Partnership Forum: Jazeeraa Raajjeyge meyvaa hamahama kamaa eku rayyithunnah libeyne kamuge ummeedhugai
image
މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: ރައީސް އޮފީސް
ސާޔާ އަހްމަދު
2 ކޮމެންޓް
 

ޖަޒީރާ ރާއްޖޭގެ "މޭވާ" ހަމަހަމަކަމާއެކު ލިބޭނެ ކަމުގެ އުއްމީދުގައި

ރާއްޖެ އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލުވި މިނެއްގައި ތަރައްގީ ލިބިގެން އައިސްފައި އޮތް ގައުމެކެވެ. އެކަމަކު އެ ތަރައްގީގެ ފޮނިމީރުކަން ހުރިހާ ދިވެހި ރައްޔިތުންނަށް ހަމަހަމައަކަށް ނުލިބެ އެވެ. ސިޔާސީ ހަލަބޮލިކަމާއި ކޮރަޕްޝަން ފަދަ ކަންކަމުގެ ސަބަބުން ތަރައްގީގެ ދުވެލި ދާން ޖެހޭ އެންމެ ބާރު މިނެއްގައި ދެމިއެއްވެސް ނޯވެ އެވެ.
ނުވަ އަހަރަށްފަހު ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް އިއްޔެ ނިމުނުއިރު، އެ ފޯރަމްގެ މައިގަނޑު އަމާޒަކަށްވީ މަޑުޖެހިފައި އޮތް ތަރައްގީގެ ދުވެލި ބާރުކޮށް، އެ ތަރައްގީ އެންމެންނަށް ހަމަހަމަކޮށް ފޯރުކޮށްދިނުމެވެ. ފޯރަމް ފައްޓަވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި އެކަން ފާހަގަކުރެއްވި އެވެ.

"އެތައް ޒަމާނެއް ވަންދެން ސިއްހަތާއި، ތައުލީމް ފަދަ އަސާސީ ހައްގުތައް ހޯދަން މާލެ އަންނަން މަޖުބޫރުވެފައި އޮތުމުން ބޮޑު ތަރައްގީގެ ކާރިސާއެއް ކުރިމަތިވެއްޖެ ވެރިރަށަށް. އެކަމާއި ދެކޮޅަށް މިހާރު މަސައްކަތް ނުކޮށްފި ނަމަ، ފަހުން ހައްލު ހޯދަން ވަރަށް އުނދަގޫ ވާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ މަސައްކަތުގެ މޭވާ އެންމެންނަށް ހަމަހަމަކޮށް ލިބެން ޖެހޭނެ ކަމަށް،" ޖަޒީރާ ރާއްޖޭގެ ވައުދު ފުރިހަމަ އަށް ހާސިލްވާނީ އިގްތިސާދަށް އަންނަ ކުރިއެރުންތަކުގެ ފައިދާ ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ލިބުމުން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމްގައި ސޮއިކުރެވުނު އެއްބަސްވުންތައް

ދެ ދުވަހުގެ މުއްދަތަށް ކުރުނބޯ ރިސޯޓުގައި ބޭއްވި ފޯރަމްގައި 35 ގައުމަކުން 130 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވި އެވެ. ޖަޒީރާ ރާއްޖެއެއް ގެނައުމަށް ސަރުކާރުން ހިންގަން ރާވާފައިވާ 70 މަޝްރޫއެއްގެ މައުލޫމާތު އެ ފަރާތްތަކަށް ހިއްސާކޮށް، އެހީވެދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފޯރަމްގައި ހުޅުވާލި އެވެ.

ފޯރަމަށް ހުށަހެޅި މަޝްރޫއުތައް ބަހާލާފައި ވަނީ މައިގަނޑު ތިން ދާއިރާއަކަށެވެ. އެއީ ނޫ އިގްތިސާދުގެ ސިޔާސަތާއި، އިޖުތިމާއީ ތަރައްގީގެ ސިޔާސަތާއި، އަދުލު އިންސާފާއި ހެޔޮވެރިކަން ގާއިމް ކުރުމުގެ ސިޔާސަތެވެ. އޭގެ ތެރެއިން ބޮޑެތި ބައެއް މަޝްރޫއުތަކުގެ އެއްބަސްވުމުގައި ވެސް ވަނީ ފޯރަމްގެ ތެރޭގައި ސޮއިކޮށްފަ އެވެ.

އެގޮތުން މަސްވެރިކަމުގެ ދާއިރާ އާއި ހެޔޮ އަގުގައި ގެދޮރު ބިނާކުރުމުގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް 387 މިލިއަން ރުފިޔާ (24.9 މިލިއަން ޑޮަލރު ނުވަތަ 93.7 މިލިއަން ސައުދީ ރިޔާލް ހިމެނޭ ދެ އެއްބަސްވުމެއްގައި ވަނީ ސަޢުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖެއާއެކު ސޮއިކޮށްފަ އެވެ.

