގާނޫނު އަސާސީގެ 299 ވަނަ މާއްދަ އޮންނަ ގޮތުން ހުރިހާ ބާރުތަކެއް ވެސް، އަދުލު އިންސާފު ގާއިމްކުރާ ބާރު ވެސް، ވެރިކަން ހިންގާ ފަރާތް ވެސް އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަކަށް ވެސް ގާނޫނު އަސާސީގައި އޮންނަ ގޮތަށް އަމަލު ކުރަން ލާޒިމުވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.

"އެއަކުން އަޅުގަނޑުމެންނަކަށް އެއްކިބާއެއް ނުވެވޭނެ. އެހެންވީމަ ސްޕްރީމް ކޯޓަކަށެއް ގާނޫނު އަސާސީން އުފައްދާފައި އޮންނަ މިނިވަން މުސްތަގިއްލު މުއައްސަސާ އަކުން ދުސްތޫރީ ގޮތުން އަދާ ކުރަން ޖެހޭ ވާޖިބަށް ހުރަސް އެޅޭ ގޮތަކަށެއް ނިންމުމެއް ނިންމަވައިގެން ނުވާނެ. އެކަން ހުއްޓުވައި ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ކުރައްވަން ޖެހޭ ކަމެއް ތިޔަ އިއްޒަތްތެރި މެމްބަރުން ކޮށްދެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރިއްފަތު ވިދާޅުވި އެވެ.
ހިޔާލު