Male aai Villimale adhi Gulheefalhu gulhaalan 7.6 billion Rufiya ge biya mashrooeh
image
ތިލަފުށި: އެ މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލަން ވަނީ ހަމަޖެހިފައި.-- ފޮޓޯ: ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން
5 ކޮމެންޓް
 

މާލެ އާއި ވިލިމާލެ އަދި ގުޅީފަޅު ގުޅާލަން 7.6 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫއެއް

މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބުރިޖަކުން ގުޅާލުމަށް، 488 މިލިއަން ޑޮލަރު (7.6 ބިލިޔަން ރުފިޔާ)ގެ ބިޔަ މަޝްރޫއު އެއް އިއުލާނުކޮށް، އެ ކަމަށް ފައިސާ ހޯދުމަށް މާދަމާ ފަށަން ތައްޔާރުވެފައިވާ މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމަށް ހުށަހަޅަން ނިންމައިފި އެވެ.
ދެ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސް ގައި ކުރިއަށްދާ ފޯރަމްގައި، އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅަން ނިންމާފައިވާއިރު، އެ ޕްރޮޖެކްޓްގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން ވެސް ހިމެނެ އެވެ.

ޕާޓްނާޝިޕް ފޯރަމްގެ ވެބްސައިޓުގައި ބުނެގައިވަނީ އެ މަޝްރޫއު ނިމުމުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރު ފަސޭހަވެގެން ދިއުމުން އެކަމުގެ ނަފާ އިގްތިސާދީ ގޮތުން ލިބޭނެ ކަމަށެވެ. އަދި އޭރުން މާލެ ތެރޭގައި ހުރި ގުދަންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށް، އެފަދަ މަސައްކަތްތަކަށް ވެސް ފަހި މާހައުލެއް އުފެދޭނެ ކަމަށް ވެސް ބުނެ އެވެ.

ޖުމްލަ 35 ގައުމަކުން 130 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވާ ފޯރަމަށް ހުށަހަޅަން ތައްޔާރުވެފައިވާ ބިޔަ މަޝްރޫއު ކުރިއަށް ގެންދާނީ ޕްލޭނިން މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯނުން ގުޅިގެން ކަމަށް ބުނެ އެވެ.

ޕާޓްނާޝިޕް ފޯރަމުގައި ބޮޑު ހަތަރު މަޝްރޫއަކަށް 31.2 މިލިޔަން ޑޮލަރު (481.1 މިލިޔަން ރުފިޔާ)ގެ އެއްބަސްވުންތަކުގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވި އެވެ. އެގޮތުން ސޮއި ކުރަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ އަށް ޖަޕާނުން ދޭ 500 މިލިއަން ޔެން (70.9 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ އެއް ހިމެނެ އެވެ.

އޭގެ އިތުރުން އެމެރިކާ އިން ރާއްޖެ އަށް ދޭން ނިންމާފައިވާ ތިން މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުން، 11 މިލިޔަން ޑޮލަރު (169.6 މިލިޔަން ރުފިޔާ) އަށް އިތުރުކޮށް އެ އެއްބަސްވުމުގައި ވެސް ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް، ޕާޓްނާޝިޕް ފޯރަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ އެ ފޯރަމުގެ ތެރެއިން ގްރީން ހައުސް އެމިޝަނަށް ހަރަދު ކުރުމަށް ޔޫރަޕިއަން ޔޫނިއަނުން ދޭ 5.6 މިލިޔަން ޑޮލަރު (86.4 މިލިޔަން ރުފިޔާ)ގެ އެއްބަސްވުމާއި، އޭޑީބީން ދޭ 10 މިލިޔަން ޑޮލަރު (154.2 މިލިޔަން ރުފިޔާ)ގެ ހިލޭ އެހީގެ އެއްބަސްވުމުގައި ވެސް ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މާލީ އެހީތަކުގެ އިތުރުން ޖޯޖިއާއާ އެކު އޮންނަ ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ ދާއިރާ އިން ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ވެސް މާދަމާ ފަށާ ފޯރަމުގައި ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އޭގެ އިތުރުން، އެ ފޯރަމުގައި ކުރެވޭ މަޝްވަރާތަކުގެ ތެރެއިން އިތުރު އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ހިޔާލު

ޔަށިލް

ތަމެންނައް ފަޚާނާ ހޮޅިވެސް ނުގުޅޭނެ..

އުއްޗު

ތިކަން ވާނެބާ ލާރިގނޑު ދިރުވާލާ

އަސަރީ

ޕާޓްނާ ޝިޓް ފޯރަމް އައް އައީ ހުސް ކަޓުދޭމަތީން ގެނެސް ތިބި 3ރދ ގުރޭޑް ކުންފުނިތައް.. އެއްވެސް ވަރުގަދަ ކުންފުންޏެއް ނެތް..

ޫތޮލާލް

ކީއްކުރާބޭކާރު ޚަރަދެއް ފެރީގަ ފަނަރަ މިނުޓުން ދެވޭހިސާބު އޮތްތަނެއްކީއްކުރަން ގުޅަނީ

ޖީޑީޕީ

އުނހުނ ތީހަމަ ބޭކާރު ޚަރަދު. ސިނަމާލެ ބުރިޖް 70 މިލިއަނަށް އެޅޭނޭ ބުނީ. އެހެން ވިއްޔާ ތިކަމަށް 100 މިލިއަނުން ވާންޖެހޭނެދޯ.