Donald Trump ge haassa sitee fulheh North Korea ge leader ah
image
ކިމް ޖޮން-އުން ސިޓީފުޅެއް ކިޔުއްވަނީ-- ފޮޓޯ: ބީބީސީ
ރައްޔާން މުހައްމަދު
0 ކޮމެންޓް
 

ޑޮނަލްޑް ޓްރަމްޕުގެ ހާއްސަ ސިޓީފުޅެއް އުތުރު ކޮރިއާގެ ލީޑަރަށް

އުތުރު ކޮރިއާގެ ލީޑަރު، ކިމް ޖޮން އުން އަށް އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ފަރާތުން ސިޓީފުޅެއް ލިބިފައިވާ ކަމަށް، އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
ކޮރިއަން ސެންޓްރަލް ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި، ކިމް ވަނީ ޓްރަމްޕްގެ ސިޓީފުޅަށް ތައުރީފު ކުރައްވާ، އެ ސިޓީގައި ވަނީ "އެކްސެލެންޓް" ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ކިމް ވަނީ ރައީސް ޓްރަމްޕްގެ ހިތްވަރު ގަދަ ކަމަށް ވެސް ތައުރީފު ކުރައްވާފަ އެވެ. ޓްރަމްޕްގެ ސިޓީ ކިމް އަށް އަރުވާފައިވާ ގޮތުގެ ތަފްސީލް އަދި އެނގިފައި ނުވާއިރު، ޖޫން މަހުގެ ކުރީކޮޅު އުތުރު ކޮރިއާގެ ލީޑަރުގެ ފަރާތުން ޓްރަމްޕަށް ވެސް ސިޓީފުޅެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އުތުރު ކޮރިއާ އިން ނިއުކްލިއާ ހަތިޔާރުތައް އުފެއްދުމާއި ބޭނުންކުރުން ހުއްޓާލުމަށް މީގެ ކުރިން ޓްރަމްޕް ވަނީ އެތައް ފަހަރެއްގެ މަތިން ގޮވާލައްވާފަ އެވެ.

އެފަދަ އަމަލުތައް ހުއްޓާނުލާ ކުރިޔަށް ގެންދާނަމަ ބައިނަލްއަގްވާމީ ފަރާތްތަކުން އުތުރު ކޮރިއާ އާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ވިއެޓްނާމް ގައި ބޭއްވި ސަމިޓެއްގައި ދެގައުމުގެ މެދުގައި ނިއުކްލިއާ މައްސަލައާ ގުޅޭ މަޝްވަރާ ކޮށްފައިވާއިރު، އެއްބަސްވުމަކަށް ނާދެވި ސަމިޓް ވަނީ ނިންމާލާފަ އެވެ.

ފަހަކަށް އައިސް އެމެރިކާގެ ރައީސް ވަނީ އެކި މުނާސަބަތުތަކުގައި ލީޑަރު ކިމް އަށް ތައުރީފް ކުރައްވާފަ އެވެ. ދެބޭފުޅުންގެ މެދުގައި ސިޓީތައް ބަދަލުކުރެވެމުންދާ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އާދިއްތަ ދުވަހު ކޮރިއާގެ ދައުލަތުގެ މީޑިއާ އިން ހާމަކޮށްފައިވާ ހަބަރުތަކާ މެދު ވައިޓް ހައުސް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އަންނަ ހަފްތާގައި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި-އިން އާ ބައްދަލު ކުރައްވާ މަޝްވަރާތައް ކުރުމަށް ޓްރަމްޕް އެގައުމުގެ ވެރިކަން ކުރާ ސިޓީ ސޯލް އަށް ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިޔާލު