Mi mas nimeyiru, Income Tax Bill Majleehah fonuvaanan: Finance Minister
image
ފިނޭންސް މިނިސްޓަރު، ރާއްޖެ މިއަދު ޕްރޮގްރާމްގައި.-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

މިމަސް ނިމޭއިރު، އިންކަމް ޓެކްސް ބިލް މަޖިލީހަށް ފޮނުވާނަން: ފިނޭންސް މިނިސްޓަރު

ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފެށުމުގެ ގޮތުން، އެ ކަމަށް ބޭނުންވާ ގާނޫނު އެކުލަވާލުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އަދި އެ ބިލް ފާސްކުރުމަށް މި މަސް ނިމޭއިރު މަޖިލީހަށް ފޮނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ މިނިސްޓަރު ވިދާޅުވީ، އެ ބިލް އެކުލަވާލުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ކަމާގުޅުންހުރި ފަރާތްތަކުގެ ލަފާ ހޯދުމުގެ މަސައްކަތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު ކުރިއަށްދަނީ އިންކަމް ޓެކްސްގެ ގާނޫނު، ސްޓޭކް ހޯލްޑަރުންނާ ހިއްސާކޮށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އިސްލާހުތައް ހިއްސާކޮށް، އެޔަށް ޑިބޭޓް ކުރުމުގެ މަސައްކަތް" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިންކަމް ޓެކްސް ނަގަން ފަށަން ނިންމާފައިވާއިރު، އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އަދި އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވެއެވެ.

އެމްޑީޕީން ވަނީ އެ ޕާޓީގެ "އެޖެންޑާ 19" ގައި ވެސް އިންކަމް ޓެކްސް ނަގަން ނިންމައި، އެ ކަމުގެ ބައެއް ތަފްސީލުތައް ހިމަނައިފަ އެވެ. އެގޮތުން އެޖެންޑާ 19ގައި ބުނާ ގޮތުން، މަހަކަށް 60،000-100،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނަމަ އިންކަމް ޓެކްސްގެ ގޮތުގައި އެ އާމްދަނީގެ 3.5 ޕަސެންޓް ދައްކަން ޖެހޭނެ އެވެ.

އޭގެ އިތުރުން މަހަކަށް 100،000-150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭނަމަ އިންކަމް ޓެކްސްގެ ގޮތުގައި މަހަކަށް 6.5 ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް އެޖެންޑާ 19ގެ "ފަރުދުންގެ އާމްދަނީ ޓެކްސް" އުސޫލުގައި ބުނެފައި ވެއެވެ. އަދި މަހަކު 150،000-200،000ރ. އާ ދެމެދުގެ އާމްދަނީއެއް ލިބޭނަމަ 10 ޕަސެންޓުގެ އިންކަމް ޓެކްސް ދައްކަން ޖެހޭނެ އެވެ.

އެ އަށް ވުރެ މަތިން އާމްދަނީ ލިބޭ މީހުން، އިންކަމް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭނީ 15 ޕަސެންޓް ކަމަށް އެ އުސޫލުގައި ބުނެ އެވެ.

އަލަށް ރާއްޖޭން އިންކަމް ޓެކްސް ނަގަން ތައްޔާރުވާން ފެށި އިރު، އެކަން ކުރުމަށް އެމްޑީޕީން އެކުލަވާލި އުސޫލުގެ ދަށުން އިންކަމް ޓެކްސް ނަގަން ނިންމާފައިވަނީ، އެ އުސޫލުގައި ކަނޑައަޅާފައިވާ ވަރަށް އާމްދަނީ ލިބޭ ރާއްޖޭގައި ވަޒަންވެރިވެފައިވާ މީހުންގެ އަތުންނެވެ. އޭގެ ތެރޭގައި ދިވެހިންގެ އިތުރުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ބިދޭސީން ވެސް ހިމެނެ އެވެ.
ހިޔާލު