America inn hushahelhi USD 50 billion ah Palestine inn bunee noonekey
image
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް-- ފޮޓޯ: ސްޓްރެއިޓްސް ޓައިމްސް
0 ކޮމެންޓް
 

އެމެރިކާ އިން ހުށަހެޅި 50 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓަށް ފަލަސްތީނުން ބުނީ ނޫނެކޭ

މެދުއިރުމަތީގެ ސުލްހައިގެ ޕްލޭނުގެ އިގްތިސާދީ އިންޖީނުގެ ގޮތުގައި ފަލަސްތީނާއި އަވައްޓެރި އަރަބި ގައުމުތަކަށް 50 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ފަންޑެއް ގާއިމް ކުރުމަށް އެމެރިކާ އިން ހުށަހަޅައިފި އެވެ.
އެ ހުށަހެޅުން މިހާރު ވަނީ ވައިޓް ހައުސްގެ ވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ. ބަހްރެއިން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމގެއްގައި "ގަރުނުގެ ޑީލް" އާ ބެހޭ ގޮތުން މަޝަވާރާ ކުރަން އޮތީ ހަމަޖެހިފަ އެވެ.

ބަހްރެއިން ގައި ބާއްވާ މަނާމާ ކޮންފެރެންސް ގައި ފަލަސްތީނުން ބައިވެރި ނުވާނެ ކަމަށް މިހާރު އޮތީ ބުނެފަ އެވެ. އެގައުމުގެ ރައީސް އިއްޔެ ވަނީ އެމެރިކާގެ ހުށަހެޅުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"ސިޔާސީ ހާލަތާ މެދު މަޝްވަރާ ކުރުމުގެ ކުރިން އިގްތިސާދީ ހާލަތުގެ ވާހަކަ ދައްކައިގެން ނުވާނެ. މި މައްސަލައަށް ސިޔާސީ ހައްލެއް ނުލިބެނީސް އިގްތިސާދީ ހައްލެއް ބޭނުމެއް ނޫން،" ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާގެ ހުށަހެޅުމުގައި މެދުއިރުމައްޗަށް ދިމާވެފައިވާ މުހިއްމު ގިނަ ކަންކަން ހިމަނާފައެއް ނުވެ އެވެ. އެގޮތުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަނެފައިވާ މައްސަލަ އާއި، ރެފިއުޖީން އަމިއްލަ ގައުމަށް އަނބުރާ ދިޔުމުގެ ހައްގާއި، ބޯޑަރުތައް ކަނޑައެޅުމުގެ އެއްވެސް ވާހަކައެއް އެ ހުށަހެޅުމުގައެއް ނުވެ އެވެ.

އޭގެ ބަދަލުގައި އެ ހުށަހެޅުމުގައި ވަނީ 179 އިންފްރާސްޓްރަކްޗާ މަޝްރޫއާއި، ފަލަސްތީނުގެ ފަތުރުވެރިކަން ކުރިއަރުވަން ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓާއި، ހުޅަނގު އައްސޭރި އާއި ގާޒާ ގުޅުވާލަން ފަސް ބިލިއަން ޑޮލަރުގެ ދަތުރުފަތުރުގެ ކޮރިޑޯއެއް ގާއިމް ކުރުމުގެ ވާހަކަ އެވެ.

އެ ހުށަހެޅުމުގައި ހިމަނާފައިވާ 50 ބިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައި ހޭދަ ކުރަން ނިންމާފައި ވަނީ ފަލަސްތީނުގެ ސަރަހައްދުތަކުގެ ތަރައްގީ އަށް ކުރިއަށް އޮތް 10 އަހަރަށް ބަހާލައިގެންނެވެ. ބާކީ ފައިސާ ހޭދަ ކުރާނީ މިސްރު، ލުބްނާން، އަދި އުރުދުންގެ ތަރައްގީ އަށް ބަހާލައިގެންނެވެ.
ހިޔާލު