Gaidheen ge boa vanee thunikkoh koshaafai: Home minister
image
ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ މިއަދު މާފުށި ޖަލަށް ވަޑައިގަންނަވަނީ-- ފޮޓޯ: ހޯމް މިނިސްޓްރީ
1 ކޮމެންޓް
 

"ގައިދީންގެ ބޮލެއް ނުބާލާ، އެކަމަކު ބޯވަނީ ތުނިކޮށް ކޮށާފައި"

މިިދިޔަ ބުރާސްފަތި މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އެހެން ވިދާޅުވިއިރު ކަރެކްޝަންސް އިން ރޭގެ ވަގުތެއްގައި ބުނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ.

އިމްރާން މާފުއްޓަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ގައިދީންގެ ބޯ ނުބާލާ ކަމަށްބުނެ ކަރެކްޝަންސުން ދޮގު ހެދީ ކީއްވެގެންކަން ނޭނގޭ ކަމަށެވެ.

އިމްރާން ވިދާޅުވީ ބައެއް ހާލަތްތަކުގައި މިހާތަނަށް ގައިދީން ބަސް ނޭހުމުން ބޯ ތުނިކޮށް ކޮށާ ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކުގައި ވެސް ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށާއި ނަމަވެސް އެއީ އެކަން ވެގެން ވާނެ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ގައިދީންގެ ބޮލެއް ނުއެއް ބާލާ. އެކަމަކު ތުނިކޮށް ކޮށާފައި ވަނީ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކޮށްފައިވާ ކަމަށާއި އެކަން ގަބޫލުކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިތުރު އެއްޗެއް ދެންނެވޭނީ ތަހުގީގަށް ފަހު ކަމަށެވެ.

ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މިނިސްޓަރު އިމްރާނާއި ކޮމިޝަނަ އޮފް ޕްރިޒަންސް މަޖިލީހުގެ ގައުމީ ސަލާމަތު ކޮމިޓީއަށް މިރޭ ހާޒިރު ކުރާއިރު ކަރެކްޝަންސްގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) ގެ ކޮމާންޑަރަކު ވަގުތީ ގޮތުން ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފަ އެވެ.
ހިޔާލު

އިބުރާހީމޫ

ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތާކެއްޒަމާނަކު އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....