Dharivarunge loan usoolaa medhu heyluntheri kuranee
image
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-- ފައިލް ފޮޓޯ: ސީއެންއެމް
0 ކޮމެންޓް
 

ލޯނު އުސޫލާ މެދު ހޭލުންތެރި ކުރަން މައުލޫމާތު ސެޝަންތަކެއް ބާއްވަނީ

ރާއްޖެ އިން ބޭރުގައި ކިޔެވުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރާ ދަރިވަރުންގެ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލުމާއެކު، ލޯނު އުސޫލަށް ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ބާއްވަން ފަށައިފި އެވެ.
އެ ލޯނު ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހަފްތާގައި ދެވަނަ ފަހަރަށް ހުޅުވާލީ، ގިނަ ބަޔަކު އުސޫލާ ހިލާފަށް ފޯމުލީ ކަމަށް ބުނެ ޑިސްކޮލިފައިވުމުން އާއްމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

އެހެންކަމުން އުސޫލާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ ދަރިވަރުންގެ ލޯނަށް އެދެން ބޭނުންވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް ބާއްވާށެވެ.

އެގޮތުން ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. ދެވަނަ ބައްދަލުވުން މާދަމާ އަދި ތިންވަނަ ބައްދަލުވުން އަންނަ ބުދަ ދުވަހު ބާއްވަން ވަނީ ނިންމާފަ އެވެ.

މައުލޫމާތު ދިނުމުގެ ސެޝަންތައް އޮންނާނީ އެ ދެ ދުވަހުގެ ރޭގަނޑު 08:30 އިން 09:30 އަށް ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ހޯލުގަ އެވެ.


އުސޫލާ ހިލާފުވުމުގެ ސަބަބުން ފޯމު ހުށަހެޅި 900 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ލޯނު ޔަގީންވީ އެންމެ 79 ފަރާތަކަށެވެ. ހުޅުވާލި 242 ލޯނުގެ ތެރެއިން ބާކީ 163 ޖާގައަށް އަލުން ފޯމުލާން ހުޅުވާލީ މިދިޔަ ބުދަ ދުވަހެވެ.

ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ މިމަހުގެ 24 ވާ ހޯމަ ދުވަހުގެ މެންދުރު 01:30 ގެ ކުރި އެވެ. ދެވަނަ ފަހަރަށް ހުޅުވާލިއިރު، ލޯނު އުސޫލަށް ބޮޑު ބަދަލެއް ގެނަ އެވެ.

އެގޮތުން އެ ދަރިވަރަކު ބޭނުން ގައުމަކަށް ކިޔަވަން ދާން ލޯނު ލިބޭނެ ކަމަށް އިއުލާން ކުރި އެވެ. ކުރިން ލޯނު އުސޫލު ބުނާ ގޮތުން ލޯނު ލިބޭނީ ސަރުކާރުން ކަނޑައަޅާ ވަކި ގައުމުތަކަކަށް ދާނަމަ އެވެ.

މިހާރު އުސޫލަށް ގެނެސްފައިވާ ބަދަލާއެކު ކޮންމެ ގައުމެއްގައި ކިޔަވަން ލޯނު ލިބުނަސް، ސަރުކާރުން ދޭ ލޯނަށް ވުރެ އިތުރަށް ހިނގާ ހަރަދަށް ޒިންމާވާން ޖެހޭނީ ދަރިވަރުން އަމިއްލަ އަށެވެ.
ހިޔާލު