9200 Housing Unit ge Framework ehbasvumugai soikohfi
image
ހުޅުމާލެ އިން އަމިއްލަ މީހުންނަށް ދޫކޮށްފައިވާ ފްލެޓްތަކެއް-- ފޮޓޯ: ވީނިއުސް
1 ކޮމެންޓް
 

9200 ހައުސިން ޔުނިޓްގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން އިމާރާތް ކުރަން ނިންމި ހައުސިން ޔުނިޓުތަކުގެ ތެރެއިން 9200 ހައުސިން ޔުނިޓް އެޅުމަށް ފްރޭމްވޯކް އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށް ހައުސީން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން، ރާއްޖޭ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވިދާޅުވީ، 9200 ހައުސިން ޔނިޓް އެޅުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު އެ އެއްބަސްވުމުގައި ސޮއިކުރިއިރު މާލެ ސަރަހައްދުގައި އަޅަން ނިންމާފައި ވަނީ އޭގެ ތެރެއިން 4200 ހައުސިން ޔުނިޓެވެ. އަދި އެމަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާ ކަމަށް ޝާމިން ވިދާޅުވި އެވެ.

ބާކީ 5000 ހައުސިން ޔުނިޓަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކެއްކަން ފާހަގަކުރައްވާ ޝާމިން ވިދާޅުވީ، އެ ހައުސިން ޔުނިޓުތައް އިމާރާތްކުރަން މިދިޔަ މެއި މަހު އިންޑިއާގެ ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

"ފްރޭމްވޯކް އެގްރީމަންޓުގައި މި ސޮއިކުރެވެނީ 6 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައި. އެ ބޭފުޅުން ކުރައްވަން ޖެހޭ ކަމަކީ ކުރެހުންތައް ތައްޔާރު ކުރުމާއި، ބިން ފައިނަލައިޒް ކުރުމާއި އަދި ސަރުކާރާއި ގުޅިގެން ފައިނޭންސް ހަމަޖެއްސުން. މި މަސައްކަތްތައް މި މުއްދަތުގެ ތެރޭގައި ކުރެވުނީމަ އަމަލީ މަސައްކަތަށް ކޮންސްޓްރަކްޝަންގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނީ،" ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ، އެ މަޝްރޫއުގެ އިތުރުން މާލޭ ސަރަހައްދުގައި އިތުރު 2000 ހައުސިން ޔުނިޓު އެޅުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހައުސިން ޔުނިޓް އެޅުމުގައި ސަރަހައްދުތައް ކަނޑައަޅާނީ ހައުސިން ނީޑް އެސެސްމަންޓް ހަދައި އެއަށް ބެލުމަށް ފަހު ކަމަށާއި އެކަމުގައި ރައްޔިތުންނާއި، ކައުންސިލްތަކުގެ ލަފާ ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިޔާލު

އަހައްމާ

9200 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ފުރޭމް ވޯކްގައި ސޮއިކޮއްފައިވާ ވާއިރު މި އެބަސްވުމުގައި މާލެ ސަރަހައްދަށް 4200 ފުލެޓް އަޅާފައި އަދި ދެކުގައި 5000 ހައުސިން ޔުނިޓް އަޅާކަމަށްވާނަމަ އުތުރުގައި ތިބި ރާއްޖޭގެ ރައްޔިތުން މާލެއަށް ޖަމާކުރަން ރާވަނީތޯ ؟ އެހެން ނޫނަމަ މި 9200 ހައުސިން ޔުނިޓު ތަކުގެ ތެރެއިން ކޮންމެ ވެސް އަދަދެއް އުތުރަށް ދޭނެ ނޫންތޯ ؟ އަދި އިތުރު 2000 ހައުސިން ޔުނިޓް މާލޭގައި އަޅާ ވާހަކަ ބުނާއިރު އޭގެތެރެއިން އަޅާ ފުލެޓުން ވެސް އުތުއަތޮޅުގެ ރައްޔިތުންނަ ދޭނޭކަމަށް ގަބޫލު ކުރެވޭއެވެ.