Siyaasee muvahzzafunge viheumuge chuttee ah amalu kuraa usoolah badhalu thakeh genesfi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިހު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ސިޔާސީ މުވައްޒަފުންގެ ވިހެއުމުގެ ޗުއްޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައި ބޭފުޅަކު ސޮއި ކުރައްވާ ލިޔުމަކުން ވަޒީފާ ހަމަޖައްސައި ސިޔާސީ މުވައްޒަފުންގެ ވިހެއުމުގެ ޗުއްޓީ އަށް އަމަލު ކުރާ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ބުރާސްފަތި ދުވަހު ގެޒެޓު ކޮށްފައިވާ އެ އުސޫލުގައި ވަނީ ވިހެއުމާ ގުޅިގެން ދޭ އިނާޔަތްތައް ދެވޭނީ ބަލިވެއިނދެ ހަތާވީސް ހަފުތާގެ ފަހުން ވިހައިފި ނަމަ ކަމަށް ބުނެފައެވެ. މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދެވޭނެ ކަމަށް ވެސް އުޞޫލުގައި ބަޔާންކޮށްފައިވެ އެވެ. މުވައްޒަފަކު ބަލިވެއިނދެ 27 ހަފުތާގެ ފަހުން ވިހޭއިރު، ދަރިފުޅުގެ ފުރާނަ ނެތްނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ބަލިވެއިނުމާއި ނުވަތަ ވިހެއުމާއި ގުޅިގެންދޭ 60 ދުވަހުގެ ޗުއްޓީއެއް މުވައްޒަފު ވިހާ ދުވަހުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި، މުސާރައާއެކު ދެވޭނެ ކަމަށްވެސް މި އުޞޫލުގައި ބަޔާންކޮށްފައިވެ އެވެ.

މި އުޞޫލުގައި ބުނެފައިވާ ގޮތުގައި މުވައްޒަފަކު ބަލިވެއިނުމުގެ ސަބަބުން ވަޒީފާއަށް ނުކުތުމަށް އޭނާގެ ޞިއްޙީ ޙާލަތު ތަންނުދޭކަމަށް ބަޔާން ކުރާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިފިނަމަ، ވިހެއުމުގެ ކުރިން ބަންދު ދުވަސްތައް ހިމަނައިގެން 28 ދުވަހުގެ ޗުއްޓީއެއް މުސާރަ ނުލިބޭ ގޮތަށް އެ މުވައްޒަފަށް ދެވޭނެ އެވެ.

މުވައްޒަފަކު ބަލިވެއިންތާ 16 ހަފްތާއަށްވުރެ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ދަރިފުޅު ބައިގެން ދިއުން ފަދަ ކަމެއް ދިމާވެއްޖެނަމަ، އެކަން ބަޔާންކޮށްދޭ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުން ބަންދު ދުވަސްތައް ހިމަނައިގެން، މުސާރަ ލިބޭގޮތަށް، 10 ދުވަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ފަދަ ޙާލަތަކީ މި އުސޫލުގައި ބަޔާން ކުރާ ވިހެއުން ކަމަކަށް ނުބެލޭނެ ކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެ އެވެ.

މި އުޞޫލުގައި ބުނެފައިވަނީ ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަ ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުސާރަ ލިބޭ ޗުއްޓީއެއް ދެވޭނެ ކަމަށެވެ. އަދި ދަރިފުޅު ހިތާނުކުރުމާ ގުޅިގެން ބަންދު ދުވަސްތައް ހިމަނައިގެން ފަސް ދުވަހުގެ ޗުއްޓީ އެއްވެސް ލިބޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

މި އުޞޫލުގައި ބަޔާންކުރާ ޗުއްޓީތައް ހަމަވެއްޖެ ހާލަތެއްގައި، ތިމާ ބަލިވެގެން ނުވަތަ އާއިލާގެ މެންބަރަކު ބަލިވުން ފަދަ މުހިންމު ޒިންމާއަކާ ގުޅިގެން ޗުއްޓީއެއް ނަގަން ޖެހިއްޖެނަމަ، ހަމައެކަނި އަސާސީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަނޑައި، އެހެނިހެން އެލަވަންސްތައް ލިބޭ ގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން، ގިނަވެގެން 30 ދުވަހުގެ ޚާއްޞަ ޗުއްޓީއެއް ނެގިދާނެ ކަމަށްވެސް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.
ސިޔާސީ މަޤާމުތައް
ހިޔާލު