MDP ge vafudhaai eku Naibu Raees ves Lanka gai
image
ރައީސް ނަޝީދާއި އެކު ނައިބު ރައީސް ފައިސަލް ލަންކާގައި.-- ފޮޓޯ: އެމްޑީޕީ
0 ކޮމެންޓް
 

ލަންކާ އަމާންވެފައިވާކަން ދެއްކުމަށް ދިޔަ އެމްޑީޕީގެ ވަފުދާއި އެކު ނައިބު ރައީސް އެ ގައުމަށް

އަވައްޓެރި ސްރީ ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާތަކަށް ފަހު މިހާރު އެ ގައުމުގައި އަމާންކަން ގާއިމްވެފައިވާކަން ދެއްކުމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ އިސް ވެރިން އެ ގައުމަށް ވަޑައިގެންނެވި ވަފުދާއި ބައިވެރިވުމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ގައުމަށް ވަޑައިގެންފި އެވެ.
ރައީސް ނަޝީދުގެ އިތުރުން، އެ ޕާޓީގެ މަޖިލީސް މެމްބަރުންނާއި، ގައުމީ މަޖިލީހުގެ މެމްބަރުން އިއްޔެ ލަންކާ އަށް ވަޑައިގެންނެވި އިރު، މާދަމާ އެ ގައުމުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. އޭގެ އިތުރުން މާދަމާ ބާއްވާ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އާއި ބައެއް ވަޒީރުންގެ ވެސް ބައިވެރިވާނެ އެވެ.

ލަންކާ އަކީ ވަރަށް ގާތް ގައުމެއް ކަމަށާއި، ހާއްސަކޮށް އެމްޑީޕީން އެންމެ ބޭނުންވި ދަނޑިވަޅުގައި އެކުވެރިއެއްގެ ގޮތުން ވަރަށް ގާތް އެހީތަކެއް ލަންކާ އިން އެ ޕާޓީ އަށް ފޯރުކޮށްދިން ކަމަށް އެމްޑީޕީން ބުނެ އެވެ. އެމްޑީޕީން ވަނީ ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ވެރިންނަށް އެ ގައުމުން ހިމާޔަތާއި ރައްކާތެރިކަން ދިން ކަން ފާހަގަ ކޮށްފަ އެވެ.

އެގޮތުން އެމްޑީޕީން އަބަދު ވެސް ލަންކާ އަކީ ގާތް ގައުމެއްގެ ގޮތުގައި ދެކޭނެ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ. އަދި ލަންކާ އަށް ދިމާވި ޓެރަރިސްޓް ހަމަލާ އަށް ފަހު އެ ގައުމުގައި ސުލްހަ ގާއިމް ކުރަން ކުރަން ޖެހޭ ހުރިހާ ކަމެއް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރާނެ ކަމަށް ޔަގީންކުރާ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށް ލާފައިވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު އެ ގައުމުން ހިމާޔަތް ހޯދި އެވެ. އަދި އެއަށް ފަހު ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމަށް ރައީސް ނަޝީދު އެތައް ފަހަރަކު ލަންކާ އަށް ވަޑައިގެން އުޅުއްވި އެވެ.
ހިޔާލު