Vaahaka: Dhin Ufaa Loabin
image
ފުނަމާ
1 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

14 ވަނަ ބައި
ދެލޯ އުނގުޅަމުން އުނގުޅަމުން ދެފަހަރަކު ގަޑިއަށް ބަލައިލެވުނީ، އިވުނު އަޑާއި މެދުގައި ޔަގީން ނުވެގެންނެވެ.

"ކިހިނެއްވީ؟ އަހަރެންގެ އަޑު ޖެހުނީމައި މެންދަމުގެ ފިނިކަން އިޙްސާސްވީތަ؟" ލުއި ހިނިތުންވުމަކާއި އެކު ޝެނީން ބުނެލިއެވެ. އެސްފިޔަތަކުގައި ވަކިހިއްޕާލާފައިވީ ނިދިވެސް ވިއްސިވިހާލިވެއްޖެއެވެ. ޔަނާލްގެ ޠަބީއަތު ޚަރާބުވެއްޖެއެވެ.
ޔަނާލް ބުނެފާނެ އެއްޗަކަށް އިންތިޒާރުކުރުމެއްނެތި ޝެނީން ވާހަކަ ދެއްކިއެވެ.

"އަޅާނުލާބަލަ! ތިއީވެސް ހިއްސުތައް ހަމަޔަށް ހުރި ފިރިހެނެކޭ.. ބައެއް ރޭ ރޭ ފިނިކަން އިޙްސާސްކުރަންވާނެ.. އެހެންނޫނީ ލައިފް ވަރަށް ބޯރިންވާނެ.. އެހެން އަންހެނަކަށް ޔަނާލް ނުގުޅާނެކަން މަށަށް ޔަގީން.. ޔަނާލްގެ އެކަނިވެރިކަން، ފިލުވައިދޭން އަހަރެން އެހީވެދޭނަން، އެކަނިވެރިއެއްގެ އިޙްސާސް އެނގޭނީވެސް އެކަނިވެރީންނަށް ދޯ.. އަހަރެންގެ ފޯން ކޯލް އަކަށް އިންތިޒާރުކުރާނެހެން ހީވެގެން މި ގުޅީވެސް" އަމިއްލަޔަށް މަޖާވެލާފައި ޝެނީން ދައްކަންއުޅުނު ވާހަކައިގެ ސަބަބުން ޔަނާލް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

***

ނިދިފައި އޮތް މުސްކާންއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. މަންމަގެ ހަޔާތުން ހިރަފުސް ފޮޅާލި ސަފްހާތަކުން، މުސްކާންގެ ސިކުނޑީގައިވަނީ ބިރުވެރި ސުވާލުތަކެވެ. މަންމަގެ ތަސްވީރެއް ލޮލާއި ސިކުނޑީގައި ނެތުމަށްވުރެން ބޮޑު ހިތާމައެއް މުސްކާންގެ ހަޔާތުގައި ނެތެވެ. ކާފައަކީ އަނިޔާވެރިއެއްކަމަށް ބައްޕަ ބުނީ ކީއްވެތޯ ތަކުރާރުކޮށް މުސްކާން ސުވާލުކޮށްލިއެވެ. އަމިއްލަ ޟަމީރު ޖަވާބެއް ނުދެއެވެ. މީހެއްގެ ނުރަގަޅު ސިފައެއް ބައްޕަގެ ދުލުން ހާމަކުރުމަކީވެސް މުސްކާންއަށް މުޅިން ތަފާތުކަމެކެވެ. ގައިމަތީގައި އޮތް ކުއިލްޓް ބޮލާއި އެއްކޮށް ފަތުރާލިއެވެ. ހަމަ އެސިކުންތުގައި ކުއިލްޓުގެ ތެރެއިން މުސްކާންގެ މޫނު ހާމަކޮށްލިއެވެ. ލޮލުގެ ކަޅި ދެފަރާތަކަށް ހަރަކާތްކޮށްލުމުން ދޭހަވީ ކޮންމެވެސް ޚާއްޞަކަމަކާއިމެދުގައި މުސްކާން ވިސްނާލައިފިކަމެވެ.

