Rishvathuge thuhumathu kurevey Fandiyaaru Didi bahlavaa dhe mahsalaehge aduehun baahvanee
image
ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ.-- ފޮޓޯ: ސޯޝަލް މީޑިއާ
0 ކޮމެންޓް
 

ރިޝްވަތުގެ ތުހުމަތު ކުރެވޭ ފަނޑިޔާރު ދީދީ ބައްލަވާ ދެ މައްސަލައެއްގެ އަޑުއެހުން ބާއްވަނީ

ރިޝްވަތުގެ ތުހުމަތު ކުރެވިގެން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފެށުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ބެންޗުގައި އިންނަވައިގެން ބަލާ ދެ މައްސަލައެއްގެ އަޑުއެހުންތައް ތާވަލް ކޮށްފި އެވެ.
ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނަމަވެސް ފަހުން ސްޕްރީމް ކޯޓުން ވަނީ އެ ނިންމުން ފަސްކުރަން އަމުރެއް ނެރެފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ ކޮމިޝަނުގެ ނިންމުން ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.

ޖޭއެސްސީން އެހެން ބުނެފައިވާއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ވަނީ ފަނޑިޔާރު ދީދީ ރަސްމީ މަސައްކަތަށް ނިކުންނަވާ ކަމަށް ބުނެފަ އެވެ. ސްޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް "ސީއެންއެމް" އަށް ވިދާޅުވީ އެތަނުން އަމަލު ކުރަމުން ގެންދަނީ ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކަމަށެވެ.

ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން އެ ފުލުހުން ބަލަން ފެށުމުން ސަސްޕެންޑް ކުރި ފަނޑިޔާރު ދީދީ ބެންޗްގައި އިންނަވައިގެން ބަލަން ތާވަލް ކޮށްފައިވަނީ މާދަމާ 10:15 ގައި ބާއްވާ ފައިސާގެ މައްސަލައަކާއި، އަންގާރަ ދުވަހުގެ 10:15 ގައި ބާއްވާ ވަޒީފާއާ ބެހޭ މައްސަލައެކެވެ.

މާދަމާ ބާއްވާ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުފައި، ދީދީގެ އިތުރުން ތިއްބަވާނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. އަންގާރަ ދުވަހު ބާއްވާ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުގައި، ދީދީގެ އިތުރުން ތިއްބަވާނީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމި ނިންމުން ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ފަސްކުރުމުގެ އިތުރުން އޭނާ އާ މެދު އިތުރު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖޭއެސްސީ އާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ ސްޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.

ނަމަވެސް ސްޕްރީމް ކޯޓުން ނެރުނު އަމުރު ބަލައި ނުގަތުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އަދި ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުން އަމުރު ނެރުނު ކަމުގައި ވީނަމަވެސް، ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ވެސް ބުނެފަ އެވެ.

ޖޭއެސްސީން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ މަޖިލީހުގެ ރައީސް އަދި ކުރިގެ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި ރިޝްވަތުގެ މައްސަލައަކާ ގުޅިގެންނެވެ. އަދި އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް ޖޭއެސްސީ އަށް އަންގާފައި ވެއެވެ.

ފަނޑުޔާރު ދީދީ އާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނެފައި ވެއެވެ. އަދި އެ ކޮމިޝަނުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރީ އެ އުސޫލުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހެޅީ، ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ފަނޑިޔާރު ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.

އެކަމަކު ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ.
ހިޔާލު