Vaahaka: Dhin Ufaa Loabin
image
ފުނަމާ
0 ކޮމެންޓް
 

ވާހަކަ: ދިން އުފާ ލޯބިން

15 ވަނަ ބައި
ރޭ ހަތަރުދަމު ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައިވަނީ ފެންހެދިފައެވެ. ހިނގާބިނގާވެއުޅުމާއި، ދުއްވުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ދުއްވާއެއްޗެހި އާދަޔާޚިލާފަށް މަގުތަކުގައި ގިނަވެފައިވުމުން، ހިނގާފައިވާ އުޅޭމީހުންނަށް ދިމާވާ ދަތިތައް އިހްސާސްކުރެވޭނެ މީހުން މަދުވާނެއެވެ.

ދަރިޔަކު ސްކޫލަށް ގެންދިޔުމަށް، ދުވަހެއްގައިވެސް ހިނގާފައި ޝަރީފު ގޮސްފައިނުވެއެވެ. ނަމަވެސް މިއަދުގެ ހާދިސާގެ ސަބަބުން އެނޫން ގޮތެއް ނެތެވެ. ފަނަރަވަރަކަށް މިނެޓް ގަޑިވެސް ޖެހުނީއެވެ. އެހެންޏާއި ގެއިން ނިކުންނަ ގަޑިއަށް މިއަދުވެސް ނިކުމެވުނީ އަންދާޒާއާއި އެއްގޮތަށް ހާލަތު ތަންނުދިނުމުންނެވެ. ސައިކަލުގެ މެދާއިހަމައަށް މަގުމަތީގެ ފެންގަނޑު ބޮޑުވެފައި އޮވެދާނެކަމަށް ޝަރީފުއަށް ހިޔެއްނުކުރެވެއެވެ. އަޑިގަނޑެއްގައި ސައިކަލް ޕާކުކުރަންޖެހުނީ ސައިކަލު ބައިންދާލާނެ އެހެން އެއްވެސް ޖާގައެއް ނުލިބުމުންނެވެ. އެކަންވެސް ވަގުތުޖެހުމުގެ ކުރީން ހަނދާނެއް ނުވިއެވެ.

ގޭ ދޮރުމަތީން ފަހަރަކު ދަރިޔަކު އުރައިގެން ގެންގޮސް، ފެން ހިނދިހިސާބެއްގައި ބަހައްޓާފައި އަނެއް ދަރި ބަލައި ޝަރީފު އައިއިރު، ބެލްކަނީން އެމަންޒަރު ބަލަން ނިޝާނާހުރީ ހިނިއައިސްފައެވެ. އެތައް މަސްތަކެއް ފާއިތުވެގެންދިޔައީ ދެމަފިރިންގެ ގާތްކަމެއް ނެތިއެވެ. ނިދީގައި ނަމަވެސް ފިރިމީހާގެ އަތުތެރޭގައި ރޭގައި ހޭދަކުރެވުނު ވަގުތުތައް ނިޝާނާގެ މިޒާޖަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ގެނުވައިފިއެވެ. ތުންފަތްމަތީން ފާޅުވާ ހިނިތުންވުމުގެ އަސްލަކީ އެއީއެވެ.

ބައްޕައާއެކު ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނަސް، ކުދިންގެ މޫނުމަތީން ފެންނަ، އުފާވެރިކަމަށް އިންކާރުކުރުމަށް ނިޝާނާވެސް ފަސްޖެހެއެވެ. ދުވާލުހަތަރުދަމު އެކުދިންގެ ކުރިމަތީގައި ނިޝާނާ އުޅުނަސް، އެފަދަ ހިނިތުންވުމެއް ދަރިއެއްގެ މޫނުން ނިޝާނާއަށް ނުފެނެއެވެ. 'ޔޭހހހހ..' ބުނެފައި އުފާވެރިކަން އިޙްސާސްކޮށްލުމަށް އެއްކުއްޖަކު އަނެއްކުއްޖަކަށް ބައްދާލިއެވެ. ފެންގަނޑުގައި އެކުދިންގެ ބޫޓު ހަޑިނުކޮށް، ފެން ނެތް ތަނަކަށް ބައްޕަ ގެނެސްދިނީތީ ދެކުދިންވެސް ޝުކުރުވެރިވިކަން އެކުދިންގެ ހަރަކާތުން ނިޝާނާ ފާހަގަކުރިއެވެ.

***

މުސްކާން ރޭގައި ގުޅިކަން ހަނދާންވީ ހަމަކުއްލިޔަކަށެވެ. އެކަމާބެހޭގޮތުން ޝަރީފުއާއި ވާހަކަދައްކަން ނިޝާނާ ބޭނުމެވެ. ސިޓިންގރޫމްގެ ސޯފާގައި އިށީންދެ، ޓީވީ ހުޅުވާލަން ރިމޯޓް ނެގުމާއެކު އިވުނީ ޝަރީފުގެ ފޯން ރިންގުވާއަޑެވެ. ހިތައް އެރިއެވެ. އަވަހަށް ދާންވެގެން ޝަރީފު އެދިޔައީ ފޯނުވެސް ބާއްވާފަތާއެވެ. މުސްކާންގެ ކޯލަކަށް ވެދާނެކަމަށް، އެދިމާއަށް ނިޝާނާއަށް ދެވުވުނީ ތަންކޮޅެއް ބާރަށެވެ.

ފޯނުގައި އޮތް ނަމަކީ ވިސްނާލަން ޖެހޭފަދަ ނަމެކެވެ. ސޭވްކޮށްފައިވާނީ "ހޭޓް" ގެ ނަމުގައެވެ. ނުނަގަން ހުރެފައިވެސް ކަންފަތުގައި ޖައްސާލިއެވެ.

"ހައި ޑާރލިންގ.. އަހަންނަށް އިނގޭ، އަހަރެންގެ ކޯލްތައް އިގްނޯރކޮށްލައިގެން ޝަރީއަށް ނުހުރެވޭނެކަން.. އެކަމަކު ތިހެން ހަދާކަށް ނުވާނެއްނުން.. އަހަރެންގެ ކޮން ކުށެއް އޮވެގެން ދުރުކޮށްލަނީ؟ ޝަރީއަށް ދެރައެއް ދޭން އަހަރެން ކުރިކަމެއް ބުނެދީބަލަ.. ކުއްލިޔަކަށް ތިހެން ހެދީމާއި މިހިތް ކުދިކުދިވާނެކަން ނޭގޭތަ؟ ހާދަހައި ލޯބިވެޔޭ" ވަރަށް ޖަޒްބާތުގައި ޝެނީން ވާހަކަދެއްކިއެވެ. ނިޝާނާގެ ދެލޮލުން އަލިފާންކަނި ބުރާހެން ހީވެއެވެ. ދަތްކުނޑިވިކާލާފައިވަނީ ކޯ ކަށިގަނޑު ބިންދައިގެން ދާހައި ބާރަށެވެ.

ހިތައް އައިހައި އެއްޗެއް ގޮވައިލަން ބޭނުންވިއެވެ. ނަމަވެސް ޚިޔާލް ބަދަލުވީ ދެވަނަ ވިސްނުމެއް މާ ބުއްދިވެރިކަމަށް ނިޝާނާއަށް ވިސްނުނީތީއެވެ. ޝެނީން ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް ނިޝާނާ އަޑުއެހިއެވެ. ފޯނު ކަނޑާލީ އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައެވެ.

****

ފެންމާގަނޑުން އޮހޮރިގެންއަންނަ ކޮންމެ ފެންތިއްކެއް ޔަނާލްގެ ހަށިގަނޑުގައި ބީހިލާފައި ފައިދަށުން ދެމިގަނެގެން އެދަނީއެވެ. ދެވަނަ ފަހަރަށް އެފެންތިކި، ޔަނާލްއާއި ބައްދަލު ނުކުރާނެކަން އޭނާއަށް ޔަގީނެވެ. ހަޔާތުގެ ކޮންމެ މަންޒަރަކީ އެފަދަ ނިމުމަކަށް ނުވެ ހިނގައިދާނެއެވެ. މާޒީގެ ޞަފްހާތައް ނިއުޅެލާ ކޮންމެ ފަހަރަކު އޭގައިވި ހާދިސާތައް ލޮލާއި ހަމައަށް ތިލަ ނުވިޔަސް، ހަޔާތުން ކޮންމެވެސް މިންވަރެއް، އުފަލެއްގެ ގޮތުގައި ދެމި އޮންނާނެއެވެ. އަނދިރީގެ ތެރެއިން އަލިކަން ފާޅުވާކަމަށްވަންޏާއި އުއްމީދަކީ އެއަލިކަން ކަމުގައި ހިތް ގަބޫލުކުރާނެއެވެ. ކެތްތެރިކަމުގެ ބަދަލު އިންސާނާއަށް ލިބޭނީ އެކިފަހަރު އެކި ކުލައިގައެވެ.

މާޔޫސްވުމުން، ހިތްވަރު ކުރުން ނޫންގޮތެއް އޮވޭތޯއެވެ؟ ތާފަނާފެނުގެ ތިކިތަކާއިއެކު ލޮލުގެ ކަރުނަތައް ޣަރަގުވުމަށް ޔަނާލް އެވަނީ ދޫކޮށްލާފައެވެ. ޝެނީންއާއި ޔަނާލްގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން އޭނާއަށް ވަރަށް ބޮޑު ބޮލުރިހުމަކަށް ވެއްޖެއެވެ. ޝަރީފުއާއި ވާހަކަދައްކައިލެވިގެން ނޫނީ ހިތައް ހަމަޖެހުމެއް ނެތްކަން، ޔަނާލްއަށް ޔަގީނެވެ. ހެނދުނު ބައްދަލްކޮށްލުމަށް ބޭނުންކަމަށްބުނެ، ޔަނާލް ފޮނުވި މެސެޖަށް، ރޭގައި ޝަރީފު ޖަވާބު ނުދިނީ އެގަޑީގައި ނިދާފައި އޮންނާނެތީކަން ޔަނާލްއަށް އެގެއެވެ.

މިއަދުގެ އިރު ފެނުން ތޮޅެލުމާއެކު ކުރެވުނު އެންމެ ބޮޑު އުއްމީދަކީވެސް ބޮލުގައި ރިހުން ލުއިކުރުމަށް ޝަރީފުއާއި ވާހަކަދައްކައި، ސިއްރެއް ނޯންނާނެފަދައިން ކަންކަން ހައްލުކުރުމެވެ. ޔަނާލްއަކީ ބަސްމަދު ހަމަހިމޭން އިންސާނެއްކަން، އޭނާގެ އެކުވެރިން ގަބޫލުކުރާނެއެވެ. އެއީ ޔަނާލްއަށް ލިބޭ ހިތްހަމަޖެހުމެކެވެ.

***

"އަހަރެން ހީކުރީ، ހޭޓްކުރާ މީހުންނަށްވުރެން ލޯބިވާ މީހުން މާގިނަކަމަށް.. އެކަމަކު މިހާރު އެނގިއްޖެ، މަށަށް ހީވެފައި އޮންނަނީ ރަގަޅަކަށް ނޫންކަން" ނިޝާނާގެ ރާގުގައި ހިމޭންކަން އެކުލެވުނުކަން ޝަރީފުއަށް އިޙްސާސްކުރެވުނެވެ. އަނގަޔަށް ލާން އުފުލާލި ޕާންކޮޅުވެސް ތަށީގެ ތެރޭގައި ބާއްވާލިއެވެ.

"އަހަންނަކަށް ނުވިސްނޭ ނިޝާނާ ބުނަން ތިއުޅޭ އެއްޗެއް.. އެކަމަކު ހަޅޭއްލެވުމުގެ ބަދަލުގައި މަޑުމައިތިރިކަން އިޚްތިޔާރުކުރީތީ، ﷲއަށް ޙަމްދުކުރަން.." އަނބިމީހާގެ މޫނަށް، ބަލާލަން ލިބުނު ފުރުސަތުގައި ޝަރީފު އެކަން ކުރިއެވެ. ވަރަށް ފުރިހަމައަށެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތުގައި ނިޝާނާގެ އެސްފިޔަތައް ތިރިކޮށްލުމުންވެސް ޝަރީފުގެ މިސްރާބު ބަދަލެއް ނުވިއެވެ. އެންމެފަހުން، އެފަދަ ބެލުމަކުން އަނބިމީހާއަށް ބަލައިލެވުނު ދުވަހެއް ޝަރީފު ހަނދާނެއް ނެތެވެ.

"ބޮލުން ގޮށް ފިލުވާލާފައި، ތިހެން ތާޒާކޮށް އިނީމާއި ނިޝާނާ އަދިވެސް ވަރަށް ރީތި" ބުނަން އުނދަގޫވިޔަސް، ޝަރީފު ބުނެލިއެވެ. ނިޝާނާގެ މޫނުމަތީގެ ކުލަ ބަދަލުވެގެންދިޔައީ އޭނާ ލަދުގަތީމައެވެ. ޝަރީފުގެ ލޯބި އިޙްސާސްކޮށްލުމަށް ފުރުސަތެއް ދިނުމަށް، ކިތަންމެ ފަހަރަކު ނިޝާނާވަނީ ދެކޮޅުހަދާފައެވެ.

"އަހަންނަށް ލޯބިދޭން ނޭގޭތީ، ލޯބިދޭނެ މީހުން ހޯދަނީ، އެމީހުންދެކެ ފޫހިވާންތޯ ސުވާލަކީ؟" އިސްޖަހާލަމުން ނިޝާނާ ބުނެލިއެވެ. އެހެންޏާއި ހުންނަ ރުޅިގަނޑުގެ ސިފައެއް މިއަދަކު ނުފެނެއެވެ. ޝަރީފު ބުނިއެއްޗަކަށް، އިތުރަށް އެއްޗެއް ބުނަން ނުކެރުމުން ނިޝާނާގެ މިސްރާބު ބަދަލުކޮށްލިއެވެ.

"އަހަންނަށް ލޯބިދޭން ނިޝާނާ ބޭނުންވި ދުވަހެއް ބުނެބަލަ! އަހަރެން ބޭނުންވެގެން ލޯބިދޭން، ފުރުސަތެއް ދިން ދުވަހެއްވެސް ބުނެބަލަ! އޭގެ ފަހުގައި އެހެން ވާހަކަތައް ދައްކަމާ!" ޝަރީފުގެ އަޑުގައި އެހުރި އަސަރުތައް ތަރުޖަމާކުރުން ނިޝާނާއަށް ފަސޭހައެއްނުވިއެވެ.

ބުނާނެ އެއްޗެއް ދޫމައްޗަކަށް ނައެވެ. ތެދެކެވެ. ފިރިމީހާއާއި އަނގައިންބުނެލުމަށް ނިޝާނާގެ މިޒާޖުވަނީ ދުޝްމިންވެފައެވެ. ލޯތްބަކީ ހަމައެކަނި ނިޝާނާއަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި އޭނާވަނީ ކަނޑައަޅާފައެވެ. އިޙްތިރާމަކީ ފިރިއަކަށް ޙައްގުމިންވަރެއް ނޫންކަމަށް ނިޝާނާވަނީ ނިންމާފައެވެ.