ފޯނު ނެގުމަށްފަހު ކޮންޓެކްޓް ލިސްޓް ބަލަންފެށިއެވެ. ޝަރީފުގެ ނަން ފެނުމުން ހިނިތުންވެލީ ނުހަނު ލޯބިކޮށެވެ. ވިސްނާލުމަށް މަޑުކޮށްލުމެއްނެތި މުސްކާން ޑައިލްކޮށްލިއެވެ.

"ހަލޯ.." ދެވަނަ ރިންގުން ފޯނު ނެގިއެވެ. ނަމަވެސް ވާހަކަދެއްކީ ޝަރީފުއެއް ނޫނެވެ.
"ނިޝާނާދައްތަދޯ؟ މީ މުސްކާން! އެނގިއްޖެތަ؟" މުސްކާންގެ ނަން އިވުމުން ނިޝާނާއަށް ވެދާނެގޮތަކާއިމެދުގައި ވިސްނާލުމެއްނެތި މުސްކާން ވާހަކަދެއްކީ ވަރަށް އުފާވެރި ރާގެއްގައެވެ.

"އާން..! ދައްތައަށްވެސް މުސްކާން އިނގޭނެއެއްނުން.. ކިހިނެއްވީ ދޫނީ؟ ހާދަހައި އެހެންކަހަލަ ގަޑިއެއްގައި؟" ނިޝާނާގެ އަޑުއިވުމުން، އެއަޑުގެ ނުތަނަވަސްކަން މުސްކާންއަށް އިހްސާސްވިއެވެ. ހިނިތުންވުން ފަނޑުކޮށްލާފައި ނުހަނު ލޯބިން މައާފަށްވެސް އެދުނެވެ. ހަގީގަތުގައި ނިޝާނާ އެވަގުތުއިނީ ޝަރީފުގެ ފޯނުން އޭނާއަށް ބޭނުންހިފޭނެ މައުލޫމާތެއް ލިބޭތޯ ހާވާށެވެ.

"އިޓްސް އޯކޭ ދޫނީ.. ޝަރީފުބެއަށް އޮތީ ނިދިފައި.. މުހިއްމުކަމެއްގައިދޯ ތި ގުޅާލީ.. މަޑުކޮށްލައްޗޭ ގޮވާލާނަން" ކިތަންމެ ސުވާލެއްކުރާން ހިތް އެދުނަސް، މުސްކާންއާއި އެސުވާލުތައް ކުރާން ނިޝާނާ ފަސްޖެހުނެވެ. އުނދަގުލުން ޝަރީފު ހޭލައްވާންޖެހުނަސް، ނިޝާނާ އެކަންކުރީ މުސްކާންއަށް ޓަކައެވެ.

"މިއޮތީ މުސްކާން ގުޅާފައި.. ވާހަކަދައްކާލަބަލަ!" ޝަރީފު ދެލޯބޮޑުވެގެން ދިޔަވަގުތު، ނިޝާނާގެ އަތުން، ފޯނު ޖަހައިގަނެވުނީ، ސައިޑްޓޭބަލްމަތީގައި އިން ގަޑި ފެނުނީތީއެވެ.

"ދަރިފުޅާ މުސްކާން.. ދޫނީ ކިހިނެއްވީ؟ ބައްޕައަށް ކަމެއްވީތަ؟" ޝެނީންއާއި ޔަނާލްގެ ސިއްރު ހިއްސާކުރުންތަކުގެ ސަބަބުން ޝަރީފުއަށް ނުތަނަވަސްކަން ލިބިފައިވިޔަސް، މިވަގުތު އެކަމުގެ އެއްވެސް ލިސާނެއް ނެތެވެ.

"ނޫނޭ ޝަރީފުބޭ.. ބައްޕައަށް ކަމެއްވީކީ ނޫން.. އެކަމަކު ވަރަށް މުހިއްމު އެއްޗެއް އަހާލަންވެގެން.." ވަރަށް ލޯބިން މުސްކާން ވާހަކަދެއްކިއެވެ.

ޝަރީފުގެ މޫނަށް ބަލަހައްޓައިގެން ނިޝާނާވެސް އިނީ ކަންތައް ބޮޑުވެފައެވެ. މުސްކާން ނުފެންނަތާ އަހަރުތަކެއް ވެއްޖެއެވެ. ކުއްލިޔަކަށް މެންދަމެއްގެ އެވަގުތުގައި މުސްކާންގެ ކޯލެއް ޝަރީފުއަށް އައުމުން ނިޝާނާވެސް ނުތަނަވަސްވިއެވެ.

"މަންމަގެ އެއްވެސް ވާހަކައެއް ބައްޕަ، ޝަރީފުބެއާއި ޝެއަރކުރިތަ؟ މުސްކާންގެ ކާފައަކީ މަންމައަށް ވަރަށް އަނިޔާކުރާ މީހެއްތަ؟ ކާފަ ކީއްވެގެންތަ، މަންމައާއި ބައްޕައަށް އެހެންހެދީ؟" ނުހަނު ލޯބިކޮށް ވާހަކަދެއްކި މުސްކާން ގިސްލާފައި ރޯލިއެވެ.

ނިދީގެ އަސަރުހުރިނަމަވެސް، ޝަރީފުގެ ކޯތާފަތުން ކަރުނައިގެ ކޫރެއްދެމިލިއެވެ. ނިޝާނާއާއި ދިމާއަށް ބަލައިލެވުނު އިރު ޝަރީފުގެ ނޭފަތުގެކުރި ތުރުތުރުއަޅައެވެ. މަންމައެއްގެ ލޯތްބަށްއެދި ދަރިއަކު ތަހަންމަލްކުރާ ވޭން ޝަރީފުއަށް އިޙްސާސްކުރެވުނީއެވެ. ކާގޭ ތެރޭގައި ޔަނާލްއާއެކު މުސްކާން ދެއްކި ވާހަކަތައްވެސް ޝަރީފުގެ ހަނދާނުގެ ތެރެއިން އާވެލައިފިއެވެ.

"މަންމައާއިމެދު ސުވާލުކުރުމުން ބައްޕައަށް ރޮވެންޏާއި މުސްކާން ދެން އެވާހަކައެއް ނުދައްކާނަން.. އެކަމަކު އެންމެ ފަހަރަކުނަމަވެސް މިހިތުގައި މަންމަގެ ކުލަ ތަސްވީރެއް ކުރަހާލަދީބަލަ! ޕްލީޒް ބައްޕާ! މުސްކާންގެ ހިތައް ވަރަށް ތަދުވޭ.. މަންމަގެ މަތީން ހަނދާންކޮށްލާފައި އެ ލޯބި އިޙްސާސްކޮށްލެވޭނީވެސް މަންމަ ހުންނަ ގޮތް މުސްކާންއަށް އެނގުނީމައި.. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ މަންމަ ދެކިލާހިއްވާނެ.. ބައްޕައަށް އެކަން ގަބޫލުކުރެވޭދޯ" އެއީ ފާރުގެ އެތެރެއިން ފުރޭނިގެން ޝަރީފުގެ ކަންފަތާއި ހަމައަށް ވާސިލްވި ވޭނީ އަޑެކެވެ. ހަނދާންތަކުން ނިކުތުން ނޫންގޮތެއް މިވަގުތު ނެތެވެ. ހިންދިރުވާލާފައި ޝަރީފު ހިތްވަރުކޮށްލިއެވެ.

