Doctor course "nurasmeekoh" hinganee MQA inn faas nukoh!
image
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ-- ފޮޓޯ: އެމްއެންޔޫ
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ޑޮކްޓަރު ކޯސް "ނުރަސްމީކޮށް" ހިންގަނީ އެމްކިއުއޭ އިން ފާސްނުކޮށް!

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޫލު އޮފް މެޑިސިން އިން އެމްބީބީއެސް ނުވަތަ ޑޮކްޓަރު ކޯސް "ނުރަސްމީކޮށް" ކުރިއަށް ގެންދަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެޕްރޫވް ނުކޮށްކަން ސީއެންއެމް އަށް އެނގިއްޖެ އެވެ.
ސްކޫލު އޮފް މެޑިސިންގެ ނަމުގައި ޑޮކްޓަރުކަން ކިޔަވައިދޭ ވަކި ކޮލެޖެއް އެމްއެންޔޫގައި ގާއިމް ކުރުމަށް ނިންމީ މިދިޔަ އަހަރެވެ. އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ކޮޓަރިތަކުގައި އެ ކޯސް އެންމެ ފުރަތަމަ ފެށީ 22 ދަރިވަރުންނާއެކު އެވެ. ދެވަނަ ބެޗުގައި 36 ދަރިވަރުން ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް އެ ކޯސް އެމްކިއުއޭ އިން ފާސްކޮށްފައެއް ނުވެ އެވެ. އެ ކޯހާ ބެހޭ އެއްވެސް މައުލޫމާތެއް އެމްކިއުއޭގެ ވެބްސައިޓުން ވެސް ލިބޭކަށް ނެތެވެ. އަދި އެކަން ސާފު ކުރަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ.

އެމްކިއުއޭގެ ވެބްސައިޓުގައި ފާސްކޮށްފައިވާ ހުރިހާ ތައުލީމީ މުއައްސަސާއަކާއި، އެތަންތަނުގައި ހިންގާ ކޯސްތަކުގެ މައުލޫމާތު ވަނީ ހިމަނާފަ އެވެ. އެގޮތުން ސްކޫލް އޮފް މެޑިސިން ފިޔަވައި އެމްއެންޔޫގެ އެހެން ހުރިހާ ފެކަލްޓީއެއްގެ މައުލޫމާތު ވެސް ހިމެނެ އެވެ.

އެކަމާއި ގުޅޭ ގޮތުން އެމްކިއުއޭގެ ޑައިރެކްޓަރު އޮފް ފްރޭމްވޯކް ސާވިސް އެންޑް އެޑްވޮކަސީ، ނާޒިމާ މުހައްމަދު ވިދާޅުވީ އެކަން އޮތް ގޮތް ސާފު ކުރުމަށް ފަހު މައުލޫމާތު ދެއްވާނެ ކަމަށެވެ. ރާއްޖޭގައި ހިންގޭ ކޯސްތަކަކީ އެމްކިއުއޭ އެޕްރޫވް ކޯސްތަކަކަށް ވާން ޖެހެއެވެ.

އޭގެ އިތުރުން ސިއްހީ ދާއިރާއާ ގުޅޭ ހުރިހާ ކޯހެއް ވެސް ވާން ޖެހެނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ކަނޑައަޅާފައިވާ ވަކި މިންގަނޑުތަކަކަށް ފެތޭ ކޯސްތަކަށެވެ. އެ މިންގަނޑުތަކާއި، މެޑިކަލް ކައުންސިލުން ގަބޫލު ކުރާ ބޭރުގެ ތައުލީމީ އިދާރާތަކުގެ ލިސްޓެއް ކައުންސިލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވެއެވެ.