"ހަމައެކަނި އަހަރެންގެ ކިބައިން ކުށް ފެންނާނީ.. ޝަރީފުގެ އެއްވެސް ކުށެއް ނޯވޭ" ބުނެލި ޢިބާރަތަކީ އާންމު ބުނުމެކެވެ. ނަމަވެސް ތަފާތުވެގެންދިޔައީ، ނިޝާނާގެ ހަރަކާތްތަކާއި އޭނާގެ އަޑާއި ރާގެވެ. ލޮލުގެ ކަޅި އެއްފަރާތަކަށް ހުއްޓާލާފައި ބުނެލި ގޮތްވެސް ޝަރީފުއަށް ވަރަށް ކަމުދިޔައެވެ.

"އަހަރެންގެ ކުށް އަހަރެން ގަބޫލުނުކޮށްފައި ކޮބާ؟ ކުށެއްގެ ވާހަކަ ދައްކާނެ މާޙައުލެއް އަހަރުމެންގެ ދެމެދުގައި އޮތްތަ؟ އެފުރުސަތު ދުވަހަކުވެސް އަހަންނަށް ލިބުނުތަ؟ އަހަރެންގެ އަނބިމީހާއަށް އެދި އަހަރެން ކިހައި އާދޭހެއް ކުރިންތަ؟" ނިޝާނާއާއި ގާތަށް ގޮނޑި ދަމާލާފައި ޝަރީފު ހަމަޖެހިލިއެވެ.

***

ޝެނީން ވިސްނަމުންދިޔައީ ފޯނު ނަގާފައިވެސް ޝަރީފު އެއްޗެއް ނުބުނެ ފޯނު ބޭއްވީތީއެވެ. މަސް ނިމެން ގާތްވެފައިވުމާއެކު، އުޅޭ ތަނުގެ ކުލި ދެއްކޭނެގޮތެއް ހޯދުމަކީ ޝެނީންއަށް އޮތް ގޮންޖެހުމެކެވެ. ޝަރީފު ދުރުދުރުން އުޅޭކަން އިޙްސާސްވުމުން ޔަނާލްއަށް ޓާގެޓްކުރީވެސް އެސަބަބަށްޓަކައެވެ. ނަމަވެސް ހީކުރި ވަރަށް ވުރެންވެސް ޔަނާލްއަކީ، ލޯތްބަށް ވަފާތެރި މީހެއްކަން ގަބޫލުކުރަން ޖެހިއްޖެއެވެ. ފުރާނަ ސަލާމަތުން ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަންވެސް ނޭގޭ މީހަކަށްޓަކައި ޔަނާލް ކަހަލަ ހިތްގައިމު ފިރިހެނަކު ތެދުވެރިވެދާނެކަމަށް ޝެނީންއަށް ޝައްކުކުރެވެނީއެވެ. ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރަގަޅު ވިސްނުމެއް އާދޭތޯއެވެ.

***

ހެނދުނު ނުވައެއް ނުޖަހަނީސް، ޝަރީފު ހުރީ ލިލީގާޑްން ގައެވެ. މުސްކާންއަށް ވަޢުދެއްވެފައި އެވަޢުދު ނުފުއްދައި ހުރުމަކީ ޝަރީފުއަށް ކުރެވޭނެ ކަމެއްނޫނެވެ.

"ޝަރީފުބެ ހިނގާ މުސްކާންއާއެކު ސައިބޯން.. ވަރަށް ބަނޑުހައިވެއްޖެ މިއަދު.. ބައްޕަ ސައިބޯން ބުނީމައިވެސް ބުނިން، މިއަދަކީ ޝަރީފުބެއަށް ޚާއްޞަ ދުވަހެކޭ.. އެހެން ހުރިހައި ދުވަހެއް ބައްޕައަށް ދޯ" ވަރަށް ލޯބި ހިނިތުންވުމަކާއެކު މުސްކާން ބުނެލިއެވެ. ގާތް ދެ ރައްޓެހިންފަދައިން މޭޒުކައިރީގައި އިށީނެވެ.

"މިއަދު މިސައިގައި ބައިވެރިވާން މާމައަށްވެސް ހުއްދައެއް ނެތް.. އެހެންވީމައި މާމައާއި ކާފަ، ތަންކޮޅެއް ކުރީން އެކަން ނިންމާލައިފިން.. ޔަނާލްވެސް ބުނި، މީޓިންގ ނެތްނަމަ ގޭގައި މިއަދު މަޑުކުރާނަމޭ.. ޝަރީފުބެއަކީ މުސްކާންގެ ރައްޓެއްސެކޭ ކިޔާފައި ވަރަށް ދިމާކޮށްފައި އޮފީހަށް އެ ދިޔައީ.. ރަގަޅަށް ސައިބޯތި އިނގޭ.. މާމަވެސް މިދަނީ ކާފަގޮވައިގެން ކުޑަކޮށް ބާޒާރުކޮށްލަން" މުރުޝިދާގެ ވާހަކަތަކަށް ހިނިތުންވުމުން ޝަރީފު ޖަވާބުދިނެވެ.

"ހަގީގަތުގައި ނިމާއާއިބެހޭގޮތުން މާގިނަ ވާކައެއް ޔަނާލް ނުދައްކާ.. އަބަދުވެސް ދައްކާނީ ނިމާގެ ރީތި ވާހަކައާއި މައުސޫމުކަމުގެ ވާހަކަ.. އެކަމަކު އެއްދުވަހަކު ދެއްކި ވާހަކައެއްގެތެރެއިން ބުނި، ނިމާއަށް އޭނާގެ ބައްޕަ، މިބުނީ ދަރިފުޅުގެ ކާފަ ވަރަށް އަނިޔާކުރާވާހަކަ.. ކާފަ އުޅޭވަގުތުތަކުގައި ގޭތެރެއަށް ނިކުމެއުޅޭނީވެސް ކޮންމެހެން ކަމެއް ކުރަންޖެހިއްޔާއޭ ބުނީ.. އަސްލު ޝަރީފުބެ އެންމެ ހައިރާންވީ، ސްކޫލަށް ދިއުމުގެ ހުއްދައެއް ނިމާއަކަށް ނޯންނަކަމަށް ބުނީމައި.. އެކަހެރިކޮށް ރަށުތެރޭގައި ހުންނަ ގެއެއްގައި އެމީހުން އުޅެނީ.. އެ ސަރަހައްދުގެ ގެތައް ދޫކޮށް ގިނަ މީހުން އޭރުވެސް އެހެން ސަރަހައްދުތަކުގައި އާބަދުވެގެން ދާންފެށިވާހަކައެއް ދެއްކި.. އެއްވަރުގެ ކުއްޖަކާވެސް އަނގައިން ބުނެލާނެ ހުއްދައެއް ނޯންނައްޏާ، ރައްޓެއްސަކުވެސް ނުހުންނާނެ ދޯ.. އެހެންވެކަންނޭގެ އެހެންވީ؟" އިސްޖަހާލަމުން ޝަރީފު ބުނެލިއެވެ. ޝައުގުވެރިކަމާއެކު ބަލަހައްޓައިގެން މުސްކާން އިނީ އެސްފިޔަޖަހާލަންވެސް ހަނދާން ނެތިފައެވެ.

"އެހެންވީމައި މަންމައަކީ ތަޢުލީމުންވެސް އެއްކިބާކޮށްފައިހުރި ކުއްޖެއް؟" ދެރަވެލާފައި މުސްކާން ބުނެލިއެވެ.
"އެވަރަށް ކާފަ އަނިޔާކުރާ މަންޒަރު ފެންނަ ބަޔަކުވެސް އުޅޭނެ.. ހުއްޓުވަން އެކަކުވެސް ނޫޅޭތަ؟ ކީއްވެތަ ޝަރީފުބޭ؟ މަންމައަކީ އަންހެނަކަށް ވާތީތަ؟" މުސްކާންގެ އަޑުގައި ރިހުންއެކުލެވިފައިވެއެވެ.

