Maadhama dharubaarugeygai Hunaruveri Skill Show fashanee
image
އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގެ ތެރެއިން-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މާދަމާ ދަރުބާރުގޭގައި "ހުނަރުވެރި ސްކިލް ޝޯ" ފަށަނީ

ސަގާފީ އަދި ސިނާއީ މަސައްކަތާއި ހުނަރު ދައްކާލުމަށް ބާއްވަން ނިންމާފައިވާ "ހުނަރުވެރި ސްކިލް ޝޯ" މާދަމާ ދަރުބާރުގޭގައި ފަށާނެ އެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޕޮންސާ ކުރާ އެ ޝޯ ކުރިއަށް ދާނީ ޖޫން 23 އަދި 24 ގައި ދަރުބާރުގޭގަ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ސީއެންއެމް އަށް ވިދާޅުވީ އެއީ ސްކޫލުތަކުގެ ދަރިވަރުންނާއި ޒުވާނުންގެ އިތުރުން ހުރިހާ އުމުރެއްގެ މީހުންނަށް ހާއްސަ ޝޯއެއް ކަމަށެވެ.

އެގޮތުން ޒުވާނުންނަށް ހުރި ފުރުސަތުތަކާއި ކުރިއަށްދާނެ ދާއިރާ އިހްތިޔާރު ކުރުމަށް ބޭނުންވާ މުހިއްމު މައުލޫމާތު އެ ޝޯގެ ތެރެއިން ލިބިގެން ދާނެ ކަމަށް ހާޝިމް ވިދާޅުވި އެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ސްކިލް ޝޯ ރަސްމީކޮށް ފަށާނީ މާދަމާ ހެނދުނު 10:00 ގައެވެ.

އެއަށްފަހު އިރުއޮއްސި 6:00 އަށް ސްކޫލުތަކުގެ ދަރިވަރުންނަށް ޝޯ ހާއްސަ ކުރެވިފައިވާއިރު އާއްމުންނަށް އެ ޝޯ ހުޅުވާލަނީ ރޭގަނޑު 08:00 އިން 11:00 އަށެވެ.

ޖޫން 24 ވާ ހޯމަ ދުވަހު ވެސް އެ ގަޑިތައް ހާއްސަ ވާނީ ސްކޫލު ދަރިވަރުންނާއި އާއްމުންނަށް ވަކި ވަކިންނެވެ. އެކަމަކު ދެވަނަ ދުވަހު ޝޯ ފަށާނީ ހެނދުނު 09:00 ގައެވެ.

ޝޯ ބަހާލެވިފައި ވަނީ މައިގަނޑު ފަސް ސިނާއަތެއްގެ މައްޗަށެވެ. އެއީ އިޖުތިމާއީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ އަދި ދަތުރުފަތުރުކުރުމާއި މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމެވެ.

ހުނަރު ދައްކުވައިދޭ އެ ޝޯގެ ތެރެއިން ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އައި ބައެއް މަސައްކަތްތަކުގެ ތެރެއިން ނެތިގެން ހިނގައިދާނެ ބައެއް ފަންނުތައް ހުށަހަޅައިދޭނެ އެވެ.
ހިޔާލު