Addu hospitalun hidhumaiy dhevey varah tharahgee vaanee July mas fahu kolhuga
image
އައްޑޫ ޓާޝަރީ ހޮސްޕިޓަލް ތަރައްގީކޮށްފައި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު-- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

އައްޑޫ ހޮސްޕިޓަލް ހިދުމަތް ދެވޭ ވަރަށް ތަރައްގީ ވާނީ ޖުލައި މަހުގެ ފަހުކޮޅުގައި

އައްޑޫގައި ތަރައްގީ ކުރަމުންދާ ޓާޝަރީ ހޮސްޕިޓަލު އަންނަ ޖުލައި މަސް ނިމެންވާއިރަށް ހިދުމަތް ދެވޭ ހިސާބަށް ތަރައްގީވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެހާ އިރަށް ހޮސްޕިޓަލު ނިމުނަސް، ހުޅުވާނެ ތާރީހަކާ މެދު އަދި ގޮތެއް ކަނޑަނާޅާ ކަމަށެވެ.

"ފަންނީ އަދި ޕޮލިސީ ލެވެލްގައި އަޅުގަނޑުމެން ނިންމާނީ އެއް ފަހަރާ ހުޅުވާނީތޯ ނުވަތަ ވަކިވަކިން ހިދުމަތްތައް ހުޅުވަމުން ގެންދާނީތޯ. ޖުލައި މަސް ނިމެންވާއިރަށް ހިދުމަތް ދެވޭ ހިސާބުގައި ތިބޭނީ،" އަމީން ވިދާޅުވި އެވެ.

އެ ހޮސްޕިޓަލު ނުހުޅުވި ލަސްވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ އެތަނުގެ ކޮރަޕްޝަން މައްސަލަ ބަލައި ނިންމަން ވެސް ހަތަރު މަސް ނެގި ކަމަށެވެ.

އެތަނަށް ބޭނުންވާ ސާމާނު ގެނައުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވާފައި އޮތުމުން ވެސް މަސައްކަތް ލަސްވި ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"އިކުއިޕްމަންޓުތައް އަންނާނެ މިމަހުގެ 17، 18 ހިސާބުގައި ފްލައިޓުތަކާއި ޝިޕްތަކުގައި. އޭގެ ފަހުން ދެން އިންސްޓޮލޭޝަން މަސައްކަތް ދާނީ،" އަމީން ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން އެތަނަށް ސާމާނު ހޯދުމަށް ކަނޑައެޅި 12 މިލިއަންގެ ޑޮލަރުގެ ތެރެއިން މި ސަރުކާރު ހަވާލުވީއިރު، ހަމަޖެހިފައި އޮތީ އެންމެ އެއް މިލިއަން ޑޮލަރުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ތިން މަސް ހޭދަކުރީ ބޭރުގެ ފަންޑިން އޭޖެންސީތަކާ ވާހަކަދައްކައިގެން ބާކީ ހުރި ފަންޑިން ހަމަޖައްސަން،" އަމީން ވިދާޅުވި އެވެ.

އައްޑޫގައި ހެދި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އިމާރާތް ކުރި ޓާޝަރީ ހޮސްޕިޓަލަށް ކިޔާނެ ނަމެއް ފާސް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ހިޔާލު