Home Minister Imran aai Commissioner of Prisons Munaz, mirey committee ah haaziru kuranee
image
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން--
1 ކޮމެންޓް
 

ހޯމް މިިނިސްޓަރާއި ޕްރިޒަންސް ކޮމިޝަނަރު މިރޭ ކޮމިޓީއަށް ހާޒިރުކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު މާފުށީ ޖަލުގައި ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް މިރޭ ހާޒިރު ކުރަން ނިންމައިފި އެވެ.
މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު މެންދުރުފަހު ބޭއްވި ކުއްލި ބައްދަލުވުމުގައި އިމްރާނާއި މުނާޒު ހާޒިރު ކުރަން ނިންމީ މިރޭ 08:30 ގައި ބާއްވާ އެ ކޮމިޓީގެ ޖަލްސާއަކަށެވެ.

އެ ދެ ބޭފުޅުން ހާޒިރުކުރަން ނިންމީ ޖަލުގައި ގައިދީންނަށް އަނިޔާކުރާ ކަމަށް ބުނާ މައްސަލާގައި ގައުމީ ސަލާމަތަށް އެކަމުން ހުރި ނުރައްކަލާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެ އިދާރާތަކުން އަޅާފައިވާ މިންވަރު އޮޅުންފިލުވުމަށެވެ.

ޖަލުގައި އަނިޔާކުރި ކަމަށް ބުނާ މައްސަލަ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ބަލަމުންދާއިރު، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އަށް ވެސް އިމްރާނާއި މުނާޒުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން ހާޒިރުކުރަން މިއަދު ހެނދުނު އެކޮމިޓީން ނިންމި އެވެ.

ހިއުމަން ރައިޓްސް ކޮމެޓީން ނިންމާފައި ވަނީ ފުރަތަމަ ކަމާ ބެހޭ ފަރާތްތަކުގެ މައުލޫމާތު ނުވަތަ ރިޕޯޓް އެކޮމިޓީ އަށް ހޯދުމަށެވެ. އެއަށްފަހު ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. ނަމަވެސް ކަމާބެހޭ އިދާރާތަކުގެ އިސްވެރިން ހާޒިރު ކުރާނެ ވަކި ދުވަހެއް މިއަދުގެ ކޮމިޓީން ނިންމާފައެއް ނުވެ އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގީ ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ. އެ އޮފިސަރަށް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

އެ ހާދިސާއަށްފަހު ޖަލުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް ހަބަރު ފެތުރުމާއެކު ހޯމް މިނިސްޓްރީގެ ފަރާތުން ކަރެކްޝަންސްގެ އިންސްޕެކްޓަރު ވަނީ އެތަނުގެ ހާލަތު ބައްލަވާލައްވާފަ އެވެ.

ހޯމް މިނިސްޓްރީން ބުނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމުން ބައެއް ގައިދީންނަށް އަނިޔާވެފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެވެ.

އެއަށްފަހު އިއްޔެ ލިބުނު ރިޕޯޓުތައް ބުނާ ގޮތުން ޖަލު އޮފިސަރުން ވަނީ ގައިދީންގެ ބޯބަލާ، ފުރަގަސް ފަރާތަށް ޕެޕާ ސްޕްރޭ ޖެހުން ފަދަ ލާއިންސާނީ އަމަލުތައް ހިންގާފަ އެވެ.

އެކަމަކު ކަރެކްޝަންސުން އެކަން ދޮގު ކުރެ އެވެ. ހޯމް މިނިސްޓްރީން ބުނީ އަނިޔާވި ގައިދީންނަށް ލަސްނުކޮށް ފަރުވާ ދިނުމަށް މާފުށީ ޖަލުގެ ޕްރިޒަންސް ޑައިރެކްޓަރަށް އަންގާފައިވާ ކަމަށެވެ.
ހިޔާލު

ޞާލިޙް އަލް އިޞްލާޙް

ތި ހުސް ދެއްކުންތެރިކަން. ކޮން ކޮމިޓީއަކަށް؟ މޑޕ އިން ހޮވާފައިވާ މީހުން ތިބުނާ ދެމީހުނަކީވެސް.. ކުށްވެރި ވާނީ ޤައިދީން.