Dhevana faharu konnan nujehey gothah Male ge maguthah faruma kuran jehey: Shamau
image
މާލޭގެ މަގެއް ތަރައްގީކުރަނީ-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

"ދެވަނަ ފަހަރަށް ކޮންނަން ނުޖެހޭ ގޮތަށް މާލޭގެ މަގުތައް ފަރުމާ ކުރަންޖެހޭ"

އެކި ބޭނުންތަކަށް ދެވަނަ ފަހަރަށް ކޮންނަން ނުޖެހޭ ފެންވަރަށް މާލޭގެ މަގުތައް ތަރައްގީ ކުރަން ޖެހޭ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ބޭއްވި ފޯރަމުގައި މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، މާލޭގެ މަގުތަކަކީ އަމާންތަނަކަށް ހަދަން ޖެހޭއިރު އެއީ ކޮންމެ ދުވަހަކު ކޮންނަން ނުޖެހޭ ގޮތަށް ތަރައްގީ ކުރެވިފައިވާ މަގުތަކަކަށް ވެސް ހަދަން ޖެހޭ ކަމަށެވެ.

މާލޭގެ ގިނަ މަގުތަކަކީ ގާ އަތުރައިގެން ތަރައްގީކޮށްފައިވާ މަގުތަކަކަށްވާއިރު މިހާރު ގިނަ މަގުތަކުގައި ވަނީ އަޑިގުޑަންތައް ހެދިފައެވެ. އެކަމަށް އިޝާރާތް ކުރައްވާ ޝަމާއު ވިދާޅުވީ، ގަލެއް އޮންނަ ގޮތަކުން ވެސް އެކްސިޑެންޓެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމުން ކުރިއަށް އޮތް ތަނުގައި މާލޭގެ މަގުތައް ތަރައްގީކުރާއިރު އެފަދަ ކަންކަމަށް ވިސްނަވާނެ ކަމަށެވެ.

މަގުމަތީގައި ހިނގާފައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީގެން މަގުތައް ފަރުމާ ކުރުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ، އިމާރާތްކުރާ ސައިޓުތަކުން ފެން ބޭރު ކުރުމަށް މަގުތަކުގައި އަޅާ، ހޮޅިތަކަކީވެސް މަގުމަތީގައި ޢާއްމުންނަށް އުނދަގޫވާހެން ހުންނަ ތަކެތިކަމުން ހޮޅިތައް އަޑީގައި ވަޅުލެވިފައި ހުންނަ ގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ގޮތުން ބޭއްވި އެފޯރަމުގައި މާލޭ ސިޓީ ކައުންސިލުގެ އިތުރުން ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ބައިވެރިވި އެވެ. އެގޮތުން އެފޯރަމުގައި އެކްސިޑެންޓުތައް މެދުވެރިވާ ސަބަބުތަކާއި އެކަންކަން ހުއްޓުވަން ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
ހިޔާލު

ކަންއޮތްގޮތް

ތިކަމެއްނުވާނެ. ތިޔައީ ޖަލުތައްފަދައިން ސިޔާސަ ފަރާތްތަކަކަށް ލިބިލިބިހުންނަ ލާރި. ފުރަތަމަ ބޭއްވިގަލުންފެށިގެން މިއަދާއިހަމައަށް ތިކަންހިނގަމުންދަނީ އެގޮތަށް އެހެންވީމައި ތިބުނާގޮތަށް ތިބުނާފެންވަރަށް މަގުހަދައިގެން އަހަރުމެން އިތުރަށްވާނީ ދަރަނިވެރި. ސިޔާސީފަރާތްތަކަށް މިހާރު ބަޖެޓުގައި ޖެހިގެން ކުރެވޭނެކަމެއް ނޯވެއެެވެ. އެއްޗެއް ލިބެނީ ދަށުންދަމާކުޅެގެނެވެ. އެހެންވީމަ ތިކަމެއްނުވާނެ!