Family court ge iss gaazee ge mahsala ves hulhuvaalaigen baahvanee
image
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު.-- ފޮޓޯ: ސަން
0 ކޮމެންޓް
 

ފެމިލީ ކޯޓްގެ އިސް ގާޒީގެ މައްސަލަ ވެސް ހުޅުވާލައިގެން ބަލަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑް ކޮށްފައިވާ ފެމިލީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ބެލުމަށް ނިންމައިފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު ބޭއްވި ޖޭއެސްސީ ބައްދަލުވުމުން ސަސްޕެންޑް ކުރި ގާޒީ ހަސަން ސައީދު ވަނީ އޭނާގެ މައްސަލަ ހުޅުވާލައިގެން ގެންދިއުމަށް އެ ކޮމިޝަނުގައި އެދިފަ އެވެ. އަދި ގާޒީގެ އެދުމާ އެއްގޮތަށް އެ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވެފައިވަނީ، ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނަށް ހުށަހެޅި ބަލަމުން އަންނަ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

އެ މައްސަލާގައި ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރަން ނިންމީ އެ ދުވަހު ޖޭއެސްސީން ބޭއްވި ބައްދަލުވުމަށް ވަޑައިގެންނެވި ނުވަ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ޖޭއެސްސީން ބެލި މައްސަލައަކާއި ގުޅިގެން މީގެ ކުރިން ވެސް ގާޒީ ހަސަން ސައީދު ސަސްޕެންޑް ކުރި އެވެ. ނަމަވެސް ފަހުން ޖޭއެސްސީން ވަނީ އެ ސަސްޕެންޝަން އުވާލައިފަ އެވެ.

ގާޒީ ހަސަން ސައީދުގެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމި އިރު، ރިޝްވަތުގެ ތުހުމަތު ކުރެވޭ ސްޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީގެ މައްސަލަ ވެސް އޭނާގެ އެދުމުގެ މަތިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން އެ މައްސަލާގައި ބާއްވާ ފުރަތަމަ ބައްދަލުވުން މާދަމާ ހެނދުނު 10:00 ގައި، ދަރުބާރުގޭގައި އޮންނާނެ އެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ އިތުރުން އެ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލައެއް ވެސް ވަނީ ޖޭއެސްސީ އަށް ހުށަހެޅިފަ އެވެ.
ހިޔާލު