Rishvathuge thuhumathu kurevey Fandiyaaruge dhifaaugai PPM aai PNC
image
ރައީސް ޔާމީން، ރިޝްވަތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރު ދީދީ އަށް މަގާމުގެ ފަތްކޮޅު އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
4 ކޮމެންޓް
 

ރިޝްވަތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރުގެ ދިފާއުގައި ޕީޕީއެމް އާއި ޕީއެންސީ

ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދިފާއުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ނިކުމެއްޖެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިގެން އެ ކޮމިޝަނުން ވަނީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފަ އެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ، ރައީސް ނަޝީދު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަކަން އެ ކޮމިޝަނަށް ސިޓީއަކުން އެންގުމުން ކަމަށެވެ.

ދައުލަތުގެ އިދާރާއަކުން ފަނޑިޔާރަކާ ގުޅިގެން އެފަދަ މައްސަލައެއް ބަލަމުން އަންނަކަން ޖޭއެސްސީ އަށް އަންގައިފިނަމަ، 48 ގަޑިއިރުގެ ތެރޭގައި އެކަމާ މެދު އެ ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެ އެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމި މައްސަލަ ފަސްކޮށް، އެ މައްސަލަ ސްޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދިއުމަށް އެ ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެކަމަކު އެ އަމުރު ނެރުނުތާ ގަޑިއިރުތަކެއްގެ ތެރޭގައި ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ބުނެ އެ ކޮމިޝަނުން ވަނީ ބަޔާނެއް ނެރިފަ އެވެ.

ކޮރަޕްޝަނުގެ ސީރިއަސް ތުހުމަތެއް ކުރެވޭ ފަނޑިޔާރު ދީދީގެ ދިފާއުގައި ޕީޕީއެމް އާއި ޕީއެންސީން ވަކިވަކިން ނެރުނު ބަޔާންތަކުގައި ބުނެފައި ވަނީ އެމްޑީޕީ އާއި ރައީސް ނަޝީދު އިސްވެ، ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ހަލާކު ކޮށްލަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތުގައި ޖޭއެސްސީން ވެސް ބައިވެރިވަމުން އަންނަ ކަމަށް އެ ބަޔާންތަކުގައި ބުނެ އެވެ.

ފަނޑިޔާރު ދީދީ އާ ދެކޮޅަށް ރައީސް ނަޝީދު ހުށަހެޅި މައްސަލަ އަކީ އެމްޑީޕީ އަށް ބާރު ލިބުމުން، ޒާތީ ހަސަދައެއް ފިލުވުމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ދެކޭ ކަމަށް އެދެ ޕާޓީން ބުނެ އެވެ. އަދި އެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަނު ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހެޅީ، ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.

އެކަމަކު ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބަޔާނެއް ނެރިފަ އެވެ.
ހިޔާލު

ނިލަންދޫ

ވަގުންނާ ގުޅޭނީވެސް ވަގުން

ސީ

ވިސްނާ ފިކުރު ކޮށްލަމާ ހިނގާށެވެ. ސްޕްރިމް ކޯޓްގެ ބަހަކީ ފަހު ބަސް ކަމަށް ބުނެ ވާހަކަ ދައްކަމުން ދިއުމަށްފަހު އެ ކޯޓްގެ ބާރު ފާޅުގައި ކަޑުވާލުމުން އެކަން އެހެން ގޮތަކަށް އަބުރާލަން މުޅިން އެހެން ވާހަކަ އެއް ދެއްކުމަކީ ހިތާމަހުރި ކަމެކެވެ. ތި ބަޔާނެއް ނެރުނީ ކޮން އިރަކުތޯ ބަލާލުން މުހިންމެވެ. އެހެނީ ތިޔަ ބުނުއްވި ޤާޒީ ސަސްޕެންޑް ކުރުމަކުން ތި ބުނުއްވިފަދަ ލިޔުމެއް ނެރުނު ތަނެއް ނުފެނެއެވެ. އެވެނަސް ސްޕްރިމް ކޯޓުން ވަކި ގޮތެއް ކަނޑައަޅާ ނެރުމުން އެއަށް ގޮންޖަހުމުން ތިބުނުއްވި ބަޔާން ނެރުމަކީ ސުރުޚީގަ ލިޔެފަވާ އެއްޗާ ފުށުއަރާ ކަމަކަށްވީތީ ދަންނަވާލީއެވެ. މިކަމުގައި ބުރަ ހިތެއް ނުގެން ގުޅުއްވުންއެދެމެވެ.

މަ

ޑޯޓުޑޯ ހިގައި ދިނީމަ ކަންނޭންގެ

މާވަޑި ފަލާހް

ވަގުންނާ ގުޅޭނީ ވަގުން. ވަގުންގެ ދިފަާއުގައި ނުކުންނާނީވެސް ވަގުން. ތީހަމަ އެއްބައެއް ދެޕާޓީއެއް ހަދައިގެން ދެނަމެއްގައި ރައްޔިތުންނަށް އޮޅުވާލަންއުޅުނަސް ތިކަމެއްނުވާނެ. ކޮރަޕްޝަނާ ވައްކަމުގައި ނިމިދިޔަ ފަސްއަހަރު އެންމެމަތީގައި ތިބީ މިހާރުތި އަނގައަރުވާ ބައިގަނޑު. ވަރަށް އަވަހަށް އިންސާފުއަރާ ހަމަކުރާނެ، ރައްޔިތުންގެ ފައިސާ ތިބައިގަނޑު ފޮރުވާފައި ހުރިތަނަކުންނަގާ ބައިތުލްމާލައް ލެވޭނެ. ޖަސްޓް ވެއިޓް އެންޑު ވޮޗް