"ދަރިފުޅާ.. ޝަރީފުބެއަށް ހަގީގަތެއް ނޭގެ.. އިނގޭހާވެސް އެއްޗަކީ ދަރިފުޅުގެ މަންމައަށްޓަކައި ބައްޕަގެ ހިތުގައި އޮންނަ ލޯތްބާއި އެ ގަދަރު... އެހެން އިންސާނަކު އެމީހެއްގެ ލޯތްބަށްޓަކައި އެވަރުގެ ޤުރުބާނީއެއް ނުވާނެކަން.. ދަރިފުޅުގެ މަންމަދެކެ، ބައްޕަ ވަރަށް ލޯބިވޭ.. އެވަރުގެ ކެތްތެރި މާތް އިންސާނަކު ޝަރީފުބެގެ ހަޔާތުގައި ނުދެކެން.. އެހެންވީމައި ޝަރީފުބެއަށް ބުނެވޭނީ، މުސްކާންގެ މަންމައަކީ ވަރަށް ފުރިހަމަ، ވަރަށް މާތް އަންހެނެކޭ! އެހެންނޫނީ ބައްޕަގެ ހިތުގައި އެވަރުގެ ލޯތްބަކާއި އިޙްތިރާމެއް އުފެދޭނެތަ...؟ މިރޭ ދެން ނިދާލާ ދޫނީ.. އޮފީހަށް ގޮސް، ކާޑްޖަހާލާފައި މުސްކާންއާއި މީޓްކޮށްލަން ޝަރީފުބެ ދާނަން" ކޯތާފަތުން ކަރުނަ ފޮހެލަމުން ޝަރީފު ބުނެލިއެވެ. ވަރަށް ޝުކުރުއަދާކޮށްފައި މުސްކާން ފޯނު ބޭއްވީ ޝަރީފުއަށް ބަރަކާތްލެއްވުން އެދެމުންނެވެ. ކިތަންމެ ޒުވާބެއްކޮށް، އަބަދު އަރާރުންވިޔަސް، ނިޝާނާގެ ފަރާތުން މިވަގުތު ޝަރީފުއަށް ފެނުނީ ހަމަހިމޭންކަމާއި އިޙްތިރާމެވެ.

"ލޯބި ލޯބި ދަރިއެއްދޯ! ކުރިން ހުންނަ ގޮތައްތަ މިހާރުވެސް ހުންނަނީ؟ އޭރު ހީވަނީ ޔޫރަޕް ހިސާބުގެ ކުއްޖެއްހެން ދޯ.. ވަރަށް ދެރަވޭދޯ.. މިގަޑީގައި އެގުޅީ ވަރަށް މިސްވެގެންދޯ.. ޔަނާލްފަރާތުން މައުލޫމާތެއް ނުލިބިގެން ކަންނޭގެ ދޯ، ޝަރީފުއަށް އެގުޅީ" މުސްކާންއަށްޓަކައި ނިޝާނާގެ ހިތުގައި ގަދަރެއް އެބައޮތްކަން އެނގުމުން ޝަރީފު ނުހަނު އުފާވިއެވެ.

ޔަނާލްގެ ކިބައިން ނުލިބުނު މައުލޫމާތަކަށްވުރެން، ޝެނީންގެ ކިބައިން ޝަރީފުއަށް އެނގިފައި އޮވެދާނެ އިތުރުއެއްޗެއް އޮތްތޯބަލަން މުސްކާން ބޭނުންވަނީކަމަށް ޝަރީފުއަށް ހީކުރެވުނެވެ. އެވާހަކަ ނިޝާނާއާއި އިތުރަށް އެވަގުތު ދައްކާން ބޭނުންނުވީ އެސަބަބަށްޓަކައެވެ.

****

މެންދަމުން އަލިވެ ތިނެއްޖަހައި ބޮޑުވެއްޖެއެވެ. ޝެނީންގެ ކޯލްއަކަށް އެވަގުތުގައި ޔަނާލް އިންތިޒާރުކުރަންޖެހޭ ސަބަބެއް ނެތެވެ. ނަމަވެސް ގުޅީތީވެ، ވާހަކަދެއްކީއެވެ.

"ނޫނޭ.. ނިދިފައި އޮތީ.. މަރުވެފައެއްނޫން.. އެހެންވީމައި ރިންގުވަންޏާ ހޭލެވިދާނެތާ ދޯ؟" ނިދިއަޑަކުން ޔަނާލް ބުނެލިއެވެ.

"ކުރީ ރޭ އެހުރިހައި ވާހަކައެއް ބުނެދީފައި އަހަރެން މެސެޖްކުރީމައިވެސް އެއްވެސް އެއްޗެކޭ ނުބުނޭ.. ނިމާގެ ހަޔާތުގެ އަނދިރިފަރާތާއިމެދު ސުވާލުނުކުރާނަންތަ؟ އިތުރު އެއްޗެއް ޔަނާލްބުނޭތޯ އިންތިޒާރު ކުރިއެވެ.

