Haalathu bellevumah Home Minister Imran Maafushi jaluga
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މާފުށި ޖަލަށް ވަޑައިގެން ކަރެކްޝަންސްގެ އޮފިސަރުންނާ ސަލާންކުރައްވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

ހާލަތު ބެއްލެވުމަށް ހޯމް މިނިސްޓަރު އިމްރާން މާފުށި ޖަލަށް ވަޑައިގަންނަވައިފި

މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެތަނުގެ ހާލަތު ބެއްލެވުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ޖަލަށް ޒިޔާރަތް ކުރައްވައިފި އެވެ.
އިމްރާން މާފުށީ ޖަލަށް ވަޑައިގެންނެވީ މިއަދު ހެނދުނެވެ. ހޯމް މިނިސްޓްރީން ބުނީ އެ ޒިޔާރަތުގެ ބޭނުމަކީ ޖަލުގައި ހިނގި ހާދިސާގެ މައުލޫމާތި ހޯދާ، ހާލަތު ދެނެގަތުން ކަމަށެވެ.


ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތަހުގީގެއް ހޯމް މިނިސްޓްރީގެ އެންގުމުގެ މަތިން ފަށާފައިވާއިރު، ތަހުގީގު ނިމުމުމާއެކު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

"މިފަދަ އަމަލުތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޖަލުގެ އިންތިޒާމުތަކަށް ގެންނަންވާ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ދިވެހި ލޮބުވެރި ރައްޔިތުންނަށް އަރުވަން،" އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މާފުށި ޖަލުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ގައިދީންނަށް އަނިޔާވުމަކީ ސަރުކާރުން ބަލައިނުގަންނަ އަދި ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އެ އޮފިސަރަށް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

އެ ހާދިސާއަށްފަހު ޖަލުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ހަބަރު ފެތުރުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން ކަރެކްޝަންސްގެ އިންސްޕެކްޓަރު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ބައެއް ގައިދީންނަށް އަނިޔާވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

އެއަށްފަހު އިއްޔެ ލިބުނު ރިޕޯޓުތައް ބުނާ ގޮތުން ޖަލު އޮފިސަރުން ވަނީ ގައިދީންގެ ބޯބަލާ، ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖެހުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާފަ އެވެ.

އެކަމަކު ކަރެކްޝަންސުން އެކަން ދޮގު ކުރެ އެވެ. ހޯމް މިނިސްޓްރީން ބުނީ އަނިޔާވި ގައިދީންނަށް ލަސްނުކޮށް ފަރުވާ ދިނުމަށް މާފުށީ ޖަލުގެ ޕްރިޒަންސް ޑައިރެކްޓަރަށް އަންގާފައިވާ ކަމަށެވެ.
ހިޔާލު