ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ފެށުމަށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މާދަމާ ބާއްވާ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޖޭއެސްސީންގެ ޖަލްސާ އަށް އެކަން އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެދުމުގެ މަތިންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޖޭއެސްސީގެ މެމްބަރުން މި މަހުގެ 14 ވަނަ ދުވަހު ހާޒިރު ކުރުމުން ވަނީ ފަނޑިޔާރުންގެ ފެންވަރު ބެލުން 2014 ވަނަ އަހަރު ސްޕްރީމް ކޯޓުން ފޮނުވި ސިޓީއަކާ ގުޅިގެން ހުއްޓިފައިވާ ކަމަށް ބުނެފަ އެވެ.
ޖޭއެސްސީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ އެ ކޮމިޓީގައި ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ބެލުން ސްޕްރީމް ކޯޓުން ހުއްޓުވި ނަމަވެސް އެކަން އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަސްތޫރުގެ ވާހަކަ އާ ގުޅިގެން އެ ކޮމިޝަނުގެ ރައީސް އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް މަޖިލީހުގެ ކޮމިޓީގައި ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީ އަށް ނުކުރެވޭނެ ކަމަށް އަންގައި ސްޕްރީމް ކޯޓުން ސިޓީ ފޮނުވީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށެވެ.
ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީ އަށް މަތިކޮށްފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 56 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބުނަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރު، ޖޭއެސްސީން ފަނޑިޔާރުންގެ ފެންވަރު ބަލަން ޖެހޭނެ ކަމަށެވެ. ގާނޫނަކުން ޖޭއެސްސީ އަށް މަތިކޮށްފައިވާ މަސައްކަތެއް ހުއްޓުވުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސްނުކުރެވޭނެ ކަމަށް އެ ކޮމިޓީގައި ބައިވެރިވި ޖޭއެސްސީގެ ގިނަ މެމްބަރުންނާއި، އެ ކޮމިޓީގެ މެމްބަރުން ވެސް ފާހަގަ ކުރި އެވެ.
އެގޮތުން ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން ޖޭއެސްސީ އަށް އިންތިހާބުކޮށްފައިވާ ފަނޑިޔާރު މުހައްމަދު އީސާފުޅު ވެސް ވަނީ ޖޭއެސްސީގެ މަސައްކަތަށް ސްޕްރީމް ކޯޓުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ފަނޑިޔާރު އީސަ ވިދާޅުވެފައި ވަނީ، ޖޭއެސްސީން ކަންކަން ނިންމުމަށް ވަކި ގޮތަކަށް ވޯޓް ދިނުމަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްފައި ނުވާ ކަމަށެވެ. އެކަމަކު، ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ޖޭއެސްސީ އަށް ނުކުރެވޭނެކަން ސްޕްރީމް ކޯޓުން އަންގާފައި އޮތް އޮތުމުން ވެސް، އެ ކޮމިޝަނުގެ މައްޗަށް ސްޕްރީމް ކޯޓުގެ ނުފޫޒު އޮތް ވަރު ހާމަވާ ކަމަށް ފަނޑިޔާރު އީސަ ވިދާޅުވި އެވެ.