"ނިމާއަކީ ޔަނާލް ހީކުރާހައި މާތް އަންހެނެއް ނޫން.. އޭނާގެ ބައްޕަގެ..." ނިމާގެ ގަދަރުކުޑަކޮށްލުމަށް ޝެނީން ގަސްތުގައި ފައިނެގިއެވެ. ޔަނާލްގެ އިނގިލިތައް މުއްކެވިގެންދިޔަ ވަގުތުގައި ދެލޯ މަރާލެވުނެވެ. ހިތައް ތަދުވީއެވެ. ނިމާގެ ގަދަރުކުޑަވާނެ އެންމެ ލަފްޒަކަށްވެސް ޔަނާލްގެ ހަޔާތުގައި ޖާގައެއް ނެތެވެ. އެކަން ނޭގުނީ ޝެނީންއަށެވެ.

"އަހަރެން އެހުރިހައި ވާހަކައެއް ކިޔައިދީފައި އެހައި ދިގު މެސެޖްތަކެއް ލިޔުނީ ކީއްވެތޯ ސުވާލުވެސް ނުކުރާނަންތަ؟" ވަރަށް މަޑުމަޑުން ޝެނީން އަހައިލިއެވެ.

"އަހަރެން ސުވާލެއް ކުރުމުގެކުރީން، ޝެނީންގެ އަމިއްލަ ބޭނުމެއް އޮތިއްޔާ، އެކަމެއް ބުނެލުން މާރަގަޅުވާނެ.. މީގެކުރިން އަހަރެން ހީކުރީ ޝެނީންގެ ދިރިއުޅުން ތިގޮތައް ބަރޯސާވެފައި އޮތީ ހާލަތުގެ ސަބަބުން ކަމަށް.. އެކަމަކު އެހެނެއްނޫން ދޯ.. ހިތް ފުރެންދެން އެއްތައްޓަކުން ނުކެވޭ ދޯ" ޔަނާލްއަށް ވިސްނުނުގޮތް އޭނާ ބުނެލިއެވެ. ހަގީހަގުތައި އެގަޑީގައި ޝެނީންއާއި ވާހަކަދައްކަން ޔަނާލް ބޭނުމެއް ނޫނެވެ. އަދަބުކުޑަކޮށްލާފައި ޔަނާލްއާއި ޝެނީން ވާހަކަދެއްކުމަށް، ޔަނާލްގެ ކިބައިން ސަބަބެއްވެސް ފެންނާން ނޯންނާނެކަން ޔަނާލް ޔަގީންކުރެއެވެ.

"އަހަރެން މިގުޅީ ނުނިދިގެން.. ޝަރީފު އަހަރެންނާއި ވަރަށް ދުރުވެއްޖެ.. އަހަރެން ވަރަށް އެކަނިވެއްޖެ.. އަހަންނަށް ގަބޫލުކުރެވެނީ، ޔަނާލްއާއި އަހަރެންނާއި ދެމީހުންގެ ހާލަތު އެއްގޮތްވެފައި މިއޮތީ، ތަގުދީރުގައި އަހަރުމެން ދެމީހުންގެ ނަން ކޮންމެވެސް ގޮތަކަށް ލިޔެވިފައި އޮތީތީ ކަމަށް.. އަހަރެން ޝަރީފުއާއެކު މިއޮއްހާ ދުވަސްވަންދެން އުޅުނުއިރުވެސް ހަގީގަތުގައި އޭނާދެކެ އަހަންނަށް ލޯތްބެއް ނުވެވުނު.. އެކަން މިހާރު އަހަންނަށް އެނގިއްޖެ! މިއޮއްހުރިހައި ދުވަހު އަހަރުމެން އުޅުނީވެސް ލޯބިވެރިން އުޅޭގޮތަކަށް ނޫން.. އެއަށްވުރެން މާ ގާތްކަމެއް އަހަރުމެންގެ ދެމެދުގައި އޮތް... އެއްވެސް ސަބަބެއް ނުބުނެ ކުއްލިޔަކަށް އަހަރެން އެކަހެރިކޮށް، ބާކީކޮށްލީމައި އަހަރެން ކިހައި ނިކަމެތިވާނެ .. ހެލްޕް މީ..ޕްލީޒް ޔަނާލް.. އަހަރެންގެ އެކަނިވެރިކަން ދުރުކޮށްލަން، އަހަންނަށް ވަގުތުކޮޅެއް.. "

