Huhtumeh nethi 35 meylu raalhu gudeegai!
image
ކައިޓް ސާފަރުން ފުނދޫގައި-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ރައްޔާން މުހައްމަދު
0 ކޮމެންޓް
 

ކުޅުދުއްފުށިން ފުނަދޫއަށް ރާޅުގުޑީގައި ނުވަ ޒުވާނުން ދަތުރުކޮށްފި

ރާއްޖޭގައި މިހާރު މަގްބޫލުވަމުން އަންނަ ކުޅިވަރެއް ކަމަށްވާ ސައިފް ކާޓިން ނުވަތަ ރާޅުގުޑި ދުއްވުމުގައި އުޅޭ ޒުވާނުންތަކެއް ހދ. ކުޅުދުއްފުށިން ފެށިގެން ގޮސް ށ. ފުނަދޫ އަށް ދަތުރުކޮށްފި އެވެ.
އިއްޔެ ފެށި އެ ހަރަކާތަކީ "ގަމީސް ވައި ދަށަށް" ނަމުގައި ކުޅުދުއްފުށީ ކައިޓް ބޯޑިން ގެ ފަރާތުން އިންތިޒާމު ކުރި ހަރަކާތެކެވެ. އެ ހަރަކާތުގައި ނުވަ ޒުވާނަކު ވަނީ ކުޅުދުއްފުށިން ށ. ފުނަދޫ އަށް ރާޅު ގުޑީގައި ދަތުރުކޮށްފަ އެވެ.

ދެގަޑިއިރުން ދަތުރު ނިންމާލެވޭނެ ކަމަށް ލަފާކޮށް ބައިވެރިން ދަތުރު ފަށާފައިވަނީ ކުޅުދުއްފުށިން އިއްޔެ ހެނދުނު 09:45 ހާއިރެވެ. އެކަމަކު ދަތުރު ނިމުނީ ތިން ގަޑިއިރާއި ތިރީސް މިނެޓު ފަހުންނެވެ.

ދަތުރު ފަށައިގެން 35 މޭލު ކަޑައްތުކޮށް، ކައިޓު ސާފަރުންތަކަށް ފުނަދޫ އަށް ދެވުނީ މެންދުރު 01:15 ހާއިރެވެ. މިއީ ރާޢްޖޭގައި މިހާތަނަށް ރާޅުގުޑީގައި ކުރި އެންމެ ދިގު ދަތުރެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިހަރަކާތުގައި ބައިވެރިވެފައިވަނީ ހދ. ކުޅުދުއްފުށީގެ ހަތް ޒުވާނުންނާއި، ބ. އަތޮޅުގެ ދެ ޒުވާނުން އަދި ފުވައްމުލަކު ސިޓީގެ ޒުވާނެކެވެ.

އެ ހަރަކާތް ކާމިޔާބު ކަމާއެކު ނިންމާލުމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރް އަބްދުއްލަތީފް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ކުޅުދުއްފުއްޓަށް ރީތި ނަން ހޯދާ ދިނުމަށާއި ރާޅުގުޑި ކުރިއެރުވުމަށް ކުޅުދުއްފުށީ ކައިޓް ބޯޑިން ކޮމިއުނިޓީ އިން ކުރާ ބުރަ މަސައްކަތަށް ޔާސިރް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރާޅުގުޑީގެ އިތުރު ހަރަކާތެއް މިހާރު ވެސް ދަނީ ކުރިއަށެވެ. އެގޮތުން ދިރާގާއި ޕާލޭ މޯލްޑިވްސް ގުޅިގެން މިދިޔަ އަންގާރަ ދުވަހު ފެށި ހަރަކާތުގައި އައްޑީ އިން ތުރާކުނަށް ރާޅުގުޑީގައި ދަތުރު ކުރާނެ އެވެ.

ޖުމްލަ 15 ދުވަހަށް ކުރިއަށް ގެންދާ އެ ހަރަކާތުގައި ހަތަރު ބައިވެރިއަކު 13 ރަށަކަށް މަޑުކުރާނެ އެވެ. އަދި މަޑުކުރާ ކޮންމެ ރަށެއްގައި ވެސް އެއްފަހަރު ބޭނުންކޮށް އެއްލާލާ ޕްލާސްޓިކް މަދުކުރުމަށް ޕްރޮގްރާމް ހިންގާނެ އެވެ.
ހިޔާލު