Hanguraama ah dhiya dhivehin ge rehabilitation masakkaiy kuranee
image
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު--
0 ކޮމެންޓް
 

ހަނގުރާމައަށް ދިޔަ ދިވެހިންގެ ރިހެބިލިޓޭޝަން މަސައްކަތް ކުރަނީ

ބޭރު ގައުމުތަކުގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެނބުރި އަންނަ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ނެރެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ޓެރަރިޒަމާ ދެކޮޅަށް އިސްކޮށް މަސައްކަތް ކުރާ ފަރާތްތަކާއެކު މިއަދު ރާއްޖޭގައި ފެށި ފޯރަމް ހުޅުވުމަށް ފަހު ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެއިން އެކި ގައުމުތަކަށް ގޮސް ތިބި މީހުންނާ މެދު އަމަލު ކުރާނެ ގޮތެއް ހޯދުމަށް ދައުލަތުގެ އެކި މުއައްސަސާތަކުން މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

"ރާއްޖެ އަނބުރާ އައުމަށް ފަހުގައި ދެވިގެންދާނެ ރިހެބިލިޓޭޝަން އަދި އެ ފަރާތްތައް އަނބުރާ މުޖުތަމައު ތެރެއަށް ގުޅިގެން ދިއުމަށްޓަކައި ނުވަތަ މުޖުތަމައު ތެރޭގައި ހިމެނުމަށްޓަކައި ކުރަމުންދާ މަަަސައްކަތްތަކެއް މިހާރު އެބަ ކުރަމުން ގެންދޭ،" ހަމީދު ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ ދިވެހިން ބޭރު ގައުމުތަކަށް ހަނގުރާމައަށް ގޮސްފައިވާއިރު އެމީހުން އަނބުރާ ގެނެސްދިނުމަށް އާއިލާތަކުން އެދެމުންދާ ކަމަށް ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ކުރިން ވިދާޅުވިއެވެ. އެކަމަކު ދާދިފަހުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ ހަނގުރާމަތަކަށް ދާ ދިވެހިން ރާއްޖެ އަށް އަނބުރާ ގެންނަން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނަޝީދު ވަނީ އެމީހުން އަނބުރާ ގެނެސް މުޖުތަމައަށް އިތުރު ނުރައްކަލެއް ވިޔަ ނުދިނުމަށްޓަކައި ރިހެބިލިޓޭޓް ކުރެވޭނެ ގޮތްތަކެއް ވެސް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ.

އަވަށްޓެރި ސްރީ ލަންކާއަށް ދިން ޓެރަރިޒަމް ހަމަލާތަކާއި ގުޅިގެން ރާއްޖެއިން ވެސް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް މިހާރު އޮތް އޮނިގަނޑަށް ވުރެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

އޭޝިއާ ކައުންޓާ ޓެރަރިޒަމް ލީޑާސް ފޯރަމްގެ ނަމުގައި މިއަދު ފެށި އެ ފޯރަމުގައި ރާއްޖޭގެ އިތުރުން ތައިލެންޑާއި ބަންގްލަދޭޝް އަދި މިއަންމާ އާއި އޮސްޓްރޭލިއާގެ ފުލުހުން ވެސް ބައިވެރިވިއެވެ.
ޓެރަރިޒަމް ފުލުހުން
ހިޔާލު