އެކަމަކު ސީއެންއެމް އަށް ކަށަވަރުވެފައިވާ ގޮތުގައި ސްކޫލު އޮފް މެޑިސިން އިން އެމްބީބީއެސް ނުވަތަ ޑޮކްޓަރު ކޯސް މެލޭޝިޔއާގެ ގައުމީ ޔުނިވާސިޓީ (ކޭޔޫއެމް) އާ ގުޅިގެން "ނުރަސްމީކޮށް" ކުރިއަށް ގެންދަނީ މޯލްޑިވްސް މެޑިކަލް ކައުންސިލް އިން ވެސް ހުއްދަ ނުދެނީސް އެވެ.

މެޑިކަލް ކައުންސިލުން އާއްމުކޮށްފައިވާ އެ ކައުންސިލުން ބަލައިގަންނަ ރާއްޖެ އިން ބޭރުގެ ޑޮކްޓަރު އަދި މެޑިސިން ކޯސްތައް ހިންގާ ޔުނިވާސިޓީތަކުގެ ލިސްޓުގައި މެލޭޝިއާގެ ޔޫކޭއެމް ޔުނިވާސިޓީއެއް ނުހިމެނެ އެވެ. އެހެންކަމުން ރާއްޖޭގައި ޑޮކްޓަރު ކޯސް ކިޔަވައި ދިނުމަށް ބޭނުން ކުރާ ޔޫކޭއެމްގެ ސިލަބަހަކަީ އެ ކައުންސިލުން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ސިލަބަހެއް ކަމެއް ސާފެއް ނޫނެވެ.

އެކަމާއި ގުޅޭ ގޮތުން މެޑިކަލް ކައުންސިލްގެ ރެޖިސްޓްރާ ފާތިމަތު ސޯލިހާގެ ބަހެއް ނުލިބުނެވެ. އަދި ހުއްދަ ނުލިބޭ ކޯހެއް ނުރަސްމީކޮށް އެމްއެންޔޫ އިން ކުރިއަށް ގެންދަނީ ކީއްވެގެންތޯ ސާފު ކުރަން ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވި އެވެ.

ސްކޫލް އޮފް މެޑިސިންގެ ޑީން އަދި ހެލްތު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޝީޒާ އަލީ ސީއެންއެމްއަށް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މެޑިކަލް ކައުންސިލުގެ ހުއްދަ ނުލިބޭތީ "ރަސްމީކޮށް" ކިޔެވުން އަދި ނުފަށާ ކަމަށެވެ.

"މެޑިކަލް ކައުންސިލުން ހުއްދަ ނުލިބޭތީ އަދި ރަސްމީކޮށް ކިޔަވައިދޭކަށް ނުފަށަން،" ޝީޒާ ވިދާޅުވިއެވެ.

ފަސް އަހަރުގެ މުއްދަތަކަށް ހިންގާ ކޯހުގެ ފީ އަށް އަހަރެއްގެ މައްޗަށް 123،000 ރުފިޔާއަށް އަރަ އެވެ. އެއީ 8،000 ޑޮލަރެވެ. ނަމަވެސް އާ ސަރުކާރުން ހުޅުވާލާފައިވާ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތުގެ ދަށުން، އެ ޕްރޮގްރާމްގައި ވެސް ކިޔެވޭނެ އެވެ.

އެމްއެންޔޫ އިން ކުރިން ބުނީ އެ ކޮލެޖު ހިންގުމަށް މިއަހަރުގެ އޭޕްރިލް މަހު ދަރުމަވަންތަ ހޮސްޕިޓަލުން ބައެއް ހަމަޖެހޭނެ ކަމަށެވެ. އެ ކޮލެޖު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރިތޯ ސާފު ކުރަން ސީއެންއެމް އިން ކުރި މަސައްކަތް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ހިޔާލު

ފާތިމާ

ތިކަން ތިހެން އޮތްއިރު މިފަހަރު ލޯން ފުރުސަތު އޮތީ އެންމެ ތިންކުދިންނަށް.ރާއްޖެއަށް ޑޮކްޓަރުން ބޭނުން ނުވަނީބާ