Fandiyaaru Didi JSC ah haaziruvejje
image
ކޮރަޕްޝަނުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ (މ).-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

ފަނޑިޔާރު ދީދީ ޖޭއެސްސީ އަށް ހާޒިރު ވެއްޖެ

ރިޝްވަތުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރު ވެއްޖެ އެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީ އާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީ އެއް އެކުލަވާލުމަށް ހުށަހެޅުމުން ތިން މެމްބަރުން ތަނާޒުލް ވުމާއި ގުޅިގެން ދެން ތިއްބެވި މެމްބަރުންނަކީ އެ ކޮމިޓީގެ މެމްބަރުން ކަމަށް މިރެ ބޭއްވި އެ ކޮމިޝަނުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ.

ފަނޑިޔާރު ދީދީ ޖޭއެސްސީ އަށް ހާޒިރުވީ އެ ކޮމިޓީން ބަލަމުން ގެންދާ މައްސަލާގައި ބަޔާނެއް ނެގުމަށް، މިރޭ 11:30 ގައި ހާޒިރުވުމަށް އެންގުމުންނެވެ. އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީ އަށް ވަޑައިގެންނެވީ ގާނޫނީ ވަކީލުންގެ ޓީމަކާއި އެކުގަ އެވެ. ފަނޑިޔާރު ދީދީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލު އާދަމް އާސިފް އާއި އަބްދުﷲ ޝިޔާޒް ހިމެނެ އެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައި ހަމަސައްކަތަށް ނިކުތުމުން އެ މައްސަލާއަކީ އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ބެލުމަށް ވެސް ޖޭއެސްސީން މިރޭ ވަނީ ނިންމާފަ އެވެ. އެ މައްސަލަ ބެލުމަށް ވެސް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީ އެއް އެކުލަވާލުމަށް ހުށަހެޅުމުން ތިން މެމްބަރުން ތަނާޒުލް ވުމާއި ގުޅިގެން ދެން ތިއްބެވި މެމްބަރުންނަކީ އެ ކޮމިޓީގެ މެމްބަރުން ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެ ދެ ކޮމިޓީން ވެސް ތަނާޒުލްވެފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް އާއި އަބްދުލް ހަންނާން މުހައްމަދުގެ އިތުރުން ލަތީފާ ގާސިމް އެވެ.

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޖޭއެސްސީ އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި ފުލުހުން އަންނަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން ފަނޑިޔާރު ދީދީ އަށް ނަފާލިބުނު ކަމަށް ތުހުމަތު ކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަން ޖޭއެސްސީ އަށް، ސިއްރު ސިޓީއަކުން އަންގައިފަ އެވެ.

ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން އެ މައްސަލަ ބަލަމުން އަންނަ އިރު، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ދައުލަތުގެ އެއްވެސް އިދާރާ އަކުން ފަނޑިޔާރަކާއި ގުޅުންހުރި އެފަދަ މައްސަލައެއް ބަލަމުން އަންނަކަން އަންގައިފިނަމަ، 48 ގަޑިއިރުގެ ތެރޭގައި ފިޔަވަޅު އަޅަން އެ ކޮމިޝަނުގެ ގާނޫނުގައި އޮންނަ އުސޫލުގެ މަތިންނެވެ.

"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ ދެ މައްސަލައިގެ އިތުރުން ވެސް ފަނޑިޔާރު ދީދީ އާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ހުށަހެޅުއްވި ރިޝްވަތުގެ މައްސަލަ ކުރިން ތަހުގީގު ކުރަން ފެށި ނަމަވެސް ފަނޑިޔާރު ދީދީ، އިންވެސްޓިގޭޝަން އޮފިސަރަށް ބިރު ދައްކައިގެން އެ ތަހުގީގު ހުއްޓުވާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހަޅާފައިވަނީ، ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ހިޔާލު