Fandiyaaru Abdulla Didi Rasmee Masakkathah Nikunnavaa: DJA
image
ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ.
1 ކޮމެންޓް
 

ފަނޑިޔާރު ދީދީ ރަސްމީ މަސައްކަތަށް ނިކުންނަވާ: ޑީޖޭއޭ

ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފައި ވުމުން، ފަނޑިޔާރު ދީދީ ރަސްމީ މަސައްކަތަށް ނިކުންނަވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނެފި އެވެ.
ސްޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް "ސީއެންއެމް" އަށް ވިދާޅުވީ އެތަނުން އަމަލު ކުރަމުން ގެންދަނީ ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކަމަށެވެ. އަދި އެ އަމުރުގައި ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ފަނޑިޔާރު ދީދީ ސަސްޕެންޝަން ފަސްކޮށް، އޭނާ އާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީ އާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރު ކޮށްފައިވާ ކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ސްޕްރީމް ކޯޓުން ނެރުނު އަމުރު ބަލައި ނުގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އަދި ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުން އަމުރު ނެރުނު ކަމުގައި ވީނަމަވެސް، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ވެސް ބުނެފަ އެވެ.

ޖޭއެސްސީން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ މަޖިލީހުގެ ރައީސް އަދި ކުރިގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި ރިޝްވަތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ޖޭއެސްސީ އަށް އަންގާފައި ވެއެވެ.

ފަނޑުޔާރު ދީދީ އާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނެފައި ވެއެވެ. އަދި އެ ކޮމިޝަނުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ އެ އުސޫލުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހެޅީ، ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ފަނޑިޔާރު ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.

އެކަމަކު ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ.
ހިޔާލު

އަހައްމާ

ފަނޑިޔާރުންގެ ބެލެނިވެރި ފަރާތަކީ ޖުޑީސަލް ކޮމިޝަނެވެ. އެހެން ކަމުން ކޮމިޝަނުން ފަނޑިޔާރު ސަސްޕެންޑްކުރީމާ ވަޒީފާއަކަށް ނުނިކުމެވޭނެއެވެ. އެއީ ގާނޫނީގޮތުން އޮންނަ ގޮތެވެ. ގާނޫނާއި ޚިލާފަވެއްޖެނަމަ ގާނޫނުގެ ދަށުން އަދަބު ލިބެންޖެހޭނެއެވެ. ސުޕްރީމު ކޯޓު ވެސް ހިގާނީ އަދި އަމަލު ކުރަންޖެހޭނީ ގާނޫނު އަސާސީއާއި ގާނޫނާއި އެއްގޮތަށެވެ. ކުރީގެ އުއްތަމަ ފަނޑިޔާރުއާއި އަދި ފަނޑިޔާރު މަގާމުން ދުރުކުރީ ޖުޑީސަލް ކޮމިޝަނުން އެ ދެފަނޑިޔާރު ގާބިލްކަން ނެތޭކިޔާފައެވެ. އެދުވަހު ސުޕްރީމު ކޯޓުން ތިބުނާ ކަހަލަ ހުކުމެއްނެރުން މާރަގަޅު ނޫންތޯ ؟ އެހެން ކަމުން ޑީޑީ ވަޒީފާއަށް ނުކުތުމަކީ މިހާރު ސުޕްރީމު ކޯޓުގެ ފަނޑިޔާރުން މަގާމު ދުރުކުރަންޖެހޭނެ ކަމަށް ރައްޔިތުން ގަބޫލު ކުރެއެވެ. މަޖުލިސްއިން މިމައްސަލަ ބަލަންޖެހޭނެއެވެ.