Vaarey vehi Male ge maguthakugai fen boduvehje
image
ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި-- ފޮޓޯ: ސީއެންއެމް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެއަށް ވާރޭވެހި ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހެނދުނުން ފެށިގެން ހުއްޓާ ނުލާ މާލެއަށް ވާރޭވެހުމުގެ ސަބަބުން ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވަނީ ފެން ހިންދުމުގެ މަސައްކަތް ފަށާފަ އެވެ.

ޕަމްޕު ބޭނުންކޮށްގެން މިވަގުތު ފެން ހިންދަމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މާލޭގައި އެންމެ ކާރޫބާރޫ ބޮޑު މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. އެގޮތުން މާފަންނު ކޮޅުގައި އައިޖީއެމްއެޗު ހިމެނޭ ސަރަހައްދާއި މަޖީދީމަގުގެ އިތުރުން އަމީނީ މަގުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފަ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވައިޓް އެލާޓް ވެސް ނެރިފަ އެވެ.

އެގޮތުން އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އޭގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ހިޔާލު