3 rashehge bandharu hadhan dhe kunfunyakaa havaalu kohfi
image
ތިން ރަށެއްގެ ބަނދަރު ހަދަން ދެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ތިން ރަށެއްގެ ބަނދަރު ހަދަން ދެ ކުންފުންޏަކާ ހަވާލުކޮށްފި

ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޕްލޭނިން މިނިސްޓްރީން މިއަދު ދެ ކުންފުންޏަކާއެކު އެއްބަސްވެއްޖެ އެވެ.
ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައި ވަނީ ނ. ހެނބަދޫ އާއި ށ. ނޫމަރާގެ އިތުރުން ސ. މީދޫގައެވެ. ޕްލޭނިން މިނިސްޓްރީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޫމަރާގެ ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް އީ ކޮންސްޓްރަކްޝަނަށެވެ. އަދި ހެނބަދޫ އާއި މީދޫ، ބަނދަރުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

ނޫމަރާގައި ބަނދަރު ހެދުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތި ޝާނާ ފާރޫގް ސޮއި ކުރެއްވިއިރު ސާސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެރަށު ބަނދަރުގެ މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 9.9 މިލިއަނަށް ކަމަށެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި އެެމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާއިރު އެމަޝްރޫއުގެ ދަށުން ނޫމަރާގައި 48 މީޓަރުގެ ގްރޮއިން ޖަހައި 63 މީޓަރުގެ ބޭރު ތޮއްޓެއް ލެވޭނެ އެވެ. އަދި ދެ ނެރު ބައްތި ވެސް ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން ހެނބަދޫ އާއި މީދޫ ބަނދަރުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީން އެމިނިސްޓްރީގެ ޑިރެކްޓާ ޖެނަރަލް ފާތިމަތު ޝާނާ ފާރޫގް ސޮއި ކުރެއްވިއިރު އެމްޓީސީސީން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ.

ހެނބަދޫގައި ބަނދަރު ތަރައްގީކުރުމަށް 26.6 މިލިއަނަށް ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރިއިރު މީދު ބަނދަރުގެ މަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 33 މިލިއަން ރުފިޔާ އަށެވެ. އެގޮތުން ހެނބަދޫ ބަނދަރުގެ މަޝްރޫއު ނިންމުމަށް 300 ދުވަސް އެކުންފުންޏަށް ދީފައިވާއިރު މީދޫ ބަނދަރުގެ މަޝްރޫއު ނިންމުމަށް ވަނީ އަހަރެއް ދީފައެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، ހެނބަދޫ މަޝްރޫއުގެ ދަށުން 23 މީޓަރު ގްރޯއިން ޖެހުމާއި 223 މީޓަރު ބޭރު ތޮށި ޖެހުމުގެ އިތުރުން 86 މީޓަރު ރިވެޓްމެންޓް އަދި 203 މީޓަރު އެއްގަމު ތޮށި ހަދާނެ ކަމަށެވެ. އޭގެ އިތުރުން ބަނދަރުގައި 11 މީޓަރުގެ ރޭމްޕެއް ވެސް ހަދަން ނިންމާފައިވާއިރު އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހަދައި ބަނދަރު ފުން ކުރުމާއި ބަނދަރުގެ މަގު ފުން ކުރުން ވެސް ހިމެނެ އެވެ. އަދި ހަތަރު ނެރު ބައްތި ޖަހައި ބަނދަރު ސަރަހައްދުގައި 11 ލައިޓް ހަރުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

އެ މަޝްރޫއުގެ ދަށުން މީދޫގައި 115 މީޓަރު ބޭރު ތޮށި ޖަހައި 496 މީޓަރު އެއްގަމު ތޮއްޓެއް ހެދޭނެ އެވެ. އަދި ބަނދަރުގައި 11 މީޓަރުގެ ރޭމްޕެއް ހެދުމަށް ވެސް ނިންމާފައިވާއިރު އެއްގަމު ތޮށި ވަށައިގެން ޕޭވްމަންޓް ހަދައި ބަނދަރު ފުން ކުރުން ހިމެނެ އެވެ. އަދި ބަނދަރު މަގު ފުންކޮށް ހަތަރު ނެރު ބައްތި އެރަށުގައި ވެސް ޖަހާނެ އެވެ. އޭގެ އިތުރުން ބަނދަރުގައި ލައިޓް ވެސް ހަރުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ހިޔާލު