Jaluga aniyaa kurumun commander aku suspend koffi
image
މާފުށި ޖަލު-- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
0 ކޮމެންޓް
 

ޖަލުގައި އަނިޔާކުރުމުން ކޮމާންޑަރަކު ސަސްޕެންޑުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި މައްސަލާގައި ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕު (އީއެސްޖީ) ގެ ކޮމާންޑަރަކު ސަސްޕެންޑުކޮށްފި އެވެ.
ޖަލުގެ ހާލަތެ ބެއްލެވުމަށް މިއަދު މާފުށި ޖަލަށް ކުރެއްވި ޒިޔާރަތަށްފަހު މާލޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ހަމަނުޖެހުންތަކުގައި ހަ ގައިދީއަކަށް އަނިޔާވި ކަމަށެވެ.

އިމްރާން ވިދާޅުވީ، ކުރިން މީޑިއާ އިން ރިޕޯޓު ކުރި ގޮތަށް، ހަމަނުޖެހުން އުފެދުނީ ޖަލު ބަލަހައްޓާ އޮފިސަރަކަށް ގައިދީއަކު ހަމަލާ ދިނުމުން ކަމަށެވެ.

ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި ކަމަށް ވިދާޅުވެ، އިމްރާން ވަނީ ގައިދީންގެ ބޯބޭލި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ހަބަރު ދޮގުކޮށްފަ އެވެ.

އެކަމަކު ޓްރިމަރެއް ބޭނުންކޮށްގެން ގައިދީއެއް ބޯ ތުނި ކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ފުރިހަމައަށް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން މާފުށީ ޖަލުގެ ކޮމާންޑަރަކު ސަސްޕެންޑު ކުރީ އެ މައްސަލަިގެ ތަހުގީގު ނިމެންދެން ކަމަށެވެ.

މައްސަލައިގެ ތަހުގީގު ހޯމް މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ކުރަމުންދާއިރު، ރައްޔިތުންގެ މަޖިލިހުން ވެސް އަންނަނީ އެކަން ބަލަމުންނެވެ.

އެގޮތުން މިރޭ އޮންނަ މަޖިލިހުގެ ކޮމިޓީ ބައްދަލުވުމަށް ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސްގެ އިސްވެރިން ހާޒިރު ކުރާނެ އެވެ. އަދި އިންސާނީ ހައްގުތަކުގެ ކޮމިޓީއަށް ވެސް އެބޭފުޅުން ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އެ އޮފިސަރަށް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

އެ ހާދިސާއަށްފަހު ޖަލުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ހަބަރު ފެތުރުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން ކަރެކްޝަންސްގެ އިންސްޕެކްޓަރު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ބައެއް ގައިދީންނަށް އަނިޔާވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

އެއަށްފަހު އިއްޔެ ލިބުނު ރިޕޯޓުތައް ބުނާ ގޮތުން ޖަލު އޮފިސަރުން ވަނީ ގައިދީންގެ ބޯބަލާ، ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖެހުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާފަ އެވެ.

އެކަމަކު ކަރެކްޝަންސުން އެކަން ދޮގު ކުރެ އެވެ. ހޯމް މިނިސްޓްރީން ބުނީ އަނިޔާވި ގައިދީންނަށް ލަސްނުކޮށް ފަރުވާ ދިނުމަށް މާފުށީ ޖަލުގެ ޕްރިޒަންސް ޑައިރެކްޓަރަށް އަންގާފައިވާ ކަމަށެވެ.
ހިޔާލު