Raajjeyge jaluthakugai aniyaakurumuge dhigu thaareeheh!
image
މާފުށީ ޖަލު-- ފޮޓޯ: ވީނިއުސް
މާއިދާ މުހައްމަދު ރަޝާދު
1 ކޮމެންޓް
 

ރާއްޖޭގެ ޖަލުތަކުގައި އަނިޔާކުރުމުގެ ދިގު ތާރީހެއް!

ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރާ މައްސަލައަކީ މިއަދު އެކަނި ފެންމަތިވެގެން އުޅޭ ވާހަކަތަކެއް ނޫނޭވެ. ޖަލުގައި އަނިޔާކުރުމުގެ ދިގު ތާރީހެއް ރާއްޖޭގައި އެބަ އޮތެވެ. އެންމެ ކުރީއްސުރެ ވެސް ކުށްވެރިންނަށް ރާއްޖޭގައި ދެނީ ލާއިންސާނީ އަދަބެވެ. އަނދަގޮނޑީގެ ވޭންދެނިވި އަނިޔާއިން ފެށިގެން ގޮސް ބުރިން ހަން ނެގުން ފަދަ ކަންކަމަކީ ރާއްޖޭގެ ތާރީހުގައި ހިނގި ކަންކަމެވެ. އެއީ މާ ބޮޑެތި މައްސަލަތައް ކަމަށް ދެކިގެން މައްސަލަ ޖައްސާ ހެދުމަކީ ދިވެހިންގެ އާދައެއް ނޫނެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ކަންކަން ހިނގާ ގޮތަށް ދިވެހިން ލޯހުޅުވެން ފެށީ ޒަމާނީ ތަރައްގީ އަންނަން ފެށުމުންނެވެ. އެންމެ ފުރަތަމަ ޖަލުތައް އެޅުނު ހިސާބުންވެސް އެތަންތަނުގައި ކުށްވެރިންނަށް ލާއިންސާނީ އަނިޔާކޮށް، މަރާ ވާހަކައަކީ އެންމެންނަށް ވެސް އިނގޭ ބޮޑު ސިއްރެކެވެ. ވެރިކަމުގައި އޭރެއްގައި ހުރި މީހެއްގެ ގޮށް މުށަށް ބިރުން އެވާހަކަތައް ވެސް ދެއްކުމަކީ ދިވެހިންގެ އާދައަކަށް ނުވި އެވެ. އެކަމަކު އިންފްރާސްޓްރަކްޗާ ތަރައްގީން ނެއްޓި ސިކުނޑީގެ ތަރައްގީ އަންނަން ފެށި ހިސާބުން މިކަން މުޅިން ބަދަލުވެއްޖެ އެވެ.

ޖަލުގައި މީހުންނަށް އަނިޔާ ކުރުމަކީ މިހާރު ދިވެހިން އެއްގޮތަކަށް ވެސް ގަބޫލު ކުރާނެ ކަމެއް ނޫނެވެ. މިފަހަރު ފެންމަތިވެގެން މި އުޅޭ މައްސަލަ އެހާ ބޮޑު ވަނީ އެހެންވެ އެވެ. އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން ފާޅުގައި ނިކުމެފައި ވާތީ އެވެ. މިފަހަރު ފެންމަތިވެގެން މި އުޅެނީ މާފުށީ ޖަލުގެ އޮފިސަރުންތަކެއް ގައިދީންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެކެވެ. އެގޮތުން އެމީހުންގެ ގައިގާ ތަޅާއި ބޯބޭލި ކަމަށް ބުނާ އަޑުތަކެއް ވެސް އަރައެވެ. މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު އެމައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް މިހާރު އަންނަނީ ބަލަމުންނެވެ. އަދި އެކަމެއް ހިނދާ ދިޔަ ގޮތް ބެލުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް އިއްޔެ ވަނީ ޖަލަށް ޒިޔާރާތް ކުރައްވާފައެވެ.

ޖަލުގައި ގައިދީންނަށް އަނިޔާކޮށް އެމީހުންނަށް ކަރެކްޝަނުން ފަރުވާދޭން ދެކޮޅު ހަދާ ކަމަށް ބުނެ ގައިދީން ޖަލު ގޮޅީގައި އިހުތިޖާޖު ކުރާ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެފަދަ ހަމަނުޖެހުމެއް ހުކުރު ދުވަހުގެ ރޭ މާފުށީ ޖަލުގައި ނުހިނގާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ޖަލުތަކުގައި ގައިދީންނަށް އަނިޔާކުރުމުގެ ދިގު ތާރީހެއް!

