Ali Hussain fiyavai Jumhooree party ge evves memberaku vote eh nudhevvi
image
ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން: (ކަނާއަތުން ވައަތަށް) އަލީ ހަމީދު، މުހައްމަދު ނާޒިމް، ގާސިމް އިބްރާހީމް، އަބްދުﷲ ރިޔާޒު އަދި އަލީ ހުސައިން--
8 ކޮމެންޓް
 

އަލީ ހުސެން ފިޔަވައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވި

ވެރިކަން ކުރާ ކޯލިޝަނުގެ މެމްބަރެއްގެ ގޮތުގައި އޮވެ، ސަރުކާރުގެ މައިގަނޑު ވައުދު ކަމުގައިވާ ޖުޑިޝަރީ އިސްލާހް ކުރުމަށް، ޖުމްހޫރީ ޕާޓީން ހުރަސް އަޅަމުން އެބަ ދެއެވެ.
ދައުލަތުގެ އެހެން ބާރުތަކާއި މިނިވަން މުއައްސަސާތަކުގެ މަސައްކަތުގެ ގާނޫނީ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމަށް ފެންނަ ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓު އިއްޔެ ފާސްކުރިއިރު، އެ ރިޕޯޓް ފާސްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުންގެ ތެރެއިން ވޯޓް ދެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އެކަންޏެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހުން ފާސްކުރީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހާއެކު ގައެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު (ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން ޖޭއެސްސީ އާއި ދައުލަތުގެ އިދާރާތަކުގެ މައްޗަށް ނެރުނު ވަގުތީ އަމުރު)، އެ އަމުރު އެއީ ސުޕްރީމް ކޯޓަށް ލިބިފައިވާ ބާރުގެ ބޭރުން ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަށް ނެރެފައިވާ އަމުރެއްކަން، މިރިޕޯޓުގައި ހިމެނުމަށް، އަޅުގަނޑު ހުށަހަޅަން،" އިސްލާހު ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވި އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން ހިމެނެއެވެ. އެއީ އެޕާޓީގެ ލީޑަރު އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހީމް އާއި ނާއިބު ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ. ދެން ތިއްބަވަނީ މެމްބަރު އަލީ ހުސައިންގެ އިތުރުން، ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެވެ.

އަލީ ހުސައިން ފިޔަވައި ޖުމްހޫރީ ޕާޓީގެ ދެން ތިއްބެވި ހަތަރު މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ހުށަހެޅި ރިޕޯޓް، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންވާ މެމްބަރުންގެ ގޮތުގަ އެވެ.

އެނގިފައިވާ ގޮތުގައި އެ ރިޕޯޓް ފާސްކުރުމާމެދު ޖުމްހޫރީ ޕާޓީގެ ލާމަމެންޓްރީ ގްރޫޕުން ވަކި ގޮތަކަށް ވޯޓް ދިނުމަށް ތްރީ ލައިން ވިޕެއް ނެރެފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި، ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނާއި ދައުލަތުގެ ފައިސާއަށް ހިޔާނާތްވެފައިވާ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރުދޭ، "ރިޔާސީ ކޮމިޝަންގެ ބިލް" އަދި ސަރުކާރުން ހުށަހެޅި ގާނޫނީ ފަންނުގެ ބިލް ވަނީ ނިމިދިޔަ 18 ވަނަ މަޖިލީހުން ފާސްނުކޮށް ހިފަހައްޓާފަ އެވެ.

ކުރީގެ މަޖިލީހުގައި، އޭރު ސަރުކާރުގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، އެބިލްތައް ފާސް ކުރުމާ ދެކޮޅު ހައްދަވަމުން ގެންދެވީ ވެސް އިދިކޮޅު ފަރާތްތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީންނެވެ.

ނަމަވެސް އެބިލްތައް މިހާރު ވަނީ ގާނޫނަށް ބަދަލުވުމުގެ މަރުހަލާގަ އެވެ. މިހާރު މަޖިލީހުގައި ސަރުކާރު ކޯލިޝަނުގެ ސުޕަ މެޖޯރިޓީ އެބަ އޮތެވެ. މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ ސީދާ އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް އިންތިހާބު ކާމިޔާބު ކުރައްވާފައިވާ މެމްބަރުން ނެވެ.

ޖުޑިޝަރީ ކޮމެޓީގެ އެރިޕޯޓަށް ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހާއެކު، އެރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 64 މެމްބަރުންގެ އިއްތިފާގުން ނެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓް ދެއްވާފައި ނުވާއިރު، ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ހަ މެމްބަރުން ތިއްބެވި އެވެ.

އެރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ވަނީ ކުރުމަތިކުރުވާފަ އެވެ. އަދި ފަނޑިޔަރުންގެ ފެންވަރު ވަޒަން ކުރުމަށް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތިކުރުވާފައިވާ ކަމަށާއި ގާނޫނު އަސާސީ އާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުން އެކޮމިޝަނަށް މަތިކުރެވިފައިވާ މަސައްކަތްކުރުމުގެ އިހުތިސާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތި ވެފައިވާ ކަމަށްވެސް އެރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ ހުރިހާ ކަމަކަށް މަޖިލީހުން ގޮތްތަކެއް ކަނޑައެޅުމާއި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން ވިޔަސް ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމާފައިވާ ރިޕޯޓުގައި ވެއެވެ.

ޖުޑީޝަރީ އިސްލާހު ކުރުމުގެ ވައުދަކީ މިދިއަ ރިޔާސީ އިންތިހާބުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައިވާ އެމްޑީޕީގެ ވެސް ވައުދެކެވެ.
ހިޔާލު

ޙަސަން

ސުޕަ މެޖޯރެޓީ އޮތްއިރު ތިޔަ މަޖިލީސްއަށް ކުރިމަތި ލުމުގެ ޝަރުތު އަސާސީ ތައުލީމަށް ވުރެ މަތިކުރަން ބިރުން އުޅެނީ ކީއްވެތޯ؟ ތިޔަ މަޖިލީސް އިން ކޮންމެ ކަމެއްވެސް މިއަދު ނިންމިދާނެ. ރައްޔިތުންނަށް ހެޔޮ އެދޭނަމަ ތިޔަ ބޭފުޅުން މުސާރަ 5000 އަށް ހަދާބަލަ! އަނގަ އަރުވާފަ މޮޅު ވާހަކަ ދެއްކިދާނެ. ރައއޔިތުންނަށް ފައިދާވާނެ އެއްކަމެއްވެސް ކުރާކަށް ނޫޅެނެ.

އަބުޅޮ

ދެން މިތިބީ ބަގާވާތްކުރި ބައިގަނޑެއްނު

ޢިޚްލާސްތެރިބާ

ޖުޑިޝަރީ އިސްލާޙްކުރުމުގެ އިޚްލާސްތެރިކަމެއް ހުރިއްޔާ ޤާނޫން އަސާސީ އިސްލާހް ނުކުރާން ތިއުޅެނީ ކީއްވެތޯ. ނަޝީދުގެ ބޮލުގައި ވެރިކަމަށް އައުންނޫން ކަމެއްނެތްކަން މިއިނގެނީ.

އަހްމަދު

ހުތުރު މޫނުތަކެއް

އިބުރާހީމް

ޤާސިމް އިބުރާހީމް، ބަގާވާތް ކުރުމުގައި އިސްކޮށް އުޅުއްވި ރިޓަޔަރ ކާނަލް ނާޒިމް، ބަގާވާތުގެ ސިޓީ ހަވާލުކުރައްވަން ދުވެވަޑައިގެންނެވި ޕީ.ސީ ރިޔާޒް މެންގެ ވޯޓު މިހާރު މަޖިލިހުގާ ނުގުނޭނެ! ވޯޓު ދެއްވިއަސް ނުދެއްވިއަސް ހަމަ ހަމަ. ދެން ލަލަ ލަލަ!

ނަވާރަ

ބަގާވަތުގެ ބައިވެރީން ހަމަރަގަޅަށް ރައްޔިތުންނަ އެގޭނެއެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީ ( ނާށިގަނޑު ހިފައިގެން މަގުމައްޗަށް ނުކުމެ އެއްވެސް އެއްޗެއް ނާށިގަޑަށް ނުލާކަމަށް ބުނި ޕާޓީ ) އިދިކޮޅު ކޯލިޝަނަށް ބަދަލުވީއެވެ. އެހެން ކަމުން ޖޭޕީން ސަރުކާރުގެ މަގާމުތަކުން އިސްތިޢުފާއަށް ގޮވާލަމެވެ.

ކޮއްކޯ

މަޖިލިސް ގައި ގުޅިގެން މަސައްކަތް ނުކުރެވެންޏާ ސަރުކާރުން ވެސް ވަކިވާންވީ ނޫންތޯ؟ ކޯލިޝަންގައި ބަނދެވިތިބެގެން ފޮނި ބޮއެ އުފާ ހޯދާއިރު ރައްޔަތުންނަށް ބޭވަފާތެރިވުމަކީ ވަރަށް ހުތުރުކަމެއް. ޖޭޕީ އިން މިހެން ހަދަންޏާ ސަރުކާރުގެ މަގާމުތައް ބެހުމުގައި އިތުރަށް ވިސްނައި، މިހާރު ހުރި މަގާމްތައް ވެސް ރިވިއުކުރުން މުހިންމުކަމުގައި ދެކެން. ޖޭޕީ ގެ މިނިސްޓަރުން ނައިބުން ސްޓޭޓެ މިނިސްޓަރުން ޚާއްޞަކޮށް މިކަމާ ވިސްނަންޖެހޭ އެބަ.

ސހސ

ޖުމްހޫރީ ޕާޓީގަ އުޅުނަސް ފިކުރު އިންނާނީ އެމްޑީޕީގަ.