BREAKING NEWS: JSC 5 member eh ge mahsala Fandiyaaru Didi Polihah hushahalhaifi
image
ފުލުހުންގެ މައި މަރުކަޒު.-- ފޮޓޯ: އަވަސް
1 ކޮމެންޓް
 

ޖޭއެސްސީ ފަސް މެމްބަރެއްގެ މައްސަލަ ފަނޑިޔާރު ދީދީ ޕޮލިހަށް ހުށަހަޅައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަސް މެމްބަރެއްގެ މައްސަލަ، ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތުގައި އެ ކޮމިޝަނުން ސަސްޕެންޑް ކޮށްފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މިރޭ ޕޮލިހަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނީ ޖޭއެސްސީގެ ފަސް މެމްބަރަކާއި ގުޅޭ މައްސަލައެއް ފަނޑިޔާރު ދީދީ މިރޭ އެ އިދާރާ އަށް ފޮނުވި ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ފުލުހުން ދަނީ އެ މައްސަލަ އަކީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ފުލުހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ދީދީ، ޖޭއެސްސީގެ ފަސް މެމްބަރެއްގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަދުލުއިންސާފު ގާއިމް ކުރަން ހުރަސް އަޅާ ކަމަށް ބުނެ އެވެ. ނަމަވެސް، ފަނޑިޔާރު ދީދީ އެ މެމްބަރުންނާ ގުޅޭގޮތުން ހުށަހެޅީ ކޮންކަމަކާއި ގުޅޭ މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފަނޑިޔާރު ދީދީ ފުލުހުންނަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ސިވިލްސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ޑރ. އަލީ ޝަހީމް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރުގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ މަސްތޫރު ހުސްނީގެ އިތުރުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ މައްސަލަ ކަމަށް ވެއެވެ.

އެ ފަސް ބޭފުޅުންނަކީ ޖޭއެސްސީން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމުމުން އެކަން ފަސްކޮށް، ސްޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އެއްވެސް ފިޔަވަޅެއް ނާޅަން އަމުރު ކުރުމުން، ޖޭއެސްސީން ބޭއްވި ކުއްލި ބައްދަލުވުމުގައި އެ އަމުރު ނެރު ނަމަވެސް ފަނޑިޔާރު ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމަން ވޯޓް ދެއްވި ފަސް ބޭފުޅުންނެވެ.

ދީދީގެ މައްސަލަ ބަލަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ނަފާ ހޯދުމާއި، ތަހުގީގަކަށް ހުރަސް އެޅުމުން!

ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އާ ގުޅޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލަމުން އަންނަނީ އެމްއެމްޕީއާރު ހިޔާނާތުގެ ނަފާ ހޯދުމުގެ މައްސަލައަކާއި ތަހުގީގަކަށް ހުރަސް އެޅި މައްސަލައެއް ކަން "ސީއެންއެމް" އަށް އެނގިއްޖެ އެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ނަފާ ހޯދުމުގެ ތުހުމަތު ކުރެވޭތީ އެ މައްސަލަ ޖޭއެސްސީން ބަލަން ފެށީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަން ފުލުހުން އެ ކޮމިޝަނަށް އެންގުމުންނެވެ. އަދި ތަހުގީގަކަށް ހުރަސް އެޅުމުގެ ތުހުމަތުގައި ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަ ސުލޫކީ މައްސަލަ އަކީ ވަކި މައްސަލައެއްގެ ގޮތުން ބަލާ ކަމެކެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ނެގުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިގެން، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް ބުނެ ފުލުހުންގެ ސިއްރު ސިޓީއަކުން ޖޭއެސްސީ އަށް އެކަން އެންގުމުންނެވެ.

އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅިއްޖެ ނަމަ 48 ގަޑިއިރުގެ ތެރޭގައި އެކަމާއި ގުޅިގެން ޖޭއެސްސީން ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނެފައި ވެއެވެ. އެހެންކަމުން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ އެ އުސޫލުގެ ދަށުންނެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް، ތަހުގީގަކަށް ހުރަސް އެޅުމުގެ ތުހުމަތު ކުރެވިގެން ޖޭއެސްސީން ބަލާ ސުލޫކީ މައްސަލަ އަކީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅި ކަމަށް މީޑިއާ ތަކުގައި ބުނާ އެއް މިލިޔަން ޑޮލަރުގެ ތަހުގީގަށް ހުރަސް އެޅި މައްސަލައެއް ކަން "ސީއެންއެމް" އަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ އަކީ ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އެ މައްސަލަ ބަލަން ފެށުމުން، ފަނޑިޔާރު ދީދީ އެ މައްސަލަ ބަލަން ހަވާލުވެ ހުރި އިންވެސްޓިގޭޝަން އޮފިސަރަށް ބިރު ދައްކައިގެން ތަހުގީގު ހުއްޓުވާލި ކަމަށް ވަނީ ތުހުމަތު ކުރެވިފަ އެވެ. އެގޮތުން އެ މައްސަލަ ހުއްޓުވާލާފައި އެތައް ދުވަހަކު އޮތުމަށް ފަހު، މިހާރު އެ މައްސަލަ އަލުން ބަލަން ފަށާފައިވާ ކަމަށް ވެއެވެ.

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން މައްސަލައެއް ނެތް ކަމަށް ބުނާ ސިޓީ ހޯދީ ކުރިން!

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މައްސަލައެއް ނެތް ކަމަށް ބުނެ ސިޓީ ހޯދީ އެ މައްސަލަ ބަލަން ފެށުމުގެ ކުރިން ކަން ވެސް "ސީއެންއެމް" އަށް ވަނީ އެނގިފަ އެވެ. އެގޮތުން ފަނޑިޔާރު ދީދީ އެ ސިޓީ ހޯދީ މި މަހުގެ ނުވަ ވަނަ ދުވަހު ނުވަތަ 10 ވަނަ ދުވަހު ކަމަށް ވެއެވެ.

އެކަމަކު އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ އާ ފަނޑިޔާރު ދީދީ އާ ގުޅޭ މައްސަލަ ފުލުހުން ބަލަން ފެށީ އޭގެ ފަހުންނެވެ. އެގޮތުން އެ މައްސަލަ ބަލަން ފެށުމަށް ފަހު، ޖޭއެސްސީ އަށް ފުލުހުން ސިއްރު ސިޓީއަކުން އެކަން އެންގީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

އެހެންކަމުން ފުލުހުން އެ މައްސަލަ ބަލަން ފެށީ، ފަނޑިޔާރު ދީދީގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް ބުނެ އޭނާ އަށް ސިޓީ ދިން ދުވަހުގެ ފަހުން ކަން "ސީއެންއެމް" އަށް ވަނީ ޔަގީން ކުރެވިފަ އެވެ.

މި މައްސަލަތަކުގެ އިތުރުން ވެސް ފަނޑިޔާރު ދީދީ އާ ގުޅޭ އިތުރު މައްސަލަތައް ހުރި ކަމަށް ވެސް އެނގިފައި ވެއެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފްސީލު އަދި ސާފުވާގޮތެއް ނުވެ އެވެ.
ހިޔާލު

ހުކޫމަތު

ޖުޑިސަރީ ހަމަ މަގަށް އަޅުވަން އަހަރުމެން ރައްޔިތުން އެޔޮތީ އެމް.ޑީ.ޕީ އަށް ސުޕަ މެޖޯރިޓީ ދީފަ އެކަން ހުއްޓުވަން އުޅުމަކީ ރައްޔިތުންގެ މަސައްކަތް ހުއްޓުވަން އުޅުން އެކަމެއް ނުވާނެ މިފަހަރު ހަމަ މަގަށް އަޅުވާނަން