މާފުށީ ޖަލުގެ ގައިދީއަކު ޖަލު ބަލަހައްޓާ އޮފިސަރަކަށް ހަމަލާ ދިނުމާ ގުޅިގެން އެ ތަނުގެ އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ) އޮފިސަރުން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރި ކަމަށް ސަރުކާރުން ބުނެ އެ ގްރޫޕްގެ ކޮމާންޑަރު ސަސްޕެންޑް ކުރި އިރު، އެ ކަންކަމާއި ގުޅިގެން އޮފިސަރުން ހިތްހަމަ ނުޖެހިފައި ތިބިކަން އެނގިއްޖެ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އީއެސްޖީ އޮފިސަރުން މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ގައިދީން އެކި ބޭނުންތަކުގައި މާލެ ގެންނަނީ އީއެސްޖީ އޮފިސަރުންގެ ބެލުމުގެ ދަށުން ކަމަށް ވާއިރު، މިހާރު ވެސް އެފަދަ މަސައްކަތްތައް އީއެސްޖީ އޮފިސަރުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ބުރާސްފަތި ދުވަހު ޖަލުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އީއެސްޖީ އޮފިސަރުން ހިތްހަމަނުޖެހިފައި ތިބި އިރު، އެކަމާއި ގުޅޭގޮތުން ކަރެކްޝަންސް އިން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އީއެސްޖީ އޮފިސަރުން އަންނަނީ ޖަލުގެ ގޮޅިތަކަށް ވަނުމާއި، ގައިދީން މާލެ ގެނައުން ފަދަ ކަންކަން ކުރާއިރު އެ މީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނަމުންނެވެ.
މާފުށީ ޖަލުގެ ހަތަރު ވަނަ ޔުނިޓުގައި ހަމަނުޖެހިން ހިނގީ އެހެން ގޮޅިއެއްގައި ހުރި ގައިދީއެއްގެ އަތުން ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އެދުމުން ޖަލު ބަލަހައްޓާ އޮފިސަރު އެކަމަށް ދެކޮޅު ހެދުމުން ކަމަށް ވެއެވެ. އެއާ އެކު ގައިދީއަކު އިސްވެ އޮފިސަރަށް ހަމަލާ ދިނީ އެވެ.
އެ ހަމަނުޖެހުމާ އެކު އީއެސްޖީން އެ ޔުނިޓަށް ވަދެ ގައިދީން ގަޔަށް ޕެޕާ ސްޕްރޭ ޖަހައި، އަނިޔާކުރި ކަމަށް ވެއެވެ. އަދި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށި ކަމަށް ވެސް ބުނެ އެވެ. އެ ހަމަނުޖެހުންތަކުގައި އެ ޔުނިޓުގެ ސީސީ ޓީވީ ކެމެރާތައް ތަޅާލާ، ގައިދީ އަކަށް އަނިޔާވި ކަމަށް ވެއެވެ.
އެ ކަންކަން ކުރީ ކޮން އޮފިސަރުންނެއް ކަމެއް އަދި ހޯދިފައި ނުވާ ކަމަށް ވެއެވެ. އެ ކަންކަމާ ގުޅިގެން ހޯމް މިނިސްޓަރާއި ކަރެކްޝަންސްގެ އިސް ވެރިން އިއްޔެ ވަނީ މާފުށީ ޖަލަށް ޒިޔާރަތް ކޮށް، ގައިދީންނާ ބައްދަލު ވެސް ކޮށްފަ އެވެ.