America aai India: Viyafaareege Hanguraama akaai dhimaalah!
image
މިއަދުން ފެށިގެން އެމެރިކާ އިން އިންޑިއާ އަށް އެތެރެކުރާ 28 ބާވަތަކުން ބޮޑު ޓެރިފެއް ނަގާނެ.-- ފޮޓޯ: ރޮއިޓާސް
0 ކޮމެންޓް
 

އެމެރިކާ އާއި އިންޑިއާ: ވިޔަފާރީގެ "ހަނގުރާމަ" އަކާއި ދިމާލަށް!

އެމެރިކާ އާއި އިންޑިއާ އިން ވެސް ވިޔަފާރީގެ "ހަނގުރާމަ" އެއް ފެށުމުގެ ބިރު ބޮޑުވެއްޖެ އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ގައުމުން އިންޑިއާ އާއެކު އެކުލަވާލާފައި އޮތް ވިޔަފާރީގެ އެއްބަސްވުން އުވާލަން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ. އަދި އިންޑިއާ އިން އެ ގައުމަށް އެތެރެކުރާ ސްޓީލް އާއި އެލްމިނިއަމުން ޓެކްސް ބޮޑު ކޮށްފައި ވެއެވެ.

އޭގެ ބަދަލެއްގެ ގޮތުގައި މިއަދުން ފެށިގެން އެމެރިކާ އިން އިންޑިއާ އަށް އެތެރެކުރާ 28 ބާވަތެއްގެ މުދަލުން ޓެކްސް ނަގަން ފަށާނެ ކަން އިންޑިއާގެ ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ. އެގޮތުން ޓެކްސް ނަގަން ފަށާ ބާވަތްތަކުގެ ތެރޭގައި އާމަންޑާއި އާފަލު ފަދަ ކާނާގެ ބާވަތްތައް ވެސް ހިމެނެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާ އިން ވަނީ އެމެރިކާ އިން އެ ގައުމަށް އެތެރެކުރާ ބައެއް މުދަލުން 120 ޕަސެންޓާ ހަމަ އަށް ޓެރިފް ނަގާނެކަން އިއުލާނު ކޮށްފަ އެވެ. އެކަމަކު މިހާތަނަށް އެކަން ނުކޮށް އޮތީ ދެ ގައުމުގެ މަޝްވަރާތައް ކުރިއަށް ދާތީވެ، ސުލްހަވެރި ހައްލެއް ލިބޭނެ ކަމަށް ބަލައިގެން ކަމަށް އިންޑިއާ އިން ބުނެ އެވެ.

އެކަމަކު އިންޑިއާ އިން އެ ގައުމުގެ ސްޓީލް އާއި އެލްމިނިއަމުން ނަގާ ޓެކްސް ކުޑަކުރަން ތަކުރާރުކޮށް އެމެރިކާގައި އެދުމުން ވެސް އެކަމަށް އެއްބަސް ނުވުމުން، އެންމެ ފަހުން އިންޑިއާ އިން ޓެރިފް ނަގަން ފަށަން ނިންމީ އެވެ. އެގޮތުން މިއަދުން ފެށިގެން އެމެރިކާ އިން އިންޑިއާ އަށް އެތެރެކުރާ ބައެއް ސާމާނުން 70 ޕަސެންޓަށް ވުރެ ވެސް މަތިން ޓެރިފް ނަގާނެ އެވެ.

އެމެރިކާ އާއި އިންޑިއާގެ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު މިދިޔަ އަހަރު ވަނީ 142 ބިލިޔަން ޑޮލަރަށް އަރައިފަ އެވެ.

އެމެރިކާ އިން އަންނަނީ ޗައިނާ އާ ދެކޮޅަށް ވެސް ބޮޑެތި ޓެކްސްތައް އިއުލާނުކޮށް ވިޔަފާރީގެ ގޮތުން ބޮޑެތި ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އެމެރިކާ އާއި ޗައިނާގެ ވިޔަފާރީގެ "ހަނގުރަމަ" އާ ގުޅިގެން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އެ މައްސަލަ ވެސް ފެށުނީ ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ ބައެއް އެއްޗެހީގެ ޓެކްސް ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރު ކުރުމުންނެވެ. އެއާ އެކު މަޝްވަރާކޮށްގެން ހައްލެއް ނުލިބުމުން އިންޑިއާ އިން ހެދި ގޮތަށް ޗައިނާ އިން ވެސް އެ ގައުމަށް އެތެރެކުރާ އެމެރިކާގެ ބާވަތްތަކުން ޓެކްސް ބޮޑުކުރީ އެވެ.
ހިޔާލު