"ދަރިފުޅާ..! މިދައްކަނީ މީގެ އަހަރުތަކެއް ކުރީގެ ވާހަކަ.. ދަރިފުޅު އުފަންވެސް ނުވާއިރުގެ ވާހަކަ.. އޭރުގެ ހާލަތު ހުންނާނެގޮތް މިހާރު ވިސްނާލަބަލަ.. ތިމަންނާއާއި ބެހޭކަމެއްނޫނޭ ބުނެފައި ހަމަ އެކަކުވެސް އަޅާނުލާނެ.. ގަސްތުގައި މީހަކަށް އަނިޔާލިބޭކަން އެނގިހުރެވެސް ގިނަ ފަހަރު އަޅާނުލާނެ" ޝަރީފުއަށްވެސް އުނދަގޫތަކެއް ވެފައިވާކަން މުސްކާންއަށް ފާހަގަކުރެވުނެވެ.

"މަންމަ ދުނިޔޭގައި އެބަހުރިހެން ހީވޭތަ؟ އެކަން ޔަގީންކުރަން ހެދޭނެ ގޮތެއް ޝަރީފުބެއަށް ވިސްނޭތަ؟ ބައްޕަބުނި، ޝަރީފުބެ ކުރިން އުޅުނީ ޕޮލިސްގައޭ.. އެހެންވީމައި ތަޖުރިބާ ހުންނާނެދޯ" މުސްކާންގެ ހިތްވަރަށް ޝަރީފް ފަޚްރުވެރިވިއެވެ.

މުސްކާންގެ ޖުމުލައާއެކު ޝަރީފުއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. މުސްކާންގެ އުއްމީދު އާވެގެން ދިޔައީ، ޝަރީފުގެ މޫނުމަތީން ފާޅުވި އުޖާލާކަމުގެ ސަބަބުންނެވެ.

"ވަޢުދުވޭ މުސްކާންއަށް އެހީވާނަންކަމަށް.." އަތް ދިއްކޮށްލަމުން މުސްކާން އެދުނެވެ.

***

އޮފީހުގެ ރަސްމީ މަސައްކަތް ނިންމާފައި ޝަރީފު ނިކުތީ ޔަނާލް ގޮވައިގެންނެވެ. އެންމެ ހަމަހިމޭން ރެސްޓޯރަންޓްތަކުގެ ތެރެއިން، ޔަނާލްއަށް އެންމެ ހިތްގައިމު މަންޒިލަކުން މޭޒެއް އިޚްތިޔާރުކޮށް ދެއެކުވެރިން އިށީންދެ، ކެއުމަށް އޯޑަރުކުރިފަހުންވެސް ބައިގަޑީރު ވީއެވެ.

"އަހަރެން ތަކުރާރުކޮށް ބުނަން ބޭނުމީ، ޝަރީފުއާއި ޝެނީންއާއި ދެމެދުގައި ޖެހިގެން އުޅޭ މައްސަލައެއް އަހަންނަށް ހަމަ އެއްގޮތަކަށްވެސް ނޭގެއޭ.. މިދޭތެރެއިން އަހަރެން ޝެނީންއާއި ތަންކޮޅެއް ގިނައިން ވާހަކަދެއްކިން.. އެންމެ ފަހަރަކުވެސް އެކަހެރިކޮށް ބައްދަލުކޮށްފައި ނުހުންނާނެ.. އަމިއްލަ ވާހަކަތަކެއް ދައްކައި، ހިއްސާވެސް ނުކުރަން.. އެކަމަކު ކޮންމެވެސް ކަމެއް ހިނގައިފި ތި ދެމީހުން ދޭތެރޭގައި.." ޔަނާލްގެ ވާހަކަ މެދުކަނޑާލީ ޝަރީފު އެއްޗެކޭ ބުނެތޯއެވެ. ނަމަވެސް ހިނިތުންވުމެއް ފިޔަވައި އިތުރު އިޝާރާތެއް ނުލިބުމުން ޔަނާލް ކުރިއަށް ގެންދިޔައެވެ.

