Partnership forum gai 31.2 million dollar ge ehbasvunthakugai soi kuranee
image
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު.-- ފޮޓޯ: މިހާރު/ހުސައިން ވަހީދު
1 ކޮމެންޓް
 

ޕާޓްނާޝިޕް ފޯރަމުގައި 31.2 މިލިޔަން ޑޮލަރުގެ އެއްބަސްވުންތަކުގައި ސޮއި ކުރަނީ

މާދަމާ ކުރުނބާ މޯލްޑިވްސްގައި ފަށަން ތައްޔާރުވެފައިވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމުގައި ބޮޑު ހަތަރު މަޝްރޫއަކަށް 31.2 މިލިޔަން ޑޮލަރު (481.1 މިލިޔަން ރުފިޔާ)ގެ އެއްބަސްވުންތަކުގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ބުނެފި އެވެ.
ޕާޓްނާޝިޕް ފޯރަމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، އެ ފޯރަމުގައި ސޮއި ކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ޖަޕާނުން ދޭ 500 މިލިއަން ޔެން (70.9 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ އެއް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން އެމެރިކާ އިން ރާއްޖެ އަށް ދޭން ނިންމާފައިވާ ތިން މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުން، 11 މިލިޔަން ޑޮލަރު (169.6 މިލިޔަން ރުފިޔާ) އަށް އިތުރުކޮށް އެ އެއްބަސްވުމުގައި ވެސް ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ފޯރަމުގެ ތެރެއިން ގްރީން ހައުސް އެމިޝަނަށް ހަރަދު ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ދޭ 5.6 މިލިޔަން ޑޮލަރު (86.4 މިލިޔަން ރުފިޔާ)ގެ އެއްބަސްވުމާއި، އޭޑީބީން ދޭ 10 މިލިޔަން ޑޮލަރު (154.2 މިލިޔަން ރުފިޔާ)ގެ ހިލޭ އެހީގެ އެއްބަސްވުމުގައި ވެސް ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މާލީ އެހީތަކުގެ އިތުރުން ޖޯޖިއާއާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ވެސް މާދަމާ ފަށާ ފޯރަމުގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން، އެ ފޯރަމުގައި ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އިތުރު އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރަން ހަމަޖެހިފައިވާ ފޯރަމްގައި 35 ގައުމަކުން 130 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާނެ އެވެ.
ހިޔާލު

ޔަާޒަލާން

އެންމެ 30 މިލިޔަން ޑޮލަރު.. ތިޔައީ ކަހެރިވަކެއްވެސް ނޫނެއްނުން.