ބަންގްލަދޭޝްއާ އެކު މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމަކާއި، ޖޯޖިއާ އާއެކު ގުޅުން ބަދަހިކޮށް އެހީތެރިކަން ހޯދުމުގެ އެއްބަސްވުމަކާއި، އެމެރިކާއާއެކީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ދޭ ގްރާންޓް އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

އެމެރިކާއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖެ އަށް އެހީވުމަށް 124 މިލިއަން ރުފިޔާގެ އެހީ (8 މިލިއަން ޑޮލަރު) ޔޫއެސްއެއިޑުން ދޭނެ އެވެ. އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކާއެކު ވިޔަފާރީގެ ދާއިރާގެ އެއްބަސްވުމަކާއި، ޖަޕާނާއި އީޔޫއާއެކު ވެސް ބޮޑު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ޖަޕާނުން ވަނީ އިޖުތިމާއީ ތަރައްގީ އަށް އެހީވުމަށް 62 މިލިއަން ރުފިޔާ (4.6 މިލިއަން ޑޮލަރު) އަދި ސިފައިންގެއަށް ބޭނުންވާ ކަނޑު އުޅަނދު ގަތުމަށް 61 މިލިއަން ރުފިޔާ (4.5 މިލިއަން ޑޮލަރު) ދޭން ވަނީ އެއްބަސްވެފަ އެވެ. އޭޑީބީން ނިންމާފައި ވަނީ އިމްޕޯޓް-އެކްސްޕޯޓްގެ ނިޒާމު ހަރުދަނާ ކުރަން 169 މިލިއަން ރުފިޔާ (11 މިލިއަން ޑޮލަރު) ގެ އެހީއެއް ދިނުމަށެވެ.

ޔޫރަޕުގެ އިންވެސްޓްމަންޓް ބޭންކުން އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް ކުރުމަށް ދޭން އެއްބަސްވީ 663 މިލިއަން ރުފިޔާ (45 މިލިއަން ޑޮލަރު) ގެ ލޯނެކެވެ. އޭގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ދޭން ނިންމާފައިވާ 800 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިނުން 200 މިލިއަން ޑޮލަރު ކަނޑައަޅާފައި ވަނީ އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށެވެ.

ފަސް އަހަރު ތެރޭ ހުރިހާ މަޝްރޫއެއް ތަރައްގީވާނެ ކަމުގެ ޔަގީންކަން

މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމް ނިމުމާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގުޅިގެން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ހުށަހެޅި 70 މަޝްރޫއު ވެސް ފުރިހަމަ އަށް ތަންފީޒު ވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.

"ބައިވެރިވި ހުރިހާ ވަފުދަކުން ވެސް ވިދާޅުވަމުން ގެންދެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ދައުލަތުގެ ވަޒީރުންނާއި ފަންނީ މުވައްޒަފުންނާ ހަމައަށް ވެސް މިއަދު ދައްކަނީ އެއް ވާހަކައެއްކަން،" ބޭރު ފަރާތްތަކުގެ އިތުބާރު އަލުން ލިބިފައިވާކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވި އެވެ.

"ގެއްލިފައިވާ އިތުބާރު އަނބުރާ ލިބިއްޖެ. އޭގެ ނަތީޖާއަކަށް ވާނީ ބޭނުންވާ ފޮރިން އެންވެސްޓްމަންޓުގެ އެހީތައް ލިބުން. ޖަޒީރާ ރާއްޖެ ހާސިލް ކުރުމަށް މަގުފަހިވުން،" ޝާހިދު ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖަޒީރާ ރާއްޖެއަކަށް ވާސިލްވެވޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއްވެސް އޮޅުވާލުމެއް ނެތި ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ކިޔައިދީފައިވާ ކަމަށާއި، ބައެއް އިންވެސްޓަރުންގެ އިތުބާރު ގެއްލިފައި ވާތީ އެމީހުންގެ އިތުބާރު ހޯދުމަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ދަރަނިތަކާއި ލިބޭ އާމްދަނީއާ އަޅުގަނޑުމެންގެ ރޭޓިންގް ދަށްކަމާއި މިފަދަ ހުރިހާ ވާހަކައެއް އަޅުގަނޑުމެން މި ފޯރަމްގައި ކިޔާދިނިން. އަޅުގަނޑުމެން މި ވާހަކަތައް ހިއްޞާ ކުރުމުން އެބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދިން ކަންކަން ރަނގަޅު ކުރުމަށް ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް. އަދި ވަކިން ޚާއްސަކޮށް އެބޭފުޅުން މަޑުން ނުތިބޭނެ ކަމަށް ވިދާޅުވި ރޭޓިން ރަނގަޅުވަންދެން،" އަމީރު ވިދާޅުވިއެވެ.

ފަސް އަހަރުގެ ތެރޭގައި ޖަޒީރާ ރާއްޖެއަކަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމާއެކު ރައްޔިތުންގެ އުއްމީދަކަށް މިހާރުވެގެން ދާނީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށި، ރައީސް ސޯލިހު ވައުދުވެ ވަޑައިގެންނެވި ގޮތަށް އެ ތަރައްގީގެ "މޭވާ" ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ލިބުން ކަމާ މެދު ޝައްކެއް ނެތެވެ.
ހިޔާލު

ހިތި

ކިހިނެއް ހަމަހަމަވާނި ތި އުފެދުމުގަވެސް ހަމަހަމަކަބް ގެއްލިފަ އޮތް ފޯރަމެއް.. ތީގަ އިތީ ގުރޭޓަރ ނާލެއާ އައްޑޫ އުތުރު ފެންނަން ނުވެސް ނެތް.. ވޯޓަށްވީމަ ފެންނާނެ.. އުތުރުް ދައްކާ މަންޒަރު ބަލަންތިބޭ ހިތިވާނެ

އައިސް

ތިޔަ ބުނާ ފޯރަމްގަ ވެސް އައްޑޫ އަށް ހުރިހާ ކަމެއް ލައްކަ ހަމަ ހަމަ އެންމެނަކު އަބަދަކު ހަމަޔަކު ތިބެން ނުޖެހުނަސް މިތިބީ ހަމައިގަ ......