BREAKING NEWS: Supreme Court ge 3 Fandiyaarehge Sulooki Mahsala eh JSC ah
image
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން.-- ފޮޓޯ: ސްޕްރީމް ކޯޓް
2 ކޮމެންޓް
 

ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީ އަށް

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު، އޭރު ހައްޔަރު ކޮށްފައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރަން ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.
އެނގިފައިވާ ގޮތުގައި އަމިއްލަ ފަރާތަކުން ޖޭއެސްސީ އަށް ހުށަހެޅި ސުލޫކީ މައްސަލަ އަކީ އެ އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމުން، އެ އަމުރު ނެރުމަށް ސޮއި ކުރުމަށް ފަހު، ފަހުން އެ އަމުރު ބާތިލް ކުރި ތިން ފަނޑިޔާރުންގެ މައްސަލަ އެވެ.

އެގޮތުން އެ އަމުރު ބާތިލް ކުރީ މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. އެހެންކަމުން އަމިއްލަ ފަރާތަކުން ޖޭއެސްސީ އަށް ހުށަހަޅާފައިވަނީ އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަ އެވެ.

ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އަމިއްލަ ފަރާތަކުން ޖޭއެސްސީ އަށް ހުށަހެޅި އިރު، ރިޝްވަތުގެ ތުހުމަތު ކުރެވިގެން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފެށުމުން ޖޭއެސްސީން ވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފަ އެވެ.

އެކަމަކު ސްޕްރީމް ކޯޓުން ވަނީ ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ފަސްކޮށް، ސްޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އެ މައްސަލަ އެއްވެސް ފަރާތަކުން ނުބެލުމަށް އަމުރެއް ނެރެފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ނެރުނު ނަމަވެސް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ބުނެފަ އެވެ.

ޖޭއެސްސީން އެހެން ބުނެފައިވާއިރު، ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ވަނީ ފަނޑިޔާރު ދީދީ ރަސްމީ މަސައްކަތަށް ނިކުންނަވާ ކަމަށް ބުނެފަ އެވެ. ސްޕްރީމް ކޯޓުގެ ސީދާ އިރުޝާދުގެ ދަށުން ހިންގާ ޑީޖޭއޭގެ ތަރުޖަމާން ފައިސަލް އާދަމް "ސީއެންއެމް" އަށް ވިދާޅުވީ އެތަނުން އަމަލު ކުރަމުން ގެންދަނީ ސްޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކަމަށެވެ.

ޑީޖޭއޭ އިން އެހެން ބުނި އިރު، ފަނޑިޔާރު އަބްދުﷲ ދީދީ ބެންޗުގައި އިންނަވައިގެން ބަލާ ދެ މައްސަލައެއްގެ އަޑުއެހުންތައް ސްޕްރީމް ކޯޓުން ވަނީ ތާވަލް ވެސް ކޮށްފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތު ކުރެވިގެން އެ ފުލުހުން ބަލަން ފެށުމުން ސަސްޕެންޑް ކުރި ފަނޑިޔާރު ދީދީ ބެންޗްގައި އިންނަވައިގެން ބަލަން ތާވަލް ކޮށްފައިވަނީ މާދަމާ 10:15 ގައި ބާއްވާ ފައިސާގެ މައްސަލައަކާއި، އަންގާރަ ދުވަހުގެ 10:15 ގައި ބާއްވާ ވަޒީފާއާ ބެހޭ މައްސަލައެކެވެ.

މާދަމާ ބާއްވާ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުފައި، ދީދީގެ އިތުރުން ތިއްބަވާނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އެވެ. އަންގާރަ ދުވަހު ބާއްވާ މައްސަލާގައި ފަނޑިޔާރުންގެ ބެންޗުގައި، ދީދީގެ އިތުރުން ތިއްބަވާނީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ހިޔާލު

އަހައްމާ

1 ފެބްރުއަރީ 2018 ވަނަ ދުވަހު 5 ފަނޑިޔާރުން ސޮއިކޮއްފައިވާ ހުކުމް 3 ފަނޑިޔާރުންގެ ހިތްނިޔަތް ސާފޭ އަދި އެ 3 ފަނޑިޔާރުން ބޭނުންހާގޮތަށް ހުކުމް ކޮށާ އަދި މަށާފައި ނެރުނީމާ ތި ފަނޑިޔާރުންގެ ނަޒާހަތްތެރި ކަމާއިމެދު ރައްޔިތުންނަށް ސުވާލު އުފެދި އަދި އިންސާފު ނުލިބޭނެކަން ޔަގީންވިއެވެ. އެހެން ކަމުން 3 ފަނޑިޔާރުންގެ މައްސަލަ ބަލާ އަދުވެރި ގޮތަކަށް ކޮމިޝަނުން ނިންމާށެވެ. މިހާރު ރައްޔިތުންނަ އަދުލް އިންސާފު ލިބިދާނޭހެން އެބަހީވެއެވެ.

ކެލާ އާރިފް

ތިތިންފަނޑިޔާރުންގެ ފެންވަރާއިމެދު ސުވާލު ނުއުފެދޭނެ ކިރުބޯޅަކުއްޖަކުވެސް މިޤައުމަކު ނުހުންނާނެ. ތިތިންމީހުން އަމިއްލައަތުން ސޮއިކުރި އަމުރެއް 5ދުވަސްފަހުން ހަމަތިތިންމީހުންގެ އަތުން ބާތިލްކުރީ. ތިވަރުގެ މީހުން އެންމެމަތީ ކޯޓްގައި އިސްލާމީ ޤައުމެއްގައި މުސްލިމުންނަށް ޙުކުމްކުރަން ތިބުމަކީ އިސްލާމީ ޝަރީޢަތައް މަލާމަތް ކުރުންނޫންދެން ކޮންކަމެއްތޯ؟؟