ޝެނީން ރޮމުން ދައްކަމުންދިޔަ ވާހަކައިގެ ފަހު ޖުމުލަ ނުނިމެނީސް ޔަނާލްގެ އަޑު އިވުމުން، ޝެނީން ހިތުގައި ޖެހުނުގޮތް ދައްކާލިއެވެ. ޔަނާލް ނުރުހެންޖެހޭ ސަބަބެއް އޮވެދާނެކަމަށް ޝެނީންއަށް ގަބޫލުނުކުރެވޭ ކަމަށް ބުންޏެވެ. ހިތްހަމަނުޖެހުނަސް، އެކަނިވެރިވިޔަސް ޔަނާލްއަށް މެންދަމު ނުގުޅުމަށް ބުންޏެވެ.

"އަހަރެންގެ ވާހަކަތައް ހިއްސާކުރާނެ އެއްވެސް މީހަކު މިވަގުތު ނެތް.. ސަބަބެއް ނެތި، ޝަރީވެސް އަހަރެން ދޫކޮށްލީ ކަންނޭގެ.. މިގެއަކަށްވެސް ނާދޭ.. ފޯނު ކުރިޔަސް ހީވަނީ ބޮލަށް އުނދަގޫވެގެން އުޅޭހެން.. އަހަރެންގެ މިވާހަކަތައް ހިއްސާކުރާނެ މީހެއް ޔަނާލް ބުނެބަލަ" ރޮވޭގޮތް ދައްކާލަމުން ޝެނީން ވާހަކަދެއްކިއެވެ.

"އަހަރެންނާއި ޝެނީންއާއި ދެމެދުގައި އަމިއްލަ ވާހަކަތަކެއް ހިއްސާކުރެވެންޖެހޭނެކަމަށް އަހަރެން ގަބޫލެއް ނުކުރަން.. މިހާތަނަށްވެސް ޝަރީފު ގާތުގައި މިވާހަކަތައް ނުދެއްކި އޮތުން މިއީ އަހަރެންނަށް ކުރެވުނު ކުށެށް.. ނިމާގެ ވާހަކަތައް ޝެނީންއާއި އަހަރެން ހިއްސާކުރިޔަސް، އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއްގެ ވާހަކައިގައި ޝެނީން ޝާމިލްނުކުރަން.. ޝެނީންގެ ލޯބީގެ ހަޔާތާގުޅެގޮތުންވެސް، އަހަރެން ސުވާލެއް ނުކުރަން.. ދެކެވުނު ހުރިހައި ވާހަކައެއްވެސް ދެއްކީ، ނިމާއާއި ޝެނީންއާއި ދެމީހުންގެ އާއިލީވާހަކަތަކެއްގެ ގޮތުގައި.. އަދި އަހަރެންގެ ދަރިފުޅުގެ މަންމަގެ ހަޔާތާއި ބެހޭގޮތުން.. އަހަރެން އެހީއަށް އެދުނީ ނިމާގެ މައުލޫމާތު ޝެނީންގެ ފަރާތުން ހޯދުމަށް.. އެހެން އެއްވެސް ގޮތަކުން އަހަންނަށް އެކަން ކާމިޔާބުނުވިކަން އެންމެ ރަގަޅަށް އެނގޭނީވެސް ޝެނީންއަށް.. އަހަރެންގެ ހަޔާތުން އަށާރަ އަހަރު މި ހޭދަކޮށްލީ، އެކަނިވެރިކަމުގައި.. ހަމައެކަނި ނިމާއަށްޓަކައި.. އެހެންވީމައި ނިމާގެ މައުލޫމާތަށް ޝެނީންގެ ފަރާތުން ލިބުނު ހުރިހައި އެއްބާރުލުމަކަށް އަހަރެން އަބަދުވެސް ޝުކުރުވެރިވާނަން.. އެކަމުގެ ބަދަލެއްގެ ގޮތުގައި އެހީއެއް ބޭނުންވާނަމަ، ފަސްނުޖެހި އެހީއަށް އެދެންވީ..! އޭގެ މާނައަކީ ތި ދެމީހުންގެ ލޯބީގެ ތެރޭގައި އަހަރެންގެ ދައުރެއް އަދާކުރުންކަމަށް އަހަންނަށް ގަބޫލެއް ނުކުރެވޭ.. މިކަމަށް ޝެނީން އިޙްތިރާމްކުރާނެކަމަށް އަހަރެން އުއްމީދުކުރަން.. އެހެންމީހުންގެ ދިރިއުޅުމުގެ ކަންކަމުގެ ތެރެއަށް އެއްއިރެއްގައިވެސް އަހަރެން ނުވަންނަން.. ޝަރީފުއާއި ޝެނީންއާއި ދެމީހުންގެ މައްސަލައެއް އޮތިއްޔާ، އެކަން ހައްލުކުރާނީ ތި ދެމީހުން އަމިއްލައަށް.. އަހަރެންގެ އެހީއެއް އެކަމުގައި ބޭނުންވާކަމަށްވަންޏާއި ތި ދެމީހުންނަށްވެސް އަހަރެން އެހީވާނަން.. އެކަމަކު މިގަޑީގައި އެކަހަލަ ކަމެއްގައި ގުޅަންވާނީ، އެ ހާލަތައް ކަމެއް ހިގައްޖެނަމަ"

