Budget gai himeni varah vure hiley ehee ithuruvejje
image
ފިނޭންސް މިނިސްޓަރު.-- ފޮޓޯ: ފިނޭންސް
0 ކޮމެންޓް
 

ބަޖެޓުގައި ހިމެނި ވަރަށް ވުރެ ހިލޭ އެހީ ލިބުނު ވަރު އިތުރުވެއްޖެ

މި އަހަރުގެ މިހާތަނަށް، ހިލޭ އެހީގެ ގޮތުގައިލިބުނު އަދަދު މި އަހަރުގެ ބަޖެޓުގައި ހިމެނި ވަރަށް ވުރެ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕާޓްނާޝިޕް ފޯރަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓުގައި ޕްރޮޖެކްޓްތަކާއި ކޭޝް ގްރާންޓްސްގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ ކަމަށެވެ. އެގޮތުން ފައިސާގެ ހިލޭ އެހީގެ ގޮތުގައި އެކަނި ވެސް މި އަހަރުގެ މިހާތަނަށް 1.9 ބިލިޔަން ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ވަދެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ލޯންގްޓާމް ޕްލޭނިންއެއްގެ ދަށުން އަޅުގަނޑުމެން މި މަސައްކަތް ކުރަމުން ދަނީ... ނެޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭނެއް އަޅުގަނޑުމެން އެބަ ހަދަން،" މިނިސްޓަރު އަމީރު ވިދަޅުވި އެވެ. "އޭޑީބީ އާއި ވޯލްޑް ބޭންކް އަދި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާ އެއްކޮށް އަޅުގަނޑުމެން ނޭޝަނަލް ޑިވެލޮޕްމަންޓް މާސްޓާ ޕްލޭން ނިމޭނެ މި ޖޫން މަސް ނިމެންވާއިރަށް،"

އޭގެ އިތުރުން މިނިސްޓަރު އަމީރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓުގައި ދަރަނީގެ މިންވަރު ހިމެނިފައި ވާއިރު، އެ އަދަދަށް ވުރެ ދަރަނި އިތުރު ވެގެން ނުދާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެޖޭން ކުރަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިން ސޮއި ކުރުމުން އޭގެ މާނައެއް ނޫން މާދަމާ 800 މިލިޔަން ޑޮލަރުން އަޅުގަނޑުމެންގެ ދަރަނި އިތުރުވާ ވާހަކަ އެއް. ފީޒިބަލް ޕްރޮޖެކްޓް ތަކަށް އަޅުގަނޑުމެން އޭގަ ސޮއި ކުރެވި މަސައްކަތް ފެށުމުން އަދި އެ ޑިސްޕާސް ވަމުން އަންނަ މިންވަރަކުން ދަރަނި އިތުރުވަމުން ދާނީ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ދައުލަތުގެ ބަޖެޓުން މިހާތަނަށް 9.8 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި 9.4 ބިލިޔަން ރުފިޔާ ދައުލަތުގެ މާލިއްޔާ އަށް ވަދެގައި ވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ސަރުކާރު ހިންގުމުގެ ހަރަދާއި މުވައްޒަފުންގެ މުސާރައިގެ ގޮތުގަ އެވެ. އެގޮތުން ސަރުކާރުން ހިންގުމާއި މުވައްޒަފުންގެ މުސާރަ އަށް މިހާތަނަށް 7.6 ބިލިޔަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

އޭގެ އިތުރުން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް މި އަހަރުގެ ބަޖެޓުގައި ހަތް ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް ހަރަދުކޮށްފައި ވަނީ 1.1 ބިލިޔަން ރުފިޔާ އެވެ. އޭގެ ތެރެއިން 687 މިލިޔަން ރުފިޔާ އެއާޕޯޓް ޕްރޮޖެކްޓާއި މަގު ހެދުމުގެ ޕްރޮޖެކްޓްތަކަށް ހަރަދު ކޮށްފައި ވެއެވެ. އަދި އިމާރާތް ކުރުމުގެ މަސައްކަތަށް 175 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ އިތުރުން ބަނދަރު ހެދުމަށް 67 މިލިޔަން ރުފިޔާ ހޭދަކުރި އެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކުހުގެ ގޮތުގަ އެވެ. އެގޮތުން ޓެކުހުގެ ގޮތުގައި މިހާތަނަށް 7.3 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ބޭރުގެ ހިލޭ އެހީ އާއި ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބިފައި ވެއެވެ.
ހިޔާލު