Fandiyaaru Didi ge mahsala hulhuvaalaigen kuriyah gendhan nimmanee
image
ރިޝްވަތުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ.
2 ކޮމެންޓް
 

ފަނޑިޔާރު ދީދީގެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުން އަންނަ، ރިޝްވަތުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބާއްވަން އޭނާ އެދުމުން އެ ކަމަށް ގޮތެއް ނިންމަން ތަހުގީގު މިރެއަށް މެދުކަނޑާލައިފި އެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީ އާ ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީ އެއް އެކުލަވާލުމަށް ހުށަހެޅުމުން ތިން މެމްބަރުން ތަނާޒުލް ވުމާއި ގުޅިގެން ދެން ތިއްބެވި މެމްބަރުންނަކީ އެ ކޮމިޓީގެ މެމްބަރުން ކަމަށް މިރެ ބޭއްވި އެ ކޮމިޝަނުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ.

އެ ކޮމިޓީން ބަލަމުން ގެންދާ މައްސަލާގައި ބަޔާނެއް ނެގުމަށް، މިރޭ 11:30 ގައި ފަނޑިޔާރު ދީދީ ޖޭއެސްސީ އަށް ހާޒިރުވި އެވެ. ނަމަވެސް ގަޑިއެއްހާއިރު ފަހުން ޖޭއެސްސީން ނިކުންނެވުމަށް ފަހު ދީދީގެ ވަކީލުންގެ ޓީމުގެ ފަރާތުން، ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ، ފަނޑިޔާރު ދީދީ ބޭނުންވަނީ އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ފަނޑިޔާރު ދީދީގެ އެ ހުށަހެޅުއްވުމާ އެއްގޮތަށް ކުރިއަށް ގެންދެވޭނީ ޖޭއެސްސީގެ ބައްދަލުވުމަކުން އެކަން ފާސްކޮށްގެން ކަމަށް ވާތީ، ދެން އޮންނަ އެ ކޮމިޝަނުގެ ބައްދަލުވުމަކަށް އެކަން ހުށަހަޅައިގެން ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ނިންމާލީ ކަމަށް އާސިފް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް ހިމެނޭ އާސިފް ވިދާޅުވީ، ފަނޑިޔާރު ދީދީ ހުންނެވީ ޖޭއެސްސީގެ ތަހުގީގަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވުމަށް ކަމަށެވެ. އަދި ރަށުން ބޭރަށް ފަނޑިޔާރު ދީދީ ވަޑައިގަންނަވާނަމަ އެ ކޮމިޝަނަށް އަންގާލުމަށް މިރޭ އެދުނު ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ދީދީ މައްސަލަ ބައްލަވާ ކޮމިޓީގެ ރޫހަކީ ވެސް އޭނާ ހުށަހެޅުއްވި ގޮތަށް ހުުވާލައިގެން އެ މައްސަލަ ބެލުން ކަމަށެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް، އެ ނިންމުމަށް ގޮންޖައި ހަމަސައްކަތަށް ނިކުތުމުން އެ މައްސަލާއަކީ އޭނާގެ ސުލޫކީ މައްސަލައެއް އޮތް ކަމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ބެލުމަށް ވެސް ޖޭއެސްސީން މިރޭ ވަނީ ނިންމާފަ އެވެ. އެ މައްސަލަ ބެލުމަށް ވެސް ކޮމިޝަނުގެ ހުރިހާ މެމްބަރުން ހިމެނޭ ގޮތަށް ކޮމިޓީ އެއް އެކުލަވާލުމަށް ހުށަހެޅުމުން ތިން މެމްބަރުން ތަނާޒުލް ވުމާއި ގުޅިގެން ދެން ތިއްބެވި މެމްބަރުންނަކީ އެ ކޮމިޓީގެ މެމްބަރުން ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެ އެވެ.

އެ ދެ ކޮމިޓީން ވެސް ތަނާޒުލްވެފައިވަނީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފް އާއި އަބްދުލް ހަންނާން މުހައްމަދުގެ އިތުރުން ލަތީފާ ގާސިމް އެވެ.

ފަނޑިޔާރު ދީދީ އާ ގުޅޭގޮތުން ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޖޭއެސްސީ އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި ފުލުހުން އަންނަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ އިން ފަނޑިޔާރު ދީދީ އަށް ނަފާލިބުނު ކަމަށް ތުހުމަތު ކުރެވޭތީ ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންނެވެ. ފުލުހުން ވަނީ އެ މައްސަލަ ބަލަމުން އަންނަ ކަން ޖޭއެސްސީ އަށް، ސިއްރު ސިޓީއަކުން އަންގައިފަ އެވެ.

ޖިނާއީ މައްސަލައެއްގެ ގޮތުގައި ފުލުހުން އެ މައްސަލަ ބަލަމުން އަންނަ އިރު، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ދައުލަތުގެ އެއްވެސް އިދާރާ އަކުން ފަނޑިޔާރަކާއި ގުޅުންހުރި އެފަދަ މައްސަލައެއް ބަލަމުން އަންނަކަން އަންގައިފިނަމަ، 48 ގަޑިއިރުގެ ތެރޭގައި ފިޔަވަޅު އަޅަން އެ ކޮމިޝަނުގެ ގާނޫނުގައި އޮންނަ އުސޫލުގެ މަތިންނެވެ.

"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެ ދެ މައްސަލައިގެ އިތުރުން ވެސް ފަނޑިޔާރު ދީދީ އާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ހުށަހެޅުއްވި ރިޝްވަތުގެ މައްސަލަ ކުރިން ތަހުގީގު ކުރަން ފެށި ނަމަވެސް ފަނޑިޔާރު ދީދީ، އިންވެސްޓިގޭޝަން އޮފިސަރަށް ބިރު ދައްކައިގެން އެ ތަހުގީގު ހުއްޓުވާލި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހަޅާފައިވަނީ، ފަނޑިޔާރު ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
ހިޔާލު

އަޒީމް

ފަނޑިޔާރުން ކިޔާވަރަށްވުރެ މާ ދަށުދަރަޖައިގެ ބައެއް ތިޔައީ.

ރައްޔިތު

މުޅި ޤައުމުގެ މަސްލަހަތު ހިމެނޭ ބައެއް މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު އާމުންނަށް ހުޅުވާލައިގެން ޝަރީއަތުގެ މަޖުލިސް ގެންދަން އެދުނު އިރު އެކަންވިތަ .... ހަމަ މިމީހުން ޒިންމާދާރުކުރުވަން ހަދާފަ އޮތްނަ ތަނަކަށް ހާޒިރުކުރެވޭ އިރަށް އެބައްދަލުވުން އެބަޖެހޭ އާއްމުކުރަން .. ނުޖެހޭ ބޭނުން ހުރިހާ ކަމެއް ހަމަޖައްސާކަށް