Broadcasting Commission in Zaina aai Sofwan vakikuran hushahalhaifi
image
ބްރޯޑްކޮމް ހާޒިރުކޮށްގެން މިއަދު ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޝަނުގެ ބައްދަލުވުން.-- ފޮޓޯ: މަޖިލިސް
0 ކޮމެންޓް
 

ބްރޯކްކޮމް އިން ޒައިނާ އާއި ސޮފްވާން ވަކިކުރަން ހުށަހަޅައިފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ކޮމިޝަނުގެ ނައިބު ރައީސް ފާތިމަތު ޒައިނާ އާއި ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
ބްރޯޑްކޮމްގެ މެމްބަރުން ހާޒިރުކޮށްގެން ބޭއްވި މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީ ގައި އެ ދެ ބޭފުޅުން އެ ކޮމިޝަނުން ވަކިކުރަން ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ. ނަމަވެސް އެ ހުށަހެޅުމަށް މިއަދުގެ ކޮމިޓީގެ ޖަލްސާގައި މަޝްވަރާ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ފަހުން އެ ހުށަހެޅުމަށް ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީގެ ނައިބު މުގައްރިރު ކަން ވެސް ކުރައްވާ މީކާއީލް، ޒައިނާ އާއި ސޮފްވާން ވަކިކުރަން ހުށަހެޅީ އެ ދެ ބޭފުޅުން ފެއިލްވެފައިވާ ކަމަށް ބުނެ އެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖޭގެ މީޑިއާގެ މިނިވަންކަމަށް އެންމެ ބޮޑަށް ހުރަސް އެޅި ކޮމިޝަނުގެ ބައެއް މެމްބަރުންގެ ތެރެއިން ސޮފްވާން ފިޔަވާ އެހެން މެމްބަރުން މިއަދު މަޖިލީހުގެ ކޮމިޓީން ބޭއްވި ޖަލްސާގައި ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މަޖިލީހުގެ މެމްބަރުން ވަނީ ކުރިން އެ ކޮމިޝަނަށް ސިޔާސީ އެއްވެސް ނުފޫޒެއް ވަދެފައިވޭތީ ސުވާލު ކޮށްފަ އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރުންގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވޭތޯ ސުވާލު ވެސް ކުރި އެވެ. ނަމަވެސް ހުރިހާ މެމްބަރުން ވެސް ވަނީ އެފަދަ ކަމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ ކޮމިޝަނުގެ ނައިބު ރައީސް ޒައިނާ ޕީޕީއެމް ޖަލްސާއެއްގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވެއެވެ.

އެކަމާއި ގުޅޭގޮތުން އޭނާ އާ ސުވާލު ކުރުމުން ވިދާޅުވީ އެއީ އޭނާ މުލިއާގޭގައި މަސައްކަތް ކުރި އިރުގެ ކަމެއް ކަމަށެވެ. އޭރު ވެސް އޭނާ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ޖެހިފައިވާ މީހެއް ނޫން ކަމަށާއި އަދި އޭގެ ފަހުން އެފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވާ ކަމަށް ޒައިނާ ބުންޏެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު ވެސް އެފަދަ ހަރަކާތަކުން ފެނިފައިވާ ކަމަށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ އެމްޕީއެލްގައި މަސައްކަތް ކުރި އިރު އާއިލާ ބޭފުޅަކު މެދުވެރިކޮށް ލިބުނު ފުރުސަތެއް ކަމަށެވެ.
ހިޔާލު