މެންދަމުގެ ލަސްގަޑިއެއްގައި ޝަރީފުގެ ޝަކުވާއަކާއިގެން ޝެނީންގުޅުމުން އެކަމާއި ޔަނާލް ހިތްހަމަ ނުޖެހިއްޖެކަން ޝެނީންއަށް ވިސްނައިދޭން ޔަނާލް ބޭނުންވިއެވެ. އަދި އެފަދަ ދެވަނަ ފުރުސަތަކަށް މަގުފަހިވިޔަނުދިނުމަކީ ޔަނާލް ކުރަންޖެހޭކަމެއްކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.

"އަހަންނަށް އޯކޭ ޔަނާލް ކޮންމެ އެއްޗެއް ކިޔަސް.. އެނގޭހާވެސް އެއްޗަކީ ޔަނާލްއާއި ވާހަކަދައްކާލީމައި ލިބޭ ހިތްހަމަޖެހުން އެހެންމީހެއްގެ ފަރާތުން ނުލިބޭނެކަން.. އަހަންނަށްވެސް ވަރަށް ރަގަޅަށް ޔަނާލް މިހާރު އެނގޭނެ ދޯ" ޖެހިލުމެއްނެތި ޝެނީން ބުންޏެވެ. ޖަވާބުގައި ބުނާނެ އެއްޗަކާއިމެދުގައި ވިސްނާލުމަށް ޔަނާލްއަށް ވަގުތުކޮޅެއް ބޭނުންވިއެވެ.

"އަހަރެން ބުނިއެއްޗެއް ސާފުވެއްޖެކަމަށް އުއްމީދުކުރަން.. ޝަރީފުގެ މައްސަލައެއް އުޅެންޏާ ހައްލުކޮށްދެވޭތޯ މަސައްކަތްކުރާނަން.. މާދަމާ ޝަރީފުއާ ވާހަކަދައްކާނަން" ޔަނާލްގެ އަކުރުތަކުގައި ޖޯޝެއްނެތެވެ. ބުނަންބޭނުންއެއްޗެއް ނިކަން ހަލުވިކޮށް އަމުނާލާފައި ޔަނާލްގެ ފޯނު އެއްލާލި އެނދުމައްޗަށެވެ.

