Khashoggi Maraali Massalaagai Walee Ahudh Thahugeeg Kuran Jehey: UN
image
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން---
ގުފްތަގު އަޖީރު
1 ކޮމެންޓް
 

ހަޝޯގީ މަރާލި މައްސަލާގައި ވަލީ އަހުދު ތަހުގީގު ކުރަން ޖެހޭ: އދ

ތުރުކީގައި ދިރިއުޅެމުން ދިޔަ ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ މަރާލި މައްސަލާގައި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މައްޗަށް ތަހުގީގެއް ހިންގުމަށް އދގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރި އިންވެސްޓިގޭޓަރު އެގްނިސް ކަލަމާޑް ގޮވާލައްވައިފިއެވެ.
ކަލަމާޑުގެ ތަހުގީގަށް ފަހު ބުދަ ދުވަހު ނެރުއްވާފައިވާ ރިޕޯޓުގައި އޭނާ ވަނީ ހަޝޯގީގެ މަރުގެ ޒިންމާ ސައުދީ ސަރުކާރުން ނަގަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ކަލަމާޑް ނެރުއްވާފައިވާ 100 ސަފުހާގެ ރިޕޯޓުގައި ހަޝޯގީ މަރާލުމުގެ ކުރިން ތުރުކީގައި ހުންނަ ސައުދީ ކޮންސުލޭޓު ތެރޭގައި އޭނާ މަރާލުމާއި ގުޅޭ ގޮތުން ދައްކާފައިވާ ކަމަށް ބެލެވޭ ވާހަކަތަކެއްގެ އޯޑިއޯތައް ބޭނުން ކޮށްފައިވެއެވެ. އެ އޯޑިއޯތަކުގައި ވަލީ އަހުދާއި ގާތް ގުޅުންތަކެއް އޮންނަ ވަލީ އަހުދުގެ ބޮޑީގާޑެއް ކަމަށްވާ މެހެރް އަބްދުލް އަޒީޒު މުޘްރިބު ކުރި ސުވާލަކާއި ގުޅިގެން ސައުދީ ފޮރެންސިކް ޑޮކްޓަރެއް ކަމަށްވާ ސަލަހް މުހައްމަދު އަބްދުއް ތުބައިގީ ހަށިގަނޑު ބަރުވާނެ ކަމަށާއި ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި، ހުޅުހުޅުތަކުން ވަކިކޮށް ޕްލާސްޓިކް ކޮތަޅުތަކަށް ވަކި ވަކިން ލާނީ ކަމަށް ބުނެއެވެ.

އޯޑިއޯ ނިމޭ ހިސާބުގައި މުޘްރިބު ކަތިލަން ހަމަޖެހިފައިވާ ޖަނަވާރު އައިސްފި ހެއްޔޭ އަހައެވެ. އޭރު ހަޝޯގީ ހުންނަނީ ކޮންސުލޭޓު ތެރޭގައެވެ.

ކަލަމާޑްގެ ރިޕޯޓުގައި މުހައްމަދު ބިން ސަލްމާނާ އެހާ ގާތް ބަޔަކު އެވަރުގެ ކަމެއް ކުރި އިރު މުހައްމަދު ބިން ސަލްމާނަށް ނޭނގި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ހަޝޯގީ ކޮންސުލޭޓަށް ވަނުމާއެކު އޭނާ ގެންގޮސްފައިވަނީ ދެވަނަ ފަންގިފިލާގައި ހުންނަ ކޮންސުލާގެ ކޮޓަރިއަށެވެ. އެތަނުގައި އޭނާ އެނބުރި ސައުދީއަށް ދޭތޯ ސުވާލުކޮށްފައިވެއެވެ. އަދި އޭނާ އެނބުރި ދާން ޖެހޭ ކަމަށާއި އޭނާ އަތުލައިގަނެގެން ގެންދާނެ ކަމަށް ބުނާ އަޑު އިވެއެވެ.

އޭގެފަހުން ހަޝޯގީއަށް އޭނާގެ ދަރިފުޅަށް މެސެޖެއް ކުރަން އަންގައެވެ. އެ އެންގުމާއެކު ލިޔަންވީ ކީކޭތޯއާއި، އެބަ އަންނަން ކަމަށާއި އަހަރެން ކިޑްނެޕް ކުރަނީއޭ ލިޔަންވީހޭ ހަޝޯގީ އަހައެވެ. އަދި ދަރިފުޅަށް މެސެޖު ނުކުރާނެ ކަމަށް ވެސް ހަޝޯގީ ބުނެއެވެ.

ހަޝޯގީ ލައިގެން ހުރި ޖެކެޓު ބޭލުމަށާއި މެސެޖު ދަރިފުޅަށް ފޮނުވަން އަންގާ އަޑު ވެސް އިވެއެވެ. އެއަށްފަހު ހަޝޯގީ އެކަމާ ދެކޮޅު ހެދުމުން އެކަން ކުރުމުގައި އެމީހުންނަށް އެހީވުމަށާއި އޭރުން ހަޝޯގީއަށް އެމީހުން އެހީތެރިވާނެ ކަމަށް ބުނާ އަޑު އިވެއެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ހަޝޯގީ ސައުދީއަށް ގެންދާނެ ކަމަށާއި އަދި ނިމުން ހަޝޯގީއަށް އެނގޭނެ ކަމަށް ވެސް ބުނެއެވެ. އެހެން ކަމުން ރަނގަޅު ނިމުމެއް ހޯދަން އެހީތެރިވެދިނުމަށް އެމީހުން އެދެއެވެ.

އިރުކޮޅަކުން އޭނާއަށް "ޑްރަގު" ދޭން އުޅެނީތޯ ހަޝޯގީ ސުވާލު ކުރެއެވެ. ހަޝޯގީގެ ސުވާލާއެކު އޭނާ ހޭނައްތާލާނެ ކަމަށް ވެސް ބުނާ އަޑު އިވެއެވެ. އެއަށް ފަހު ހަޝޯގީ ހާސްވެގެން އުޅޭ އަޑުތަކެއް އިވެއެވެ. އޭގެ އިރުކޮޅެއް ފަހުން ޕްލާސްޓިކު ކޮތަޅުތަކެއް ބިންމަތީގައި އަޅާ އަޑާއި، ކޭހެއް ޖައްސާ އަޑު ވެސް އިވެއެވެ.
ސައުދީ އަރަބިއްޔާ
ހިޔާލު

ރަސަމާ

ތިކަލޭގެ ތަހުގީގު ކުރާނީ ކިހިނެތް..އެމެރިކާއައް ހަތިޔާރު ވިޔަފާރިކޮއްދޭއިރު.؟