ރާއްޖޭގެ ތާރިހުން އެނގެން އޮތް ގޮތުގައި އެންމެ ފުރަތަމަ ކުށްކުރާ މީހުން ހައްޔަރުކޮށްގެން ގެންގުޅެމުން އައީ "ހުރަގޭގަ" އެވެ. ވިހި ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް ހުރަގޭގައި ގައިދީން ބައިތިއްބަމުން އައިކަން ތާރީހުން އެނގެން އޮތްއިރު އޭރު ވެސް އަދި ޖަލުގެ ނަމަށް ބަދަލުކުރެވުނު ފަހުން ވެސް އެތަންތަނުގައި ގައިދީންނަށް އަނިޔާކުރެވެމުން ދިޔައެވެ. ޖަލު އަނިޔާތަކުގެ އަޑު އެންމެ ބޮޑަށް ގަދަވީ ދެކުނު ބަގާވާތާއެކު އެތައް ސަތޭކަ ބަޔަކު ޖަލަށް ލުމާއި ގުޅިގެންނެވެ. އޭރު ޖަލު ހުރީ ހެންވޭރުކޮޅުން މަޖީދީ މަގު ނިމޭ ހިސާބުގަ އެވެ.

ހުރަގޭގައި ބޭރަށް ހިންގުމުގެ ބައްޔާއި ތަފާތު ނުރައްކާތެރި ބަލިތައް އިތުރުވެ 1960 ގެ މެދު ތެރޭގައި ވަނީ މާލެ އަތޮޅު ވިލިނގިއްޔަށް ޖަލު ބަދަލުކުރެވިފަ އެވެ. އެކަމަކު އޭރު ވެސް ޖަލުގައި ކުރެވޭ އަނިޔާތަކަށް ހުއްޓުމެއް ނައެވެ. އެގޮތުން ކަރުތާ ފެނުގައި މޫދުގައި ގައިދީން ބައިތިއްބާ، ގައިގާ ރޯމަސް ބަދެފައި މިޔަރު ފަދަ ތަކެތި އަންނާނެހެން ގިނަ އިރުތަކެއް ވަންދެން ބައިތިއްބަ އެވެ.

ލާއިންސާނީ ޖަރީމާތައް ގައިދީންނާ މެދު ހިންގަމުން ދަނިކޮށް އެފަދަ އަނިޔާތަކާ ދެކޮޅަށް ދިވެހިން ނިކުތީ 2003 ގެ ސެޕްޓެމްބަރު 19 ގައި މާފުށީ ޖަލުގައި، އިންސާނީ ކަރާމަތަށް ކުޑަ ވެސް ބެލުމެއް ނެތި ސިފައިން އަނިޔާވެރިކަމާއެކު މަރާލި އުމުރުން 19 އަހަރުގެ މ. އޭޝިޔާ، އީވާން ނަސީމްގެ މަރާއެކު އެވެ. އެ ދުވަހުގެ އެ ހާދިސާގައި އެތައް ގައިދީންނަކަށް ބޮޑެތި އަނިޔާތައް ލިބުނެވެ. އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ތުންތުން މަތިން ވާހަކަތައް ދެކެވުނަސް ސީދާ އަދަދެއް ނޭނގެ އެވެ.

ރަހުމުކުޑަ ގޮތަކަށް އީވާން މަރާލިތާ މިހާރު ފަނަރަ އަހަރަށް ވުރެ ގިނަ ދުވަސްވި ނަމަވެސް ޖަލުގައި ހިންގާ ލާއިންސާނީ އަނިޔާތަކަށް ބަދަލެއް ނައެވެ. ދޭތެރެ ދޭތެރެއިން ޖަލުގައި އެފަދަ ރަހުމުކުޑަ އަމަލުތައް ހިންގާއިރު ބުރާސްފަތި ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން ކަރެކްޝަނުން ފުރަތަމަ ހެދީ ދޮގުކަން ސާބިތުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޖަލުގައި ހަމަނުޖެހުންތަކެއް ހިންގާ ހަ ގައިދީއަކަށް އަނިޔާވި ކަމަށް ވިދާޅުވުމުންނެވެ.

އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއިރު ގައިދީންގެ ގައިގާ ތަޅާ އަނިޔާކުރި މައްސަލައިގައި ކަރެކްޝަނަލް ސާވިސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ކޮމާންޑަރަކު އިއްޔެ ވަނީ ސަސްޕެންޑުކޮށްފަ އެވެ. ޖަލުގެ ގަވައިދު އޮންނަ ގޮތުން އިމަޖެންސީ އެއްވެސް ކަމެއް ހިނގައިފިނަމަ ކަރެކްޝަނަލް ސާވިސްގެ އީއެސްޖީން އެ މައްސަލައެއް ކޮންޓްރޯލް ކުރަން ޖެހެއެވެ.

އެ ވާހަކަތައް ދެކެވެން ފެށުމުން ކޮމިޝަނާ އޮޕް ޕްރިޒަންސް، އަބްދުﷲ މުނާޒް ވިދާޅުވީ، ޖަލުތަކުގައި މީހުންނަށް އަނިޔާކުރުމުގެ ސަގާފަތް މިހާރު ނޯންނާނެ ކަމަށެވެ. އަދި އެފަދަ އަނިޔާތައް ދިނުމަށް ހިތްވަރު ނުދޭ ކަމަށާއި ގަވައިދުތަކާއި އުސޫލުތަކުން ބޭރުން އެއްވެސް އޮފިސަރަކު އަމަލުކުރާނަމަ ތަހުގީގު ނިމުމުން ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މުނާޒް ވިދާޅުވި އެވެ.

ކޮންމެއަކަސް އެއީ ގައިދީން ކަމުގައި ވިޔަސް ގާނޫނުން އެމީހުންނަށް ކަނޑައަޅާ އަދަބު ފިޔަވައި އިތުރު އަދަބެއް ދީގެން ނުވާނެ އެވެ. ހާއްސަކޮށް ޖަލުތަކުގެ ތޭރިތަކުގެ ތެރޭގައި ކުރެވޭ އެފަދަ ލާއިންސާނީ އަނިޔާތަކާއި ދެކޮޅަށް އެންމެން ތެދުވާން ޖެހެއެވެ. ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިނިއުކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު އައިމަން ރަޝީދުގެ ނަޒަރުގައި އެފަދަ އަނިޔާތައް އިތުރުވަނީ އަނިޔާދޭ އޮފިސަރުންނާއި މެދު އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅޭތީ އެވެ.

"ޖަލުތަކުގައި އަނިޔާ ކުރި މީހުން ޖަވާބުދާރީ ކުރުވާ، ވަޒީފާއިން ދުރުކުރުމަކުން ނުފުދެނޭ، އެއްވެސް މީހަކަށް އަނިޔާ ކޮށްގެން ނުވާނެ،" އައިމަން ވިދާޅުވި އެވެ.

ދާދި ފަހުން ޖަލުގައި އަނިޔާކުރި މައްސަލާގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓެއްގައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ވަރުގަދަ ދަލުގައި ތާށިވެފައި ތިބެނީ ހުސް "ރިޖެކްޓް ކަންނެލި" ކަމަށް ޖަލު ބަލަހައްޓާ މީހުން ދެކޭހާ ދުވަހަކު ޖަލުގައި އަނިޔާކުރުން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އިންސާނުން އިންސާނުން ކަމަށް ދެކެން ޖެހޭ، އިންސާނީ ކަރާމާތަކީ ޖޯކެއް ނޫން،" އަލީ ހުސެއިން ވިދާޅުވި އެވެ.

އިންސާނަކަށް ވީތީ ލިބެން ޖެހޭ ހައްގުތަކުން ގައިދީން ކަމުގައި ވިޔަސް މަހްރޫމް ނުކުރުމަށް ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ވެއެވެ. އަދި 2004 ވަނަ އަހަރު ރާއްޖެއިން ވަނީ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ތެދުވުމުގެ ގޮތުން ބައިނަލްއަގްވާމީ މުއާހަދާއެއް ވެސް ތަންފީޒުކޮށްފަ އެވެ. އިންސާނީ ކަރާމާތަކީ ހަމައެކަނި ގަނޑެއްގައި ލިޔެފައި އޮންނަ ލިޔުންކޮޅަކަށް ހެދުމުގެ ބަދަލުގައި އިންސާނުންނާ މެދު ހިންގޭ އެފަދަ ޖަރީމާތައް ހުއްޓުވުމަށް މަސައްކަތް ފަށަން ވެއްޖެ އެވެ.
ހިޔާލު

ޑޮޓު

ކޮބާ