Salaamathah nurahkaavaa fadha thakethi huri kamah beleveythee Maafushi jalu balai faaskuranee
image
މާފުށީ ޖަލު--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ސަލާމަތަށް ނުރައްކާވާ ފަދަ ތަކެތި ހުރި ކަމަށް ބެލެވޭތީ މާފުށި ޖަލުގެ ޔުނިޓެއް ބަލާ ފާސްކުރަނީ

ކ. މާފުށީ ޖަލުގައި މިދިޔަ ބުރާސްފަތި ދުވަހު އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި ރިމާންޑް މީހުން ބަންދުކުރާ ޔުނިޓުގެ ސެކިއުރިޓީ ކެމެރާތައް ތަޅާލާފައި ވާތީ އާއި އެ ޔުނިޓުގައި ޖަލުގެ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ތަކެތި ގެންގުޅޭ ކަމަށް ބެލެވޭތީ އެ ޔުނިޓު ބަލާ ފާސްކުރަން ތައްޔާރުވަމުން އެބަ ދެއެވެ.
ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިހާރު ތައްޔާރުވަމުން އަންނަނީ އެ ޔުނިޓު ފުރިހަމަ އަށް ބަލާ ފާސްކުރަން ކަމަށެވެ. ޖަލުގެ ކަންކަން އާއްމު ހާލަތުގައި ދެމެހެއްޓުމަށް ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

މިނިސްޓްރީގެ އިރުޝާދާ އެއް ގޮތަށް ކޮމިޝަނާ އޮފް ޕްރިޒަންސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ އިތުރުން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ހާޒިރުގައި ފުރިހަމަ އަށް ވީޑިއޯ އަދި އޯޑިއޯ ރިކޯޑް ކުރެވިގެން ޖަލުތައް ބަލާ ފާސްކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އޭގެ އިތުރުން މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ އޮޕަރޭޝަން ގާތުން ބެލުމުގެ ފުރުސަތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބޭނުންވާނަމަ އެފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށް ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާއި ޖަލު އޮފިސަރުން ހިފަހައްޓަން ޖެހޭ ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާ އެއް ގޮތްވާގޮތުގެ މަތިން ކަމަށާއި ބާރުގެ ބޭނުންކުރާނީ ކޮންމެހެން ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެކަށީގެންވާ އެންމެ ދަށް މިންވަރަށް ކަމަށެވެ.

ބުރާސްފަތި ދުވަހު ޖަލުގައި ހިނގާދިޔަ ހާދިސާއާއެކު ސިއްރުކުރުމުގެ ސަގާފަތް ދޫކޮށްލައި، ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކޮށް ގާނޫނާ އެއް ގޮތްވާގޮތުގެ މަތިން އެންމެހައި ކަންކަން ކުރިއަށް ގެންދިއުމަކީ މިނިސްޓްރީގެ ސިޔާސަތު ކަމަށާއި އެހެން ކަމުން ނަފުރަތު އުފެދޭނެ މައުލޫމާތު ނުފެތުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ހިޔާލު