ސިކުނޑީގެ ވަށައިގެން ވަކިހިއްޕާލާފައި އޮތްފަދަ އުންދަގޫ އިޙްސާސެއް ޔަނާލްއަށް ކުރެވުނެވެ. ބޮލުގެ އިސްތަށިތަކުގެތެރެއަށް އިނގިލިތައް ވައްދާލާފައި ގައިގައިހުރި ބާރެއްލާފައި އިސްތަށިތަކުގެ ބުޑަށް ވާންކޮށްލިއެވެ. ދެލޮލުން އޮހޮރިގަތީ ހިފެހެއްޓުމެއް ނެތް ހޫނު ކަރުނައެވެ. ކިތަންމެ ހިތްވަރުގަދަ މީހެއްގެ ގޮތުގައި އެހެން ލޯތަކަށް ޔަނާލް ފެނުނަސް، އަމިއްލަ ނަފުސަށް އެކަން ގަބޫލުކުރަން ޔަނާލް ދެކޮޅުހަދަނީ އެސަބަބަށްޓަކައެވެ. ނިމާގެ ހަނދާންތަކުން ޔަނާލް ރޮއްވާލަނީ ހިތްދަތި ރުއިމަކުންނެވެ.

"ނިމާ!" ގާތުގައި އޮތް ބާލީސްނަގައި މޫނުމަތީގައި އަޅައި ވަރަށް ބާރަށް އޮއްބާލާފައި ޔަނާލް ރޯންފެށިއެވެ.
ބާލީހުގެ ތެރެއިން އަޑުފުރޭނިގެން ކޮޓަރީގެ ހަތަރުފާރުން ބޭރަށް އެއަޑު ނުނިކުންނާނެކަން ޔަގީންވާތީ ހިތްފުރެންދެން ރޯލިއެވެ.

"އަހަންނަށް މައާފުކުރޭ ނިމާ.. މައުސޫމުކަމާއި ހަމަހިމޭންކަމުގެ ފަހަތުގައި އެވަރުގެ އަނިޔާވެރިކަމެއް އޮތްކަން އެނގުނުނަމަ، އަހަރެންގެ ފުރާނަ ހަދިޔާކޮށްފައިވެސް ނިމާ ސަލާމަތްކުރީމުސް.. ކީއްވެ ނުބުނީ؟ ކީއްވެ ނުބުނީ؟ ލޯބިވާ، އުފުލަމުންދިޔަ އަނިޔާގެ ވާހަކަ ހިއްސާނުކުރީ ކީއްވެ؟" އަމިއްލަ ނަފުސު ކުށްވެރިކުރެވި ޔަނާލްވަނީ ވަރުބަލިވެފައެވެ.

ޒަޚަމުވެފައިވާ ހިތަކަށް އިތުރު ވޭނެއް ތަހަންމަލްކުރުވުމަށް ޝެނީން މަސައްކަތްކުރީތީ، ޔަނާލް ހިތާމަކުރިއެވެ.
ނިމާގެ މައުލޫމާތުތައް ހޯދުމުގައި ޝެނީންގެ ފަރާތުން ލިބުނު އެހީތެރިކަން ޔަނާލް ހަނދާން ނެތުނީއެއްނޫނެވެ. ދެމީހުންގެ ވާހަކަދެއްކުން ގިނަވެގެންދިޔަ ވަގުތު، އެކަމުން ޝެނީންގެ ހިތައް ވަސްވާހެއް ވަންނާންޖެހޭ ސަބަބެއް ޔަނާލްއަށް ނުވިސްނުނެވެ. ޔަނާލްއާއި ތަންކޮޅެއް ދުރަށް އެއްލާލި ފޯނު ނެގުމަށްފަހު ކޮންމެވެސް މީހަކަށް މެސެޖްކޮށްލިއެވެ.

(ނުނިމޭ)
ހިޔާލު

ދަލޭކަ

މީ ކިހިނެއްވާ ޥާހަކައެއްތަ؟ ތިޔަ ނީމާ އަކު ދުއޔެއައް އުފަންވީހެންވެސް ހިޔެންނުވޭ ދެން ވާނުވާ މިވާހަކަ ކީމަ ބޮލުގަ ރިއްސަނީ ފުނަމާ ތި ހާސަރު ބޮނޑި ތަންކޮލެން މަދު ކޮށްފަ އަސްލައްދޭބަލަ