"އަހަރެން ޝަރީގެ ކިބައިން މަޢާފަށް އެދެން ބޭނުމީ، ޝަރީގެ ހުއްދައެއްނެތި ޝެނީންއާއި ވާހަކަދެކެވުނީތީ.. ނިމާއާއި ހަމައަށް ވާސިލްވުމަށް، ޝެނީންއަކީ ހަމައެކަނި އަހަންނަށް ލިބުނު އުއްމީދު.. އެކަމަކު މިހާރު ބިރުގަނޭ، ޝެނީންގެ އެހީ ހޯދަންވެސް.." ޔަނާލްގެ ލޮލުން ޝަރީފުއަށް ފެންނަމުންދިޔައީ މާނަކުރަން އުނގަދޫފަދަ އިޙްސާސްތަކެކެވެ.

ޝެނީންއާއި ޝަރީފުގެ ދެމެދުގައި ކަންހިނގާދިޔަގޮތާއި ޔަނާލްއާއި މުސްކާންގެ ވާހަކައިން ޝަރީފުއަށް އެނގުނު ކަންކަމުގެ ވާހަކަވެސް ފޮރުވުމެއްނެތި ދެއެކުވެރިންގެ ދެމެދުގައި ހިއްސާކުރެވުނެވެ. ޖެހިލުންވުމެއް ނެތި، ދެމީހުންގެ ވާހަކަ ދިގުވެގެންދިޔައެވެ.

"އަހަރެންގެ ހިތުގައި ވިންދެއް ހުއްޓައިވެސް، އުއްމީދު ކަނޑާނުލާނަން.. އަހަންނަށް މިކަން އެނގުނުއިރު ނިމާގެ ބައްޕަ ދުނިޔޭގައި ނެތްކަން އެއީވެސް އަހަރެންގެ ނަސީބުކަމަށްވެދާނެ.. އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް ވަލުޖަނަވާރަކަށްވުރެން ނުބައި އިންސާނެއް.. މަޖުބޫރު ހާލަތުގައިވި އޭނާގެ އުފަންދަރި، ކޮންމެ ރެއަކު ކައި އެ ހުސްކުރީ، އަޅެ ހިތެއްވެސް ނުހައްދަވާތީތަ؟" މޭޒުމަތީގައި ތަންކޮޅެއް ބާރަށް ގޮއްމުށުން ޖަހާލަމުން ޔަނާލް ބުނެލިއެވެ. ހިތްދަތިކަމުން ޔަނާލްގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ބުނާނެ އެއްޗެއް ނޭގި ހަރަކާތް ހުއްޓިފައި ޝަރީފުއަށް އިނދެވުނެވެ.

"ނިމާއަށް އޭނާގެ މަންމަ ދެކިލުމުގެ ނަސީބު ލިބިފައެއް ނެތް.. އެ ޖަނަވާރުގެ ވަކިތަކުގެ ތެރޭގައި އެ ކެތްކުރީ، އަހަރެންގެ މުސްކާން ވިހަންދެން.. ހޮސްޕިޓަލުގައި އޮވެފައި ނިމާ ފިލައިގެން އެދިޔައީވެސް އެ އަނިޔާއަށް އިތުރަށް ކެތް ނުކުރާންވެގެން.. އަމިއްލަ ފުރާޅުގެ ދަށުން ނިކުތުމުގެ އެންމެ ފުރުސަތެއް ނިމާއަށް އެލިބުނީ.. އެފުރުސަތުގައި އޭނާ އަހަރުމެން ދޫކޮށް އެދިޔައީ، އަހަރެންގެ ލޯތްބަށްވެސް އިތުބާރެއް ނެތީމައި.. އަހަރެން ކިހިނެއް ނިމާ ހޯދާނީ؟ ބުނެދީބަލަ ޝަރީ!" އާދޭހާއެކު ޔަނާލްގެ ދެއަތް އުފުލާލިއެވެ.

(ނުނިމޭ